ޕެރިސް (ޖޫން 7) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާނުލާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އަދި އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ރެއާލް މެޑްރިޑަށެވެ.
ފްރާންސްގެ ލެކިއުޕޭ ނޫހަށް ހެއްލާފީ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެމްބާޕޭ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
"އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ. އެމްބާޕޭ ހުންނާނީ ޕީއެސްޖީގައި. އަހަރެމެން އޭނަ ނުވިއްކާނަން. އަދި ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ކްލަބް ދޫކޮށެއް ވެސް ނުލާނެ،" ދާދި ފަހުން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ރައީސް ކަމަށް ވެސް އިންތިހާބުކުރި ހެއްލާފީ ވިދާޅުވި އެވެ.
ޕީއެސްޖީއާ އެކު އެމްބާޕޭ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި ސީޒަނުގައި ޕީއެސްޖީން ވަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު އެމްބާޕޭ އަދި ރަސްމީކޮށް ޕީއެސްޖީގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ބޭނުމެއްނުވާތީ ވާހަކަތައް އޮތީ މަޑުޖެހިފަ އެވެ.
ހެއްލާފީ ވިދާޅުވީ އެމްބާޕޭ، ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއް ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"އަހަންނަށް ބުނެވޭނީ ވަރަށް ރަނގަޅަށޭ ހުރިހާ މަޝްވަރާތަކެއް ދަނީ. ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް މި ބަލަނީ. މިއީ ޕެރިސް. މިއީ އޭނަ (އެމްބާޕޭ)ގެ ގައުމު ފްރާންސް. އޭނަ އަށް އެބައޮތް މިޝަން އެއް. އެއީ ހަަމައެކަނި ފުޓްބޯޅަ ކުޅުމެއް ނޫން. މި ގައުމުގެ ލީގާއި ފުޓްބޯޅަ ޕްރޮމޯޓް ކުރުން،" ހެއްލާފީ ވިދާޅުވި އެވެ.
ފްރާންސް ފުޓްބޯލް އަށް އެމްބާޕޭ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތު ކޮންޓްރެކްޓް އާ ކޮށްފައި އެއް އަހަރު ފަހުން ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް ކްލަބަށް އެންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެެވެ.
ޒުވާން އުމުރުގައި އެމްބާޕޭ އަށް ލިބުނު ހުށަހެޅުމަކަށް އެއްބަސްވިނަމަ އޭނާ ކެރިއަރު ފަށާނީ ރެއާލް އިންނެވެ. މީގެ ހަތް އަހަރު ކުރިން ރެއާލް ޔޫތު ޓީމާ ގުޅެން އެމްބާޕޭ އަށް ފުރުސަތު ލިބުނެވެ. އެއީ ޒިނެދިން ޒިދާން މެދުވެރިކޮށް އެމްބާޕޭ އަށް ލިބުނު ހުށަހެޅުމެކެވެ. އެކަމަކު އޭރު އެމްބާޕޭ ފްރާންސް ދޫކޮށްލަން ބޭނުމެއްނުވާތީ ރެއާލާ ނުގުޅުނީ އެވެ.
މޮނާކޯ ދޫކޮށް އެންމެ ފުރަތަމަ އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޖެހިގެން އައި އަހަރު ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރީ ޖުމްލަ އެއްކޮށް 210 މިލިއަން ޑޮލަރު ދައްކަން ޖެހޭ ޑީލެއްގެ ތެރެއިންނެވެ.












