ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އެ ބަލިން ރަނގަޅުވި ނަމަވެސް ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން އަދި މަޑުކުރަން ޖެހިއްޖެ އެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 29 ދުވަހު ކުރި ޓެސްޓްތަކުންނެވެ. އެއީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ދުބާއީ މަގުން ޗައިނާ އަށް ދިއުމުގެ ކުރިން ކުރި ޓެސްޓްތަކެވެ. އޭގެ ފަހުން ޗައިނާ ސަރުކާރުން ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސްގެ ކުޅުންތެރިން ޗައިނާ އަށް އެތެރެވުމުގެ ހުއްދަ ދޭން ދެކޮޅު ހެދި މައްސަލައިގައި ހައްލެއް ނުލިބި އެންމެ ފަހުން މެޗުތައް ކުޅެން ނިންމީ ދުބާއީގަ އެވެ.
ދަގަނޑޭ ނެގެޓިވް ކަމަށް ދެއްކީ މިދިޔަ ހުކުރު ދުވަހު ކުރި ޓެސްޓްތަކުންނެވެ. އެ ދުވަހު ބެލެވުނީ އިއްޔެ ބޭއްވި ގައުމީ ޓީމުގެ ޓްރެއިނިންގައި ދަގަނޑޭ އަށް ބައިވެރިވެވޭނެ ކަމަށެވެ.
ގައުމީ ޓީމުން ހުކުރު ދުވަހުގެރޭ ސީރިއާ އަތުން 4-0 އިން ބަލިވި މެޗަށް ފަހު ރޭ ބޭއްވި ރިކަވަރީ ޕްރެކްޓިސް ސެޝަނުގައި ދަގަނޑޭ ބައިވެރިނުވެ އެވެ. އެނގިފައިވާ ގޮތުގައި ދަގަނޑޭ ޕްރެކްޓިހުގައި ބައިވެރިނުވީ ޕްރޮޓޮކޯލްތައް އޮތްގޮތުން ޕޮޒިޓިވްވިތާ 10 ދުވަސް ހޭދަކުރުމަށް ފަހު އަދި އިތުރު ޓެސްޓެއް ހަދައިގެން ނޫނީ ދަގަނޑޭ އަށް ޓީމުގެ ފަރިތަކުރުމުގައި ބައިވެރިވުމުގެ ހުއްދަ އަދި ނެތުމުންނެެވެ.
މިހާރު އޮތްގޮތުން އަންނަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ތިން ދުވަސް ވަރު ކުރިން ދަގަނޑޭ އައިސޮލޭޝަން މުއްދަތު ކަމަށްވާ 10 ދުވަސް ހަމަކޮށް އިތުރު ޓެސްޓްތަކެއް ނެގެޓިވްކަމަށް ދައްކައިފިނަމަ ގައުމީ ޓީމުގެ ފަރިތަކުުރުންތަކާ ގުޅެވޭނެ އެވެ. އޭއެފްސީން ވަނީ ޕޮޒިޓިވްވާ ކުޅުންތެރިން އަލުން ޕްރެކްޓިހާ ގުޅުމުގެ ކުރިން ފުލް މެޑިކަލް ޓެސްޓްތަކެއް ހަދަން ޖެހޭ ގޮތަށް އުސޫލު ހަދައިފަ އެވެ.
މިދިޔަ މަހު ގައުމީ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ޖަހާފައިވަނިކޮށް ދަގަނޑޭގެ އަންހެނުން ޕޮޒިޓިވްވެގެން އޭނާއާ ކޮންޓެކްޓްވެފައިވާތީ ޕްރޮޓޮކޯލްގެ ތެެރެއިން ދަގަނޑޭ އައިސޮލޭޝަނަށް ދާން ޖެހުނެވެ. އެކަމަކު އައިސޮލޭޓްވުމަށް ފަހު އޭގެ ފަހުން ޕީސީއާރް ޓެސްޓްތަކެއް ކޮށް ނެގެޓިވް ކަމަށް ދެއްކުމުން ދަގަނޑޭ ވަނީ އަލުން ޓްރެއިނިން ކޭމްޕާ ގުޅިފަ އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން ކުރި ޓެސްޓްތަކުން ވެސް ޕޮޒިޓިވް ކަމަށް ދެއްކީ ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އެވެ. ގައުމީ ޓީމުން ދުބާއީ އަށް ޓްރެއިނިން ކޭމްޕަށް ދިޔައިރު، ޓީމު ދިޔައީ ތޮއްޕޭ އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ނުލަ އެވެ.
އެއީ އޭރު ތޮއްޕޭ ކޮވިޑަށް ޕޮޒިޓިވްވެ 14 ދުވަސް ހަމަވެފައިނުވާތީ އެ މުއްދަތު ހަމަވުމުން ޓެސްޓް ކޮށްގެން ފުރުމަށާއި ޝަންމުގެ ވިސާ ކަންތައްތައް އެއްކޮށް ހަމަނުޖެހޭތީ އެވެ. ޝަންމު އާއި ތޮއްޕޭ ފަހުން ދުބާއީ އަށް ގޮސް ޓެސްޓް ކުރުމަށް ފަހު ނެގެޓިވްވެގެން ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވި އެވެ. އެކަމަކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ޓެސްޓުން ތޮއްޕޭ އަނެއްކާ ވެސް ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ދާން ޖެހުނީ އެވެ. އިއްޔެގެ ނިޔަލަށް ތޮއްޕޭގެ އައިސޮލޭޝަން މުއްދަތު ހަަމަވެފައިވާއިރު، ޓީމުގެ ޓްރެއިނިން ކޭމްޕާ ގުޅުމުގެ ކުރިން އޭނާ ވެސް ޓެސްޓްތަކެއް ހަދާނެ އެވެ.
ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ކުޅޭ މެޗާއި މި މަހު 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.












