ސިމާނާގެ ތަޖުރިބާއިން މައެއްގެ ދިރިއުޅުމުގެ ނުދައްކާ ވާހަކަތައް

ސިމާނާގެ ތަޖުރިބާއިން މައެއްގެ ދިރިއުޅުމުގެ ނުދައްކާ ވާހަކަތައް

އުފަލާއި ކަރުނަ އަދި މާޔޫސްކަން، ރުޅި އާއި އެކަނިވެރިކަމާއި ހިތްނުތަނަވަސް ކަން އަދި ކަމަކާ ނުލައި ނަފްސު ކުށްވެރިކުރާ ކުރުން: މަޔަކަށް ވާ ހިސާބުން ނުވަތަ މަޔަކަށް ވުމުގެ މަރުހަލާގައި މި އިހުސާސްތައް ތަޖުރިބާ ނުކުރާ އަންހެނަކު މަދުވާނެ އެވެ. ގިނަ ފަހަރަށް މިހެން ވަނީ މަޔަކަށް ވާހިސާބުން ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އޭގައި އަމިއްލަ ކުށް ނުވަތަ އަމިއްލަ މީހާގެ އުންޏެއްވާކަމުގެ އިހުސާސުގެ މަތީގައި ތިބެވޭތީ އެވެ.

މެލޭޝިއާ އިން ހޮސްޕިޓަލިޓީ ކިޔަވައިގެން މާލެއަށް ބަދަލުވެ، ބަނޑޮހާއި މީޑިއާނެޓް ފަދަ ތަންތަނުގައި މެނޭޖަރު ލެވެލްގެ ވަޒީފާ އަދާކުރި ސިމާނާ އިސްމާއިލްފުޅު މި ސިފަކޮށްދެނީ އެކަމެވެ. ކުންފުންޏެއްގެ މެނޭޖަރެއްގެ ވަޒީފާ އާއި މައެއްގެ ޒިންމާގެ ހުރި ބޮޑު ފަރަގެވެ. އޮފީސް ވަޒީފާ އަކާއި އަޅައި ކިޔައި ނުލެވޭވަރަށް މައެއްގެ ޒިންމާ އާއި ތަކުލީފުތައް ގިނަވެފައި އުނދަގޫ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ފުރަތަމަ ދަރިފުޅު ވިހައިގެން އުޅުނު ދުވަސްކޮޅު ވަރަށް ގިނަ މީހުން ހާލު ބަލަން ގުޅައި، ގެއަށް ވެސް އަންނާނެ. އެކަމަކު ދުވަސްކޮޅަކުން ދަރިފުޅާއެކު ހުރިހާ ކަމެއް އެކަނި ކުރަން ޖެހުނު ހިސާބުން ގިލްޓާއި އެކަނިވެރިކަން އިހުސާސްކުރެވެން ފެށުނު. ކަންކަން ބޭނުންވާ ގޮތާ ގާތަށް ވެސް ހެންޑްލް ނުކުރެވޭތީ، ގޭތެރެ ހަޑިކޮށް ހުންނާތީ ހިތަށް އަރަނީ އެއް ކަމެއް ވެސް ކުރަން ނޭނގެއޭ. ފެއިލިއާ އެކޭ. އާދައިގެ ޒިންމާތަކެއް ރަނގަޅަށް ނަގަން ނޭނގެ އޭ،" ފިރިމީހާ ނޫން އެހީތެރިއަކު ނެތި އަލަތު ދަރިފުޅާއެކު ހޭދަކުރި ފުރަތަމަ ދުވަސްކޮޅުގެ ވާހަކަތައް ސިމާނާ ހިއްސާކުރި އެވެ.

މިއީ މުޅިން ތަފާތު ދެކަމެކެވެ. ތަފާތު ޒިންމާތަކެކެވެ. އެކަމަކު ގިނަ ފަހަރަށް އެއް ތިލަފަތަކުން ކިރަން މީހުން މަސައްކަތް ކުރާ ދެކަމެކެވެ.

"ކުރީގަ މީޑިއާނެޓްގައި އުޅުނު އިރު އައި ވޯޒް ހެންޑްލިންގް ފަސް ދޮޅަް ވަރަކަށް ސްޓާފުން. މިހާރު ހެންޑްލް ކުރަން ޖެހެނީ ކުޑަކުޑަ އެންމެ ދެ ކުދިން އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ފަސްދޮޅަސް ސްޓާފުން ގެންގުޅުމަށް ވުރެ މާ ސްޓްރެސްފުލް ކަމެކޭ ކުދިން ހެންޑްލް ކުރުމަކީ،" ސިމާނާ ބުންޏެވެ.

ސިމާނާގެ އާއިލާ
ސިމާނާގެ އާއިލާ

ސިމާނާގެ އާއިލާ

ކެރިއަރުގެ އެންމެ މަތީ ހަރުފަތުގައި ހުރެފައި ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ވަޒީފާއިން ފެއަށް ޖެހިލައި، އާއިލީ ޒިންމާތަކަށް ހުސްވެގެން ހުރި ސިމާނާއަށް އޭނާގެ ނަފްސަށް ފުރިހަމަ އިތުބާރު އޮތެވެ. އޭނާ އާއި ދަރިފުޅަށްޓަކައި ފިރިމީހާ ބުރަކޮށް، ވެވުނު އެންމެ ފުރިހަމައަށް މަސައްކަތް ކުރާއިރު ދެން ހުރި ހުރިހާ ކަމެއް އޭނާއަށް ފުރިހަމަ އަށް ކުރެވެންޖެހޭނެ ކަމަށް ގަބޫލުކުރި އެވެ.

"މި އަންނަނީ އާންމުކޮށް މީހުން ނުދައްކާ ވާހަކަތަކަކީ. އަންހެނުންނަށް ގަބޫލުކުރެވިފައި މި އޮންނަނީ އޭނާ އަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވެން ވާނެ އޭ. ސަބަބަކީ ފިރި މީހާ ވެސް އޭނާގެ ކަންކަން އެންމެ ފުރިހަމައަށް އެބަ ކުރެއޭ،" ސިމާނާ ބުންޏެވެ.

"އެކަމަކު ހަގީގަތަކީ އެއީ ވާނެ ކަމެއް ނޫނޭ. ހަމަ އެކަނި އަލަތު މަންމައިންނަށް އެކަންޏެއް ނޫން އުނދަގޫ ވާނީ ވެސް. ދެ ދަރިން ތިން ދަރިން ލިބުނަސް ހުރިހާ ކަމެއް މެނޭޖް ކުރަން ނޭނގި ހާސް ވެދާނެ. ޑިޕްރެސް ވެދާނެ. އަމުދުން އެހީތެރިވާނެ މީހަކު ނެތް ނަމަ މޮޔަވާ ވަރަށް ވެސް އެކަނި ވެރިކަން އިހުސާސް ކުރެވިދާނެ."

ޒަމާނުއްސުރެ ގެއާއި ދަރިންގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަކީ އަންހެންމީހާގެ ޒިންމާއެއް ކަމަށް ވިސްނައި ދެވި، އަންހެން މީހާގެ އަތް މައްޗަށް އެކަން މުޅިން ވީއްލިފައި އޮންނަ އޮތުމާއި އެކު ޒަމާނަށް އައި ބަދަލާ އެކު ވެސް ދަރިންނާއި އާއިލާގެ ޒިންމާތައް ދެމަފިރިން އެއް ވަރަކަށް ހިއްސާކުރުމުގެ އާދަ އަދި އޮތީ ރަނގަޅަށް ކިޔައި ނުދެވި އެވެ. ކައިވެނި ކުރުމާއި، ވަކިން ހާއްސަކޮށް ދަރިން ލިބޭ ހިސާބުން އަންހެނުންނަށް ނަފްސާނީ ގޮތުން ކުރާ އަސަރު ތަކުގެ ވާހަކަތައް މަދުން ދެކެވުނަސް، އަދިވެސް އެކަމަށް މުޖުތަމައު ހޭލުންތެރިވާން ޖެހޭ ވަރާ ގާތަށް ވެސް ނުވެ އެވެ.

ފުރަތަމަ ދަރިފުޅު އައިޒަކް އާއި އެކު ސިމާނާ ބީޗުގައި ވަގުތުކޮޅެއް ހޭދަކުރަނީ
ފުރަތަމަ ދަރިފުޅު އައިޒަކް އާއި އެކު ސިމާނާ ބީޗުގައި ވަގުތުކޮޅެއް ހޭދަކުރަނީ

ފުރަތަމަ ދަރިފުޅު އައިޒަކް އާއި އެކު ސިމާނާ ބީޗުގައި ވަގުތުކޮޅެއް ހޭދަކުރަނީ

ޕޯސްޓްޕާޓަމް ޑިޕްރެޝަން އަކީ ވެސް މީގެ ތެރެއިން އެއް މައުލޫ އެވެ. މިދިޔަ އަހަރުގެ ލޮކްޑައުން ތެރޭގައި ސިންގަޕޫރުގައި މަންމަ އަކު އޭނާގެ ފަސް މަހުގެ ދަރިފުޅާއެކު އަމިއްލަ އަށް މަރުވެފައި އޮއްވާ ފެނުނީ، ވިހެއުމަށް ފަހު އެ އަންހެންމީހާ ވަރަށް ބޮޑަށް ޑިޕްރެސްވެ، ޕޯސްޓްޕާޓަމް ޑިޕްރެޝަން އަށް ޑައިގްނޯސްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ސިމާނާގެ ފުރަތަމަ ދަރިފުޅަށް ކިރިޔާ އަހަރެއް ވީތަނާ ދެވަނަ ދިރިފުޅަށް ބަލިވެ އިނދެ އޭނާ ވިހެއީ މިދިޔަ އަހަރުގެ ތިން މަސްދުވަހުގެ ދިގު ލޮކްޑައުންގައި މާލެ ބަންދުކޮށްފައި އޮއްވަ އެވެ. ލޮކްޑައުން އާއެކު އެއްގޮތަކަށް ވެސް ބޭރަށް ނުދެވި، ދެކުދިންގެ ކަންކަން މެނޭޖް ނުކުރެވި، މީހާގެ ސިކުނޑި ސުމަކަށް ދާން ފެށުމުން ދެން ބަދަލުވީ ދުވަސްކޮޅަކަށް ފިރިމީހާގެ ރަށަށެވެ. ރަށުގައި ފިރިމީހާގެ އާއިލާ އާއި އެކުވެރިން އެހީތެރި ވެ އެވެ. ކުދިންގެ ފަރާތުން އަވަދިވެ އަމިއްލަ މީހާއަށް ވަގުތު ލިބެން ފެށުމުން ވަމުންދިޔަ ކަންތައްތަކަކީ އޭނާގެ ކުށެއް އޮވެގެން ވި ކަންތައްތަކެއް ނޫންކަން ގަބޫލުކުރެވުނެވެ.

ސޮފިއާ އާއި އައިޒަކް: ލޮކްޑައުން އާއި އެކު މާލޭގައި އެކަނި ދެކުދިން ގޮވައިގެން އުޅެން އުނދަގޫވާތީ ސިމާނާ މިހާރު އުޅެނީ ކުދިނާއެކު ފިރިމީހާގެ ރަށް ގއ ކޮލަމާފުށީގައި
ސޮފިއާ އާއި އައިޒަކް: ލޮކްޑައުން އާއި އެކު މާލޭގައި އެކަނި ދެކުދިން ގޮވައިގެން އުޅެން އުނދަގޫވާތީ ސިމާނާ މިހާރު އުޅެނީ ކުދިނާއެކު ފިރިމީހާގެ ރަށް ގއ ކޮލަމާފުށީގައި

ސޮފިއާ އާއި އައިޒަކް: ލޮކްޑައުން އާއި އެކު މާލޭގައި އެކަނި ދެކުދިން ގޮވައިގެން އުޅެން އުނދަގޫވާތީ ސިމާނާ މިހާރު އުޅެނީ ކުދިނާއެކު ފިރިމީހާގެ ރަށް ގއ ކޮލަމާފުށީގައި

"ވަރަށް ގިނަ މީހުންގެ ފަރާތުން ވަރަށް ގިނަ އެކްސްޕެކްޓޭޝަންތަކެއް ހުރީމަ މަސައްކަތް ކުރެވުނީ ގައިގަ ނެތް ވަރުން ހުރިހާ ކަމެއް ފުރިހަމަ ކުރަން. އެކަންކަން ނުކުރެވުނީމަ، ނޫނީ އެހެން މީހުން ގޮތަށް މެނޭޖް ކުރަން ނޭނގުނީމަ ދެން އަންނާނީ ގިލްޓް. ފެއިލިއާ އެކޭ ހީކުރެވޭނެ. ފްރަސްޓްރޭޝަން އަންނާނެ،" ސިމާނާ ބުންޏެވެ.

މިހާރު ސިމާނާގެ ފުރަތަމަ ދަރިފުޅަށް ތިން އަހަރެވެ. ދެ ވަނަ ދަރިފުޅަށް ދެ އަހަރު ވަނީ އެވެ. ލޮކްޑައުން ލުއިތައް ލިބުމުން ރޯދަމަހަށް ރަށަށް ދިޔަ ގޮތަށް އަދި ވެސް އޭނާ ހުރީ ފިރިމީހާގެ ރަށުގަ އެވެ. ކުދިންގެ ކަންކަމުގައި އާއިލާގެ އެހީތެރިކަން ހޯދައިގެން އަމިއްލަ މީހާއަށް އެކަން ވެވުނު އެންމެ ފުރިހަމައަކަށް ކުރަން އޭނާ މަސައްކަތްކުރެ އެވެ. އެގޮތުގައި އޭނާއަށް އުފާ ލިބެ އެވެ.

ސިމާނާގެ ދެ ކުދިން އައިޒަކް އާއި ސޮފިއާ
ސިމާނާގެ ދެ ކުދިން އައިޒަކް އާއި ސޮފިއާ

ސިމާނާގެ ދެ ކުދިން އައިޒަކް އާއި ސޮފިއާ

ހުރިހާ ކަމެއް "ޕާފެކްޓް" އެއް ނޫނެވެ. އެކަމަކު އެގޮތުގައި އާއިލާގެ އިތުރުން އޭނާގެ އަމިއްލަ ހިތްހަމަޖެހުން ފުދޭވަރަކަށް ހޯދެ އެވެ.

"ދަރިން ބަލާނެ ޕާފެކްޓް ފޯމިއުލާއެއް ނޯންނާނެ. ކޮންމެ މަންމައަކު ވެސް އެމީހަކަށް ވީ ވަރަކުން އެންމެ ފުރިހަމައަށް އެކަން ކުރަން މަސައްކަތް ކުރީމަ ރަނގަޅުވާނެ. މީހުން ކިޔާ އެއްޗަކަށް، މީހުންގެ އެކްސްޕެކްޓޭޝަނަކަށް ބަލައިގެން ހިތްހަމަޖެހުމެއް، މެންޓަލް ސްޓެބިލިޓީ އެއް ނާންނާނެ،" ކަންބޮޑުވެ ހާސްވެފައި ތިބި މައިންނާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސްވެފައި ތިބި މައިންނާއި އަލަށް މަޔަކަށް ވާން ގަސްދުކުރާ މަންމައިންނަށް ސިމާނާ ދޭން އޮތީ މުހިއްމު މެސެޖެކެވެ.

ފަހުގެ ޚަބަރު

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox