ލަންޑަން (ޖޫން 1) - ޓީމުން ފުރުސަތު ނުލިބޭނެ ކަމަށް ބެލެވުނު ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި އަނިޔާ އިން ރަނގަޅުވަމުން އަންނަ ހަމަ އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ ހިމަނައިގެން އިންގްލެންޑްގެ ޔޫރޯ ސްކޮޑު މިއަދު ފައިނަލްކޮށްފި އެވެ.
އިންގްލެންޑުން އެންމެ ފުރަތަމަ ނެގި 33 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑާއި ވެސްޓް ހޭމް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ޖެސީ ލިންގާޑާއި ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު އާރޮން ރާމްސްޑޭލް، ބްރައިޓަންގެ ބެން ވައިޓް، އެވަޓަންގެ ބެން ގޮޑްފްރޭ، ސައުތެމްޓަންގެ ކެޕްޓަން ޖޭމްސް ވާޑް-ޕްރައުސް އަދި އެސްޓަން ވިލާގެ އޮލީ ވަޓްކިންސް އެވެ.
މީގެ ތެރެއިން ގްރީންވުޑް ވަކިވީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ފޯކަސް ކުރުމުގެ ގޮތުންނެވެ. އަދި ލިންގާޑް ބާކީކުރަން ޖެހުނީ އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުންނެވެ.
އިންގްލެންޑުން އެންމެ ފަހުން ކުޅުނު މެޗުތަކަށް ނެގި ސްކޮޑުން އާނޯލްޑަށް ފުރުސަތު ނުދޭތީ ޔޫރޯ އަށް ދާ ޓީމުން ވެސް އޭނާ އަށް ޖާގަ ގެއްލޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ސީޒަނުގެ ފަހު މެޗުތަކުގައި ރަނގަޅު ފޯމެއްގައި ކުޅުނު އާނޯލްޑަށް ޔޫރޯ އަށް ނެގި އިންގްލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ދީފަ އެވެ.
"ސްކޮޑު ނަގަން ފަސޭހައެއް ނޫން. ވަރަށް ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިން އިންގްލެންޑްގައި އެބަތިބި. މި ޓީމުން ވަކިވި ކުޅުންތެރިންގެ ތެރޭގައި ވެސް ގިނައީ ޖާގަ ހައްގުވާ ކުޅުންތެރިން،" ސައުތުގޭޓް ބުންޏެވެ.
އަނިޔާއިން ރަނގަޅުވެގެން ފިޓްނަސް އަށް މަސައްކަތްކުރަމުން އަންނަ ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އާއި ޔުނައިޓެޑްގެ ކެޕްޓަން މެގުއާ އަށް ވެސް ވަނީ ޓީމުން ފުރުސަތު ދިނީ ޔޫރޯ ފެށެންވާއިރަށް ރަނގަޅު ލެވަލަކަށް ފިޓްނަސް ރަނގަޅުކުރެވޭނެތީ އެވެ. މެގުއާ އަށް އަނިޔާވީ މިދިޔަ މަހު އެވެ. އެހެންވެ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗު ގެއްލުނެވެ. އަދި ފެބްރުއަރީ މަހުގެ ފަހުން ހެންޑަސަން މެޗެއް ނުކުޅެ އެވެ. އެކަމަކު ސީޒަންގެ ފަހުކޮޅުގައި އޭނާ ވަނީ ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ކީޕަރުންގެ ގޮތުގައި އިނގިރޭސި ޓީމުން ފުރުސަތު ލިބުނީ އެވަޓަންގެ ޖޯޑަން ޕިކްފޯޑާއި ޔުނައިޓެޑްގެ ޑީން ހެންޑަސަން އަދި ވެސްޓް ބްރޮމްގެ ސޭމް ޖޯންސްޓޯން އެވެ. ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑްގެ މެގުއާ އާއި ލޫކް ޝޯ، މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އާއި ކައިލް ވޯކާ، ޗެލްސީގެ ބެން ޗިލްވެލް އާއި ރީސް ޖޭމްސް، ލިވަޕޫލްގެ އާނޯލްޑް، އެސްޓަން ވިލާގެ ޓައިރޮން މިންގްސް، ވުލްވްސްގެ ކޮނާ ކޯޑީ އަދި އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއޭ ހިމެނެ އެވެ.
މިޑްފީލްޑަރުންނަކީ ލިވަޕޫލްގެ ހެންޑަސަން، ބޮރޫޝިއާ ޑޯޓްމުންޑްގެ ޖޫޑް ބެލިންހަމް، ލީޑްސް ޔުނައިޓެޑްގެ ކެލްވިން ފިލިޕްސް، ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް އަދި ޗެލްސީގެ މޭސަން މައުންޓް އެވެ.
ފޯވާޑުންނަކީ ޓޮޓެންހަމްގެ ހެރީ ކޭން، އެވަޓަންގެ ޑޮމިނިކް ކަލްވެޓް-ލެވިން، ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް، ސިޓީގެ ރަހީމް ސްޓާލިން އާއި ފިލް ފޯޑެން، އެސްޓަން ވިލާގެ ޖެކް ގްރީލިޝް، ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އަދި އާސެނަލްގެ ބުކާޔޯ ސަކާ އެވެ.
ޔޫރޯގައި އިންގްލެންޑް ހިމެނެނީ ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް އަދި ޗެކް ރިޕަބްލިކާ އެކު ގްރޫޕް ޑީގަ އެވެ. އިންގްލެންޑް ފުރަަތަމަ މެޗުގައި 13 ވަނަ ދުވަހު ކުޅޭނީ ކްރޮއޭޝިއާއާ އެވެ.












