ޕީޖީ ލަފާ ދިނީ ޒަމީލްގެ މައްސަލަ ފުލުހަށް ހުށަހެޅުމަށް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ދައުވާކޮށްދޭން ހުށަހަޅާފައިވާ މައްސަލައިގައި އެކަން ތަހުގީގު ކުރުމަށް ފުރަތަމަ ފުލުހުންނަށް ހުށަހެޅުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މަޖިލީހުގައި އެދިފައިވާކަން ހާމަވެއްޖެ އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުން ކަމަށް ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ޕީޖީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ އޮފީހުން ބުނީ، ޖިނާއީ ދައުވާއެއް ކުރާ ކޮންމެ މައްސަލައަކީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައިވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

އަދި ގާނޫނުގައި އެ ބުނާ ތަހުގީގު ކުރުމުގެ ބާރު ލިބިފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް ލިޔެފައި އޮންނަ ކަމަށް ޕީޖީން ބުންޏެވެ.

އަދި މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނާ ހިލާފު އަމަލެއް ހިންގައިގެން ނުވަތަ ހިންގި ކަމަށް ތުހުމަތު ކުރެވިގެން ޕީޖީގެ އޮފީހަށް ހުށަހަޅަންވާނީ އެކަމެއް ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރުމަށްފަހު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފެންނަ ކަމަށާއި، ނަމަވެސް ފުލުހުން އެ މައްސަލަ ބަލާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެ ޝަކުވާ ހުށަހެޅުމުން، ގާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ވަނީ މަޖިލީހަށް ދީފަ އެވެ.

އެ ގޮތަށް މަޖިލީހަށް ލަފާ ދެވިފައިވާކަމަށް ޕަބްލިކް ޕްރޮސެކިޔުޓާ އަދި ޕީޖީ އޮފީހުގެ މީޑިޔާ އޮފިސަރު އަހުމަދު ޝަފީއު ވެސް މި ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުނުވެވޭނެ ކަމަށް އެންގުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް ވެސް އުނިކަން އަންނާނެ ފަދަ އަމަލެއްކަން ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ބުނެފަ އެވެ.

ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނީ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިސް ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ޕާލިމަންޓަރީ އެންކުޔަރީއެއް 241 ކޮމިޓީއިން ކުރިއަށް ގެންދާއިރު، ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން އެމްއެންޑީއެފުން ދެކޮޅު ހަދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ޒަމީލް ސޮއި ކުރައްވައި ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ މައްސަލަ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ރޭ ބޭރުކޮށްލި މައްސަލަ އިން ވެސް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އޮންނަ ކޯޅުން އިތުރަށް ބޮޑުވި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބެލުމަށް ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ. އޭގެ ބަދަލުގައި ފާސްވީ، މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އެ މެންބަރުގެ ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ފާސްވީ، އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ.

ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ، ޒަމީލްގެ މައްސަލަ ސުލޫކީ ކޮމެޓީން ބޭރު ކުރީ ބިގޭ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ގުޅުއްވައި އެގޮތަށް އަމަލު ކުރެއްވުމަށް ރައީސް ދެންނެވި ކަމަށް ވިދާޅުވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކުގައި ބިގޭ އެގޮތަށް އަމަލުކުރައްވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

"ސަރުކާރުން ނުފޫޒު ފޯރުވައިގެން މައްސަލަ ބޭރު ކުރީ. ބިގޭ މެމްބަރުންނަށް ގުޅާ ވިދާޅުވީ ރައީސް ވިދާޅުވިއޭ އެހެން ހަދަން،" އޭނާ ތުހުމަތު ކުރެއްވި އެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ބިގޭއަށް ރައްދު ދެއްވައިފަ އެވެ. ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އޭނާ އެއްސެވި އެވެ.

"މާތްކަލާކޯ މީވާ ސަރުކާރެއް،" މެސެޖްތައް ނިންމާލައްވަމުން އީވާ ވިދާޅުވި އެވެ.

ޕާލިމަންޓަރީ އެންކުޔަރީއަށް ގިނަ ބޭފުޅުންތަކެއް ހާޒިރުކުރަމުންދާއިރު، އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ.

އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކުރަން ކޮމިޓީން ބޭނުންވާކަން ވެސް އެނގިފައިވެ އެވެ.

ނަމަވެސް، މާރިޔާ ހާޒިރުވާންޖެހޭ ދުވަހެއް އަދި އަންގާފައެއް ނުވެ އެވެ.

ކޮމިޓީން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ވެސް ހާޒިރުކުރުމަށެވެ. އެގޮތުން މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox