ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އެ ބަލިން ރަނގަޅުވެ، ހުރިހާ ޓެސްޓްތައް ފުރިހަމަ ކުރުމަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 29 ދުވަހު ކުރި ޓެސްޓްތަކުންނެވެ. އަދި ތޮއްޕޭ ޕޮޒިޓިވްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އެއީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ދުބާއީ މަގުން ޗައިނާ އަށް ދިއުމުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ. އޭގެ ފަހުން ޗައިނާ ސަރުކާރުން ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސްގެ ކުޅުންތެރިންނާއި އޮފިޝަލުން ޗައިނާ އަށް އެތެރެވުމުގެ ހުއްދަ ދޭން ދެކޮޅު ހެދި މައްސަލައިގައި ހައްލެއް ނުލިބި އެންމެ ފަހުން މެޗުތައް ކުޅެނީ ދުބާއީގަ އެވެ.
ދަގަނޑޭ އާއި ތޮއްޕޭ ނުލައި ރާއްޖެ ވަނީ ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެފަ އެވެ. މިދިޔަ ހުކުުރު ދުވަހު ކުުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ.
މިދިޔަ ހުކުރު ދުވަހު ދަގަނޑޭ ކޮވިޑް ޓެސްޓުން ނެގެޓިވްވިއިރު، އޭގެ އެއް ދުވަސް ފަހުން ތޮއްޕޭގެ އައިސޮލޭޝަން މުއްދަތު ހަމަވި އެވެ. ދެ ކުޅުންތެރިން ޓީމާ ގުޅެން ފުރުސަތު ދިނީ ޕީސީއާރް ޓެސްޓްތަކެއް ހެދުމަށް ފަހު ނެގެޓިވްވެ، އަދި އޭގެ އިތުރުން އޭއެފްސީން އެންގި ގިނަ މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ.
ތޮއްޕޭ އާއި ދަގަނޑޭ، މިއަދު ހެދި ހުރިހާ ޓެސްޓެއް ވަނީ އޭއެފްސީން ބަލާ މިންގަނޑުގެ ތެރެއިން ފާސްވެފަ އެވެ. އެހެންވެ ގައުމީ ޓީމުން ދެން އެންމެ އަވަހަށް ބާއްވާ ފަރިތަކުރުންތަކުގައި ދަގަނޑޭ އާއި ތޮއްޕޭ އަށް ބައިވެރިވެވޭނެ އެވެ.
ގައުމީ ޓީމުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ޗައިނާއާ އެވެ. ކޮލިފައިން މި ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ޗައިނާ އަށް ސީރިއާއާ ހަމަނުކުރެވޭނެ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަތް މެޗުން ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.













