މީގެ ހަތަރު އަހަރު ކުރިން އިންޑިއާގެ ކޮލްކަތާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޯޑެން މި ފަހަރު ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ވަނީ ހެއާސްޓައިލަށް ބަދަލެއް ގެނެސްފަ އެވެ. އިނގިރޭސި މީޑިއާގައި މިހާރު އެންމެ ދެކެވޭ އެއް ވާހަކަ އަކީ މި އެވެ.
ފޯޑެން ކޮޕީ ކޮށްފައިވަނީ އިނގިރޭސިން 1996 ވަަނަ އަހަރުގެ ޔޫރޯ އެ ގައުމުގައި ހޯސްޓްކުރިއިރު، އެ ޓީމަށް ކުޅުނު ތަރި ޕޯލް ގެސްކޮއިން (ގާޒާ)ގެ ގެ ހެއާސްޓައިލެވެ. އެއީ މި ފަހަރު އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅޭ ތިން މެޗު ވެސް އޮތީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކަމަށްވާތީ މުބާރާތުގެ ފޯރި ގަދަކޮށްލުމުގެ ގޮތުން ފޯޑެން ކުރި ކަމެއް ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޔޫރޯއާ ދިމާކޮށް އުމުރުން 21 އަހަރުގެ ފޯޑެން ބޮލުގައި ބްލޯންޑް ކުލަ ޖެއްސުމަށް ފަހު ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ޕޯސްޓްކުރުމާ އެކު ސަޕޯޓަރުން ބުނަމުންދިޔައީ ގެސްކޮއިން ކޮޕީ ކުރީކަމަށެވެ. މީޑިއާ އިންޓަވިއުއެއްގައި ފޯޑެން ވަނީ އެ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
"މި ގޮތަށް ބޯ ކޮށައިގެން އަހަރެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެ. އެއް ދުވަހު އަހަރެން ހޭލިއިރު ވަރަށް ގިނަ މީހުން ހުރި އަޅާކިޔާފައި. އެމިނެމް (ރެޕް ލަވަކިޔުންތެރިޔާ) އޭ ނޫނީ ގާޒާއޭ ބުނެފައި ހުރީ،" ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ފޯޑެން ބުންޏެވެ.

ފޯޑެން (ކ) އާއި ގެސްކޮއިން.
ގެސްކޮއިން، 1996 ގެ ޔޫރޯގައި އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދޭން އެހީވި އެވެ. ފޯޑެން އުފަންވީ އޭގެ ހަތަރު އަހަރު ފަހުންނެވެ. ފޯޑެން ބުނީ ޓީވީން ގެސްކޮއިންގެ މެޗުތަކުގެ އުސްއަލިތައް ބަލާފައިވާނެ ކަަމަށާއި އެއީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"މި ގައުމަށް އެއީ ކިހާ މޮޅު އަދި މުހިއްމު ކުޅުންތެރިއެއްކަން އެންމެން ދަންނާނެ. އަހަރެން އޮޅުވާލާކަށް ނެތިން ގާޒާ (ގެސްކޮއިން)ގެ ކުޅުމާ އެއްގޮތް ކަންކަން އަހަރެންގެ ފަރާތުން ދައްކާލަން ބޭނުން. އަދި ޓީމަށް އެހީތެރިވެދޭން ވެސް ބޭނުން،" ފޯޑެން ބުންޏެވެ.
ފޯޑެން އަށް ތާއީދުކޮށް ގެސްކޮއިން ވެސް ވަނީ އިންޓަވިއުއެއްދީފަ އެވެ. ގެސްކޮއިން ބުނީ އޭނާ އެދެނީ ފޯޑެން މި ފަހަރު ޔޫރޯގައި މޮޅަށް ކުޅުމަށް ކަމަށާއި އަދި ހެއާސްޓައިލް ކޮޕީ ކުރުމުގެ އިތުރުން މި ފަަހަރުގެ ޔޫރޯގައި ގޯލެއް ޖެހުމަށް ފަހު އޭނާގެ މަޝްހޫރު "ޑެންޓިސްޓް ޗެއާ ސެލެބްރޭޝަން" ވެސް ދައްކާލުމަށެވެ.
"ފޯޑެން ކުޅޭތަން ބަލަން އަހަރެން ވަރަށް ޝައުގުވެރިވޭ. އަހަރެމެން (އިންގްލެންޑް)ގެ އެބަތިބި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން. އަހަރެން އެދެން ފޯޑެން އަހަރެންގެ ޑެންޓިސް ޗެއާ ސެލެބްރޭޝަން ވެސް ކޮޕީ ކުރަން،" އުމުރުން 54 ގެ ގެސްކޮއިން ބުންޏެވެ.
އޭނާ ބުނީ މި ފަހަރުގެ ޔޫރޯގައި ވާދަކުރާ އިނގިރޭސި ޓީމު ވަރުގަދަ ކަމަށާއި އެ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދިދާނެ ކަމަށެވެ. އަދި ފޯޑެން އަށް އިނގިރޭސި ޓީމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ގެސްކޮއިން ގަބޫލުކުރެ އެވެ.

ގެސްކޮއިންގެ ޑެންޓިސްޓް ޗެއާ ސެލެބްރޭޝަނެއްގެ ތެރެއިން.
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސިފަކުރާގޮތުގައި އުމުރުން 17 އަހަރު ކުޅުންތެރިންގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިއަކީ ފޯޑެން އެވެ. މި ސީޒަނަކީ ސިޓީން ފޯޑެން އަށް ގިނަ ފުރުސަތުތަކެއް ލިބުނު އަހަރެކެވެ. ފޯޑެން އަކީ ޕްރިމިއާ ލީގުން މި ފަހަރު ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި ފޯޑެން ސިޓީ އަށް ކުޅުނު 50 މެޗުން ވަނީ 16 ގޯލު ޖަހަައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އިނގިރޭސި ސީނިއާ ޓީމުން ފޯޑެން އަށް ފުރަތަމަ ފަހަރަށް ފުރުސަތު ދިނީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ. އޭނާ އެންމެ ފުރަތަމަ އިންގްލެންޑަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
އެ މެޗަށް އައިސްލެންޑަށް ގޮސް އިންގްލެންޑް ކުޅުންތެރިން ތިބި ހޮޓަލުގެ ކޮޓަރި އަށް އަންހެން ކުދިން ވެއްދި މައްސަލައިގައި ފޯޑެން އާއި ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް ޓީމުން ވަކިކުރި އެވެ. އެއީ ކޮވިޑް ޕްރޮޓޮކޯލް މުގުރާލުމާ ގުޅިގެން އެޅި ޑިސިޕްލިނަރީ ފިޔަވަޅެކެވެ.
"އަހަންނަށް ހެދުނީ ގޯހެއް. ސައުތުގޭޓް (އިންގްލެންޑް ކޯޗު) އަހަރެން ގާތުގައި ބުނި ރަނގަޅަށް ކުޅޭނަމަ ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް. އެއީ ލިބުނު ހިތްވަރެއް. އަހަރެން ވަރަށް މަސައްކަތުން މި ފަހަރުގެ ޔޫރޯ ސްކޮޑުން ފުރުސަތު ހޯދީ. ގިނަ ކޯޗުން ދެ ވަނަ ފުރުސަތެއް ނުދީ ވެސް އެބަހުރި. އަހަންނަށް ދެ ވަނަ ފުރުސަތު ދިނީތީ ސައުތުގޭޓަށް ޝުުކުރު އަދާކުރަން،" ފޯޑެން ބުންޏެވެ.
އަލުން ފޯޑެން އަށް ޓީމުން ފުރުސަތު ދިނީ މައާފަށް އެދުމުންނެވެ. ފޯޑެން އިންގްލެންޑަށް ފުރަތަމަ ގޯލު ޖެހީ މިދިޔަ އަހަރު ނޮވެމްބަރު މަހު އައިސްލެންޑް ކޮޅަށެވެ.
މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މެޗަށް ސައުތުގޭޓް ނެރޭ ފުރަތަމަ އެގާރައިގައި ފޯޑެން ހިމެނެ އެވެ.












