ބޭހަށް ނުގުޑާ ވައިޓް ފަންގަސްގެ ބިރު އިންޑިއާގެ ކޮވިޑް ބަލި މީހުންނަށް

އިންޑިއާގައި ކޮވިޑު ޖެހި ހާލު ދެރަވެފައިވާ މީހުންނަށް ފަރުވާ ދެނީ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކޮވިޑު ޖެހި ހާލު ދެރަވެފައިވާ މީހުންނަށް ފަރުވާ ދެނީ.-- ފޮޓޯ: ރޮއިޓާޒް

މިދިޔަ މޭ މަހު އިންޑިއާގެ އިރުމަތީ ކޮލްކަތާ ސިޓީގައި މެދު އުމުރުގެ ފިރިހެނަކަށް ކޮވިޑް ޖެހި އައިސީޔޫގައި އެޑްމިޓު ކުރި އެވެ. ހާލަތު ގޯސް ވާން ފެށުމުން އޭނާއަށް ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ. ފުރާނަ ސަލާމަތް ކުރަން ފަރުވާ ދިނީ ސްޓިރޮއިޑްސް ބޭނުންކޮށްގެންނެވެ. ނަމަވެސް އެ ފަރުވާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، ހަކުރު މަތި ކުރާ އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެތައް ދުވަހެއް އައިސީޔޫގައި ހޭދަކުރުމަށް ފަހު، ބަލިން ރަނގަޅުވެ ގެޔަށް ދާން ތައްޔާރު ވަނިކޮށް އޭނާގެ ހަށިގަނޑުގައި ފުރާނައަށް ނުރައްކާވާ، ބޭހަށް ނުގުޑާ ފަންގަސް އިންފެކްޝަނެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަވި އެވެ.

ކެންޑިޑާ އޯރިސް (ސީ. އޯރިސް) އަކީ ގާތްގަނޑަކަށް މީގެ ދިހަ އަހަރު ކުރިން ސައިންސްވެރިންނަށް ދެނެގަނެވުނު ފަންގަސް އެކެވެ. ލެޔަށް ޖެހޭ މި ފަންގަސް އިންފެކްޝަންއަކީ ދުނިޔޭގައި ހުރިހާ ހޮސްޕިޓަލެއްގެ އައިސީޔޫއިން ވެސް އެންމެ ގިނައިން ފެންނަ ޖަރާސީމުން ފެތުރޭ އިންފެކްޝަނެކެވެ. އެ ޖަރާސީމުން ބަލިވާ މީހުންގެ 70 ޕަސެންޓު މަރުވެ އެވެ.

ކެންޑިޑާ އޯރިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް
ކެންޑިޑާ އޯރިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކެންޑިޑާ އޯރިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

"ކޮވިޑުގެ ދެ ވަނަ ރާޅުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ މި އިންފެކްޝަން ޖެހިފައިވާ މީހުންގެ އަދަދު އިތުރުކަން. އައިސީޔޫތަކުގައި ވަރަށް ބައިވަރު ބަލި މީހުން އެބަ ތިބި އަދި އޭގެ ތެރެއިން ގިނަ މީހުންނަށް ފަރުވާ ދެނީ ސްޓިރޮއިޑްސް ބޭނުންކޮށްގެން. މިކަމުގެ ސަބަބަކީ އެއީ ކަމަށް ވެދާނެ،" މުމްބާއީގައި މަސައްކަތް ކުރާ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓު ޑރ. އޯމް ސްރިވާސްތަވާ ބީބީސީއަށް ވިދާޅުވި އެވެ.

އިތުރުވަމުން ދަނީ ކޮން ފަންގަލް އިންފެކްޝަންތަކެއް؟

ކޮވިޑުގެ ދެ ވަނަ ރާޅުގައި އިންޑިއާގެ ހާލަތު ވަރަށް ގޯސްވެ، ހާލު ދެރަވާ މީހުން ގިނަވުމުން އައިސީޔޫތައް ފުރުނެވެ. އެއާއެކު ފަންގަލް އިންފެކްޝަންތައް އިތުރުވާން ފެށިކަން ޑޮކްޓަރުންނަށް ފާހަގަވި އެވެ.

އެންމެ ފުރަތަމަ ފާހަގަވީ މިޔުކޯމައިކޮސިސް ނުވަތަ ބްލެކް ފަންގަސްގެ ކޭސްތަކެވެ. މިއީ ވެސް ވަރަށް މަދުން ފެންނަ، ފުރާނައަށް ނުރައްކާވާ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ އަސަރު ކުރަނީ ލޮލާއި ނޭފަތާއި ސިކުނޑި އަށެވެ. މިހާތަނަށް ބްލެކް ފަންގަސްގެ 12،000 ކޭސް އަދި 200 މަރު ވަނީ ދެ ވަނަ ރާޅުގެ ތެރޭގައި ރިކޯޑުކޮށްފަ އެވެ.

މިހާރު ޑޮކްޓަރުންނަށް ފާހަގަވެފައި ވަނީ އެހެން ބާވަތެއްގެ ފުރާނައަށް ނުރައްކާވާ ފަންގަލް އިންފެކްޝަނެކެވެ. މި އިންފެކްޝަން ފެންނަނީ ކޮވިޑް ބަލި މީހުން ހަފްތާއެއް ނުވަތަ 10 ދުވަސް އައިސީޔޫގައި ހޭދަކުރާ ފަހުންނެވެ.

ކެންޑިޑާ ފަންގައި ނުވަތަ ވައިޓްސް ފަންގަސްގެ ދެ ބާވަތެއް އުޅެ އެވެ. އެއީ އޯރިސް އަދި އަލްބިކާންސް އާއި އެސްޕާގިލަސް އެވެ. މި ދެ ބާވަތަކީ ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ދެ ބާވަތެވެ.

ފަންގަސްގެ ފަސް މިލިއަން ވައްތަރުގެ ތެރެއިން ކެންޑިޑާ އާއި އެސްޕާގިލަސްއަކީ އެންމެ ގިނަ އަދަދެއްގެ އިންސާނުން މަރުވާން ދިމާވާ އިންފެކްޝަން ޖައްސާ ފަންގަސްތަކެވެ.

އެސްޕާގިލަސް.-- ފޮޓޯ: ގެޓީ އިމޭޖަޒް
އެސްޕާގިލަސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެސްޕާގިލަސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކެންޑިޑާއަކީ އެކި ތަންތަނުގެ މަތީގައި ހުންނަ ޖަރާސީމެކެެ. އެގޮތުން ފާހާނާގައި ހުންނަ ޝަވާ ކާޓެއިން އާއި ކޮމްޕިއުޓަރު ސްކްރީނާއި ޑޮކްޓަރުންގެ ސްޓިތޮސްކޯޕް ފަދަ ތަކެތި ފާހަގަކުރެވެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މި ފަންގަސްގެ އިންފެކްޝަން ލެޔަށް ޖެހުނު ނަމަވެސް ބައެއް ފަހަރު ނޭވާލާ ނިޒާމާއި، ސިކުނޑި އާއި އެތެރެހަށީގެ ގުނަވަންތަކާއި ހަމަށް ވެސް ޖެހެ އެވެ.

އެސްޕާގިލަސްއަކީ ވެސް ވަށައިގެންވާ މާހައުލުން އާއްމުކޮށް ފެންނަ ފަންގަސް އެކެވެ. އެގޮތުން ހީޓިން ސިސްޓަމާއި އެއާކޮންޑިޝަން ސިސްޓަމުގައި މި ޖަރާސީމު އުޅެ އެވެ. އާއްމު ގޮތެއްގައި މި ފަންގަސްތަކުން އިންސާނުން ރައްކާތެރިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސަބަބުންނެވެ.

ނަމަވެސް ކޮވިޑް ޖެހި ހާލު ދެރަވާ މީހުންގެ ހަމާއި، ލޭ ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، މި ފަންގަސް ހަށިގަނޑުގެ ތެރެއަށް ވަނުމަށް މަގުފަހިވެ އެވެ.

މަހަރާޝްތްރަ ސްޓޭޓުގެ ކަސްތުރްބާ ހޮސްޕިޓަލުގެ ޑރ. އެސްޕީ ކަލާންތަރީ ބީބީސީއަށް ވިދާޅުވީ ކޮވިޑުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ ބަލި މީހުންގެ 30-20 ޕަސެންޓު މީހުންނަށް މި އިންފެކްޝަނާ ދިމާވެ އެވެ.

އިންފެކްޝަންގެ އަލާމާތްތަކަކީ ކޮބާ؟

ފަންގަލް އިންފެކްޝަންތަކުގެ އަލާމާތްތަކަކީ ކޮވިޑް ޖެހުމުން ފެންނަ އަލާމާތްތަކާ އެއް ގޮތް ކަންކަމެވެ. އެގޮތުން ހުން އައުމާއި، ކެއްސުމާއި ނޭވާ ކުރުވުން ފާހަގަކުރެވެ އެވެ.

ކެންޑިޑާ އިންފެކްޝަން ނުވަތަ ވައިޓް ފަންގަސް ޖެހުމުން ނޭފަތާއި، އަނގަ އާއި ފުއްޕާމެއާއި، ބަނޑު އަދި ނިޔަފަތި ދޭތެރެއިން ހުދު ކުލައިގެ ފޫ ފެންނަން ފަށަ އެވެ.

ހަށިގަނޑުގެ ތެރެއަށް ބޮޑަށް އިންފެކްޝަން ފެތުރި ލޭގައި ދައުރުވާން ފެށުމުން ލޭގެ ޕްރެޝަރު ވެއްޓި، ހުން އައިސް، ބަނޑުގައި ރިއްސާ، ޔޫރިން އިންފެކްޝަނާ ކުރިމަތިވެ އެވެ.

މި އިންފެކްޝަންތައް ދިމާވަނީ ކީއްވެ؟

ކޮވިޑު ޖެހޭ މީހުންގެ ތެރެއިން މަދުވެގެން ފަސް ޕަސެންޓު މީހުން ހާލު ދެރަވެ، އައިސީޔޫގައި ދިގު މުއްދަތަށް ފަރުވާ ދޭން ޖެހެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދޭ މީހުންނަށް ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންގެ ނުރައްކާ އަބަދުވެސް ބޮޑުވެ އެވެ.

އިންޑިއާގައި ގިނަ އަދަދަކަށް ފަންގަލް އިންފެކްޝަން ފެންނަނީ ދެ ވަނަ ރާޅުގައި ސިއްހީ މަސައްކަތްތެރިންނަށް ބުރަ ބޮޑުވެ، އައިސީޔޫތަކުގައި އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރެވޭ މިންވަރު މަދުވުމުން ކަމަށް ވުން އެކަށީގެންވެ އެވެ.

އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރެވޭ މިންވަރު މަދުވާ ސަބަބުތަކުގެ ތެރޭގައި ވަރުބަލިވެފައިވާ ސިއްހީ ފަރާތްތައް ޕީޕީއީގައި އުޅެން ޖެހުމާއި، ފްލުއިޑް ޓިއުބް ބޭނުން ކުރުން އިތުރުވުމާއި، އަތް ދޮވުން މަދުވުމާއި، ސާފު ކުރުމާއި ޑިސްއިންފެކްޓު ކުރާ ގޮތް ތަފާތުވުން ހިމެނެ އެވެ.

އޭގެ އިތުރުން ސްޓިރޮއިޑް އާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ އެހެން ބޭސްތައް މާ ގިނައިން ބޭނުން ކުރުމަކީ ވެސް އިންފެކްޝަން އިތުރުވުމުގެ އެއް ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox