ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭގެ މެޗަށް ނުކުންނައިރު ސީރިއާ ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ޕޮއިންޓް ތާވަލު ނޫނީ ރޭންކިން އަށް ބަލައިގެން ރާއްޖެ މެޗު ފަސޭހަ ކަމަށް ބެލެވެން ނެތް ކަމަށް ސީރިއާގެ ކޯޗު ނަބީލް މާލޫލް ބުނެފި އެވެ.
ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.
ސީރިއާ އަށް ކޮލިފައިން ފުރަތަމަ ފަސް މެޗުގައި ކޯޗުކޮށްދިން ފަޖުރު އިބްރާހިމްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ޓިއުނީޝިއާ އަށް އުފަން މާލޫލް ސީރިއާ ކޯޗުކަމާ ހަވާލުވީ މިދިޔަ އަަހަރު މާޗް މަހު އެވެ. ޓީމާ ހަވާލުވި ގޮތަށް އޭނާ ބުނީ ބޭނުންވަނީ ސީރިއާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަށް ކަމަށެވެ.

ސީރިއާގެ ކޯޗު ނަބީލް މާލޫލް: ރާއްޖެ ބަލިކުރަން ޖެހޭ ކަމަށް ވަނީ ބުނެފައި.
ކޮލިފައިންގައި ސީރިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ސީރިއާގެ ދެ ގޯލު ޖަހައި ކޮލިފައިންގައި މިހާތަނަށް ސީރިއާ އަށް ހަތް ގޯލު ޖަހައިދިން ފޯވާޑް އޮމާރް އަލް ސޯމާ އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އޭގެ އިތުރުން ވެސް ފުރަތަމަ ޓީމުގައި ހިމެނޭ އިތުރު ތިން ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ.
"ތެދެއް އަނިޔާގެ މައްސަަލަތައް ގިނަ. އެކަަމަކު އެއީ މެޗުގެ ކުރިން އަހަރެން ދައްކަން ބޭނުން ވާހަކަ އެއް ނޫން. އަހަރެމެން ރޭންކިންގައި ކުރީގައި އޮތުމަކީ ރާއްޖެ މެޗު ފަސޭހަވާނެ ސަބަބެއް ނޫން. މި ދެ ޓީމު ކުރިން ކުޅުނު މެޗުން ވެސް އެކަން އެނގޭ،" މާލޫލް ބުންޏެވެ.
ފިޓްނަސްގެ މައްސަލަތައް ސީރިއާ ޓީމުގައި ގިނަ ނަމަވެސް މާލޫލް ދެކޭގޮތުގައި އެ ޓީމުގައި ތިބި ކުޅުންތެރިންނަށް މެޗުން ނަތީޖާ ނެރެވޭވަރަށް ރަނގަޅު ކުޅުމެއް ދެއްކޭނެ އެވެ.
ސީރިއާގެ އަމާޒަކީ މިރޭ ރާއްޖޭގެ މައްޗަށް ކުރިހޯދައި އެއް ވަނައިގައި ލީޑުފުޅާކުުރުމެވެ. އަދި ކޮލިފައިން ފަހު މެޗުގައި 15 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުމުގެ ކުރިން ރާއްޖެ އާއި ގުއާމް އަތުން މޮޅުވެގެން ރަނގަޅު ޓްރެކެއްގައި އޮންނަން މާލޫލް ބޭނުންވެ އެވެ.
ރާއްޖެ އާއި ސީރިއާ މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވެފައިވަނީ 2012 ވަނަ އަހަރު އިންޑިއާގައި ބޭއްވި ނެހްރޫ ކަޕްގަ އެވެ. އެ ފަހަރު ރާއްޖޭން ސީރިއާ ބަލިކުރީ 2-1 އިންނެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 155 ގަ އެވެ. އަދި ސީރިއާ އޮތީ 79 ވަނައިގަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.













