ވީޑިއޯ ބެލުން މުހިއްމެއް ނޫން، ބޭނުމީ ދަނޑުމަތީގައި ތަފާތެއް ދައްކަން: ގައުމީ ކޯޗު

ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުރިއަށް އޮތް ތިން މެޗަށް ދާއިރު، ހަމައެކަނި އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ވީޑިއޯތައް ބަލައިގެން ތައްޔާރުނުވާނެ ކަމަށާއި ބޭނުންވަނީ ނަތީޖާ ނެރެވޭ ވަރަށް ދަނޑުމަތީގައި ތަފާތެއް ދެއްކުމަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.

ކޮލިފައިން މެޗުތައް ފުރަތަމަ ކުޅެވޭތޯ ބެލީ ސެންޓްރަލައިޒްކޮށް ޗައިނާގަ އެވެ. އެކަމަކު ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސަށް ޗައިނާ އަށް އެތެރެވެވޭގޮތް ނުވުމުން މެޗުތައް ދުބާއީގައި ކުޅޭގޮތަށް ބަދަލުކުރީ އެވެ. ކުރިން ޝެޑިއުލް އޮތްގޮތުން މިއަދު ރާއްޖޭން ޗައިނާއާ ކުޅެން ޖެހޭނެ އެވެ. އެކަމަކު ޝެޑިއުލަށް އައި ބަދަލުގެ ސަބަބުން ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ސީރިއާއާ އެވެ.

ސީިރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫޕްމަން ބުނީ ކުރިއަށް ކުޅެން އޮތް ތިން ޓީމު (ސީރިއާ، ޗައިނާ، ފިލިޕީންސް)ގެ ތެރެއިން ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް މި ވަގުތަށް ބަލާއިރު ތައްޔާރުވާން ޖެހިފައި އޮތީ ކުރީގެ މެޗުތަކެއްގެ ވީޑިއޯތަކަކަށް ބަލައިގެން ކަމަށެެވެ.

Advertisement

"އަހަރެން ކުޅުންތެރިން ގާތުގައި ބުނިން މާ ބޮޑަށް މި ވީޑިއޯތަކަށް ސަމާލުކަން ނުދޭން. އަހަރެން ކަރުދާހުގައި ޕްލޭން ހަދައި ޕްރެކްޓިސްގައި މަސައްކަތްކުރާނަން ތައްޔާރީތަކަށް. އަހަރެމެން މަސައްކަތްކުރަންވީ ރަނގަޅު ފުޓްބޯޅައެއް ކުޅެގެން ދަނޑުމަތީގައި ތަފާތެއް ދައްކަން،" ކޫޕްމަން ބުންޏެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޫޕްމަން ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ކޫޕްމަން ބުނީ ސީރިއާ ގްރޫޕްގެ އެއް ވަނައިގައި އޮތީ އެ ޓީމަށް ހައްގު މަގާމެއް ކަމަށް ވާތީ ކަމަށާއި ރާއްޖޭން މާދަމާރޭގެ މެޗަށް ނުކުންނާނީ ވެވުނު ތައްޔާރީތަކަށް ބަލައި ތަފާތު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށެވެ.

"ސީރިއާ އަކީ އެއް ވަނަ ޓީމު. އެހެންވެ އެ ޓީމު ގްރޫޕްގެ އެއް ވަނައިގައި އެ އޮތީ. އަހަރެމެން މަސައްކަތް ކުރާނަން. އެއްވަރު ވެސް ކުރެވިދާނެ. މޮޅެއް ވެސް ހޯދިދާނެ. ފަހަރެއްގައި އަހަރެމެންނަށް ފުޓްބޯޅަ ދުނިޔެ ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ވެސް ނެރެވިދާނެ. މީގެ އޮތީ މަސައްކަތް ކުރުން،" ކުރިން އަރޫބާގެ ކޯޗަކަށް މަސައްކަތްކުރި ކޫޕްމަން ބުންޏެވެ.

މާދަމާރޭގެ މެޗަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ހަވާލުވި ކޫޕްމަން ޓީމު ގޮވައިގެން ވާދަވެރި މެޗަކަށް ނުކުންނަ ފުރަތަަމަ ފަަހަރެވެ. ކޫޕްމަން ބުނީ އޭނާގެ ނަޒަރުގައި ހާލަތު އޮތްގޮތަށް ބަލާއިރު، ރާއްޖެ މި ވަގުތު މި މެޗުތަކަށް ނުކުންނަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"މިދިޔަ އަހަރު ނަމަ އަހަރެމެން ވަރަށް ރަނގަޅަށް ޖުލައި ހިސާބު ތައްޔާރުވެގެން ތިބީ މެޗުތައް ކުޅެން. އެކަމަކު ހާލަތު ތަންނުދޭތީ ނުކުޅެވުނީ. ދެން މި ވަގުތު މެޗުތައް ކުޅެން ބަލާއިރު ބައިވަރު ގޮންޖެހުންތަކެއް އެބަހުރި. އެ ވާހަކަތައް ދެން ދެއްކުމުގެ މާނައެއް ނެތް. ކުރަންވީ މަސައްކަތަށް ހަކަތަ ހުސްކުރުން އޮތީ،" ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމުން މިދިޔަ މަހު 13 ވަނަ ދުވަހު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކުރިއިރު، ރާއްޖޭގައި ޓްރެއިނިން ބޭއްވުމުގެ ފުރުސަތު ނުލިބި ޖެހުނީ ހޮޓެލް ޖެން ބޯލް ރޫމުގައި ފަރިތަކުރާށެވެ. ގައުމީ ޓީމަށް ދަނޑުގައި ފަރިތަކޮށްލަން ފުރުސަތު ލިބުނީ މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ.

ގައުމީ ކޯޗު ކޫޕްމަން (ކ) އާއި އެސިސްޓަންޓް ކޯޗު ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އަދަދު

ކޫޕްމަން ބުނީ ތައްޔާރީތަކަށް އެ ދިމާވި ކަންތަައްތަކުގެ އިތުރުން ޓީމުގެ މުހިއްމު ހަތް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ މި މެޗުތަކުގައި ނުކުޅެވުމަކީ ވެސް އިތުރުވި ބޮލުގެ ރިހުމެއް ކަމަށެވެ. ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހުރީ ކޮވިޑަށް ޕޮޒިޓިވްވެގެން ޓީމާ ދުރުގައި އައިސޮލޭޝަނުގަ އެވެ.

"މިހެން ދިމާވާ އުނދަގޫ ވަގުތުގައި އަބަދުވެސް އާ ކުޅުންތެރިން ތެދުވަން ޖެހޭނީ. އަހަރެން ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރިއިރު ވެސް މިހެން އައި ފުރުސަތެއްގައި ފެންވަރު ސާބިތުކޮށްދިން ކުޅުންތެރިން ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމަށް ކުޅުނު،" 2002 އިން 2004 އަށް ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ މެޗުތަކުގެ ވީޑިއޯތަކެއް ބެލި ކަމަށާއި އޭގެއިން ވެސް ދިވެހި ކުޅުންތެރިންގެ ހުނަރާއި ފެންވަރު ވަޒަންކުރެވުނު ކަމަށް ކޫޕްމަން ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިންގެ އެހީތެރިކަމާ އެކު މި ޓީމު ކުރިއަރުވަން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށާއި ފެންވަރު ސާބިތުކޮށްދޭން ޖެހޭނީ ދަނޑުމަތީގައި ކަމަށެވެ.

ސީރިއާ އާއި ރާއްޖެ ފުރަތަމަ ކުޅުނު މެޗުން ސީރިއާ މޮޅުވީ 2-1 އިންނެވެ. މާދަމާރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox