ތާރީހީ ކާމިޔާބެއް؛ އދ. އާއްމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް

އިންތިހާބުވެވަޑައިގެންނެވުމަށްފަހު ޝާހިދު ތަގުރީރު ކުރައްވަނީ

އިންތިހާބުވެވަޑައިގެންނެވުމަށްފަހު ޝާހިދު ތަގުރީރު ކުރައްވަނީ

ރާއްޖޭގެ ހާރިޖީ ތާރީހުގައި ފުރަތަމަ ފަހަރަށް، އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖޭން ކާމިޔާބުކޮށްފި އެވެ.

އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާއްދަ ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިރޭ އެމެރިކާގެ ނިއު ޔޯކް ގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.

އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި މިރޭ ނެގުނު ސިއްރު ވޯޓުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ތާއީދާ އެކު އެވެ.

ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އިންތިހާބުގެ ކެމްޕޭނުގައި މިނިސްޓަރު ޝާހިދު އެމެރިކާގެ ނިއު ޔޯކްގައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މެމްބަރު ގައުމުތަކުގެ ތާއީދު ހޯއްދަވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ.

ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަވަށްޓެރި އިންޑިއާއިން ޝާހިދަށް ތާއީދުކުރާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި އޮތީ ބުނެފަ އެވެ.

ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމުގެ ތާއީދު ހޯދަން އަފްގާނިސްތާނުން މަސައްކަތް ކުރި ނަމަވެސް، އިންޑިއާއިން އޭރު ވަނީ ރާއްޖެއަށް ތާއީދުކުރާނެކަން އިއުލާނުކޮށްފަ އެވެ.

އދ. އާއްމު މަޖިލީހުގެ ރައީސުން އިންތިހާބު ކުރަނީ ދައުރުވާ އުސޫލުންނެވެ. މިގޮތުން އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ޝާހިދު ވަނީ ތާއީދުކުރި ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި އެހާ ގިނަ ގައުމުތަކުގެ ތާއީދު އޭނާއަށް ލިބިވަޑައިގެންނެވުމުން ދޭހަވަނީ، ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާ މިންވަރު ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހެއް ހިންގާ އުސޫލުން އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން، ބަހުސްތަކުގައި މެމްބަރު ގައުމުތަކަށް ވަގުތު ކަނޑައެޅުމާއި، ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ވެސް ރައީސަށް ލިބިގެންވެ އެވެ.

އަދި އާއްމު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ އެ މަޖިލީހެއްގެ ރައީސަށެވެ.

އިންތިހާބު ކުރިން ކޮންމެ ކެންޑިޑޭޓަކު އެ ދައުރަކަށް ތަސައްވުރެއް ހުށަހަޅަންޖެހޭއިރު، އިންތިހާބުވެއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނެ ފަސް ކަމެއް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑިކަމުން އަރައިގަތުމުގެ މަސައްކަތްތައް ހަރުދަނާކޮށް ގުޅިގެން ކުރިއަށް ގެންދިއުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އާރާސްތުކުރުމުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުން ހިމެނެ އެވެ.

ޝާހިދުގެ ރައީސް ކަމުގެ ދައުރު ފެށޭނީ އަންނަ ސެޕްޓެމްބަރު މަހު އދ. އާއްމު މަޖިލީހުގެ އާ ދައުރާ އެކު އެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނުން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox