ސައުތެމްޓަން (ޖޫން 6) - މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުތައް ކާމިޔާބުކޮށް އިންގްލެންޑާއި ބެލްޖިއަމް އަދި ނެދަލެންޑްސް އިން އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް މޮޅަކާ އެކު ނިންމާލައިފި އެވެ.
އަމިއްލަ ދަނޑުގައި އިންގްލެންޑުން ރުމޭނިއާ ބަލިކުރީ 1-0 އިންނެވެ. ނެދަލެންޑްސް އިން ޖޯޖިއާގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އަތުން ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް މޮޅުވީ 1-0 އިންނެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑްގެ ޑޮމިނިކް ކަލްވެޓް-ލެވިން އާއި ޖޭޑަން ސަންޗޯ ފޮނުވާލި ބޯޅަތައް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ރުމޭނިއާ ކޮޅަށް އިންގްލެންޑްގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފްގައި ޕެނަލްޓީ އަކުން މާކަސް ރެޝްފޯޑް އެވެ. މިރޭގެ މެޗުގައި އިންގްލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ރެޝްފޯޑް އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ރެޝްފޯޑް ކާމިޔާބުކުރި މި ޕެނަލްޓީ ލިބުނީ އޭރިއާތެރެއިން ރުމޭނިއާގެ ކުޅުންތެރިއަކު އިންގްލެންޑްގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށެވެ.
ދެ ވަނަ ގޯލެއް ޖަހަން އިންގްލެންޑަށް އިތުރު ޕެނަލްޓީއެއް ލިބުނެެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯޑަން ހެންޑަސަން ފޮނުވާލި ޕެނަލްޓީ ރުމޭނިއާގެ ކީޕަރު ފްލޯރިން ނީޓާ ވަނީ މަތަކޮށްފަ އެެވެ. މި މެޗުގައި ރުމޭނިއާ އިން ފޮނުވާލި ހަމަަލާތައް ހުއްޓުވުމުގައި އިންގްލެންޑްގެ ކީޕަރު ސޭމް ޖޯންސްޓޯން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
އިންގްލެންޑް ވަނީ ޔޫރޯ އަށް ތައްޔާރުވާން މިދިޔަ ހަފްތާގައި ކުޅުނު މެޗުން އޮސްްޓްރިއާ ވެސް ބަލިކޮށްފަ އެވެ. މިދިޔަ އަހަރު ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން ބަލިވި މެޗަށް ފަހު އިންގްލެންޑް ކުޅުނު ހަ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ޑިޕާއި އުފާފާޅުކުރަނީ.
ބެލްޖިއަމުން ޔޫރޯ އަށް ތައްޔާރުވާން މިދިޔަ ހަފްތާގައި ކުޅުނު މެޗުން ވަނީ ގްރީސްއާ އެއްވަރުވެފަ އެވެ. މިރޭ ކްރޮއޭޝިއާ އަތުން ބެލްޖިއަމަށް ލިބުނީ ހަނި މޮޅެކެވެ. މެޗުގެ ހަމައެކަނި ގޯލު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ 38 ވަނަަ މިނިޓްގައި ރޮމެލޫ ލުކާކޫ އެވެ. މިއި ޖޭސަން ޑެނަޔާ ދިން ބޯޅައަކުން ލުކާކޫ ޖެހި ގޯލެކެެވެ.
ނެދަލެންޑްސް އިން ޔޫރޯގެ ތައްޔާރީތައް ނިންމާލީ ރަނގަޅު ކުޅުމަކާ އެކު ނަތީޖާ ވެސް ނެރުމަށް ފަހު އެވެ. ނެދަލެންޑްސް އިން ޖޯޖިއާ ކޮޅަށް މޮޅު ކުޅުމެއް މިރޭ ދެއްކި އެވެ. ނެދަލެންޑްސްގެ ގޯލުތައް ޖެހީ ޕެނަލްޓީ އަކުން މެމްފިސް ޑިޕާއި އާއި ވޫޓް ވޭގޯސްޓް އަދި ރިޔާން ގްރަވެންބާޗް އެވެ. ވެގޯސް ނެދަލެންޑްސް އަށް ޖަހައިދިން ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑިޕާއި އެެވެ. އަދި ގްރަވެންބާޗް ގޯލު ޖެހީ ޑިޕާއި އުފެއްދި އެޓޭކަކުންނެވެ.
މިދިޔަ ހަފްތާގައި ނެދަލެންޑްސް ކުޅުނު މެޗުން ސްކޮޓްލެންޑާ ދެކޮޅަށް ފަހު ވަހު ވަގުތު ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.
މި ފަހަރުގެ ޔޫރޯގައި ކުޅޭ ބައެއް އެހެން ޓީމުތަކުން މިރޭ ކުޅުނު އެކުވެރިކަމުގެ ނަތީޖާ އަށް ބަލާއިރު، ޑެންމާކުން ވަނީ 2-0 އިން ބޮސްނިއާ ބަލިކޮށްފަ އެވެ. ސްކޮޓްލެންޑުން ވަނީ 1-0 އިން ލަގްޒެމްބާގް ބަލިކޮށްފަ އެވެ. އަދި އޮސްޓްރިއާ އާއި ސްލޮވާކިއާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.












