ލަންޑަން (ޖޫން 4) - އަނިޔާގެ ސަބަބުން އިނގިރޭސި ޒުވާން ފުލްބެކް ޓްރެޓް އަލެކްސަންޑަ-އާނޯލްޑަށް އަންނަ ހަފްތާގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރުސަތު ގެއްލިއްޖެ އެވެ.
އާނޯލްޑަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުގެރޭ އިންގްލެންޑުން 1-0 އިން އޮސްޓްރިއާ ބަލިކުރި މެޗުގެ ފަހު ވަގުތުގަ އެވެ. އުމުރުން 22 އަހަރުގެ އާނޯލްޑްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ އޭނާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ހަފްތާ ފަހުންނެވެ.
މި ފަހަރުގެ ޔޫރޯ ސްކޮޑުން އާނޯލްޑަށް ޖާގަ ލިބުނީ އޭނާ އަށް ޓީމުން ފުރުސަތެއް ނެތް ކަމަށް ބުނެ އިނގިރޭސި މީޑިއާގައި ވަރަށް ބޮޑަށް އަޑުފެތުރިފައިވަނިކޮށެވެ. އެއީ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި އިނގިރޭސި ސްކޮޑުން އާނޯލްޑަށް ފުރުސަތު ނުދޭތީ އެވެ.
އާނޯލްޑް ޓިމުގައި ހިމެނުމަށް ފަހު އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް އޭރު ބުނީ އެންމެ ފުރަތަމަ ވެސް އާނޯލްޑަށް ޓީމުން ފުރުސަތު ދިނުމުގެ ވިސްނުން އޮތް ކަމަށާއި މީޑިއާ އިން ހަގީގަތާ ހިލާފު ވާހަކަ ދައްކާތީ ކަންބޮޑުވާ ކަމަށެވެ.
އިންގްލެންޑުން ޔޫރޯ އަށް އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި އާނޯލްޑްގެ އިތުރުން ތިން ކަނާތު ބެކުން ހިމެނެ އެވެ. އެއީ މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ އާއި އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއޭ އަދި ޗެލްސީގެ ރީސް ޖޭމްސް އެވެ. އެހެންކަމުން އާނޯލްޑްގެ ބަދަލުގައި ސީދާ އެ މަގާމަށް ކުޅޭ ކުޅުންތެރިއަކު ނުނެގުމުގެ ފުރުސަތު އެބައޮތެވެ.
އާނޯލްޑްގެ ބަދަލުގައި ކުޅުންތެރިއަކު ނަގާނީ އެންމެ ފުރަތަމަ ނެގި 33 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރި ހަތް ކުޅުންތެރިންގެ ތެރެއިންނެވެ. އޭރު ސްކޮޑުން ބާކީކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑާއި ވެސްޓް ހޭމް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ޖެސީ ލިންގާޑާއި ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު އާރޮން ރާމްސްޑޭލް، ބްރައިޓަންގެ ބެން ވައިޓް، އެވަޓަންގެ ބެން ގޮޑްފްރޭ، ސައުތެމްޓަންގެ ކެޕްޓަން ޖޭމްސް ވާޑް-ޕްރައުސް އަދި އެސްޓަން ވިލާގެ އޮލީ ވަޓްކިންސް އެވެ.
އިންގްލެންޑް ޓީމަށް އާނޯލްޑް ނެތްތަނަށް ނަގާ ކުޅުންތެރިއަކު ކަނޑައަޅާނީ އާދިއްތަ ދުވަހު ރުމޭނިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހު އެވެ.












