ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުތައް ސެންޓަރަލައިޒްކޮށް ޗައިނާގައި ބޭއްވޭނެ ގޮތެއް ނުވުމުން އެ މެޗުތައް ދުބާއީ އަށް ބަދަލުކޮށްފައިވާއިރު، ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު އަންނަ ހުކުރު ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ ގޮތަށް ނިންމައިފި އެވެ.
ޗައިނާ ސަރުކާރުން ހުއްދަ ނުލިބޭތީ ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސަށް ޗައިނާ އަށް ގޮސްގެން މެޗު ކުޅެވޭނެ ގޮތެއްނުވި އެވެ. އެހެންވެ، ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން އެ ގައުމުގެ ސަރުކާރާއި އޭއެފްސީއާ މަޝްވަރާ ކުރުމަށް ފަހު ނިންމީ ދުބާއީ އަށް މެޗުތައް ބަދަލުކުރާށެވެ.
ސެންޓްރަލައިޒްކޮށް މެޗުތައް ކުޅެން ނިންމި ޗައިނާގެ ސޫޒޯގައި އާދިއްތަ ދުވަހު ވަނީ ގުއާމާއި ޗައިނާގެ މެޗު ކުޅެފަ އެވެ. އިއްޔެގެ އެ މެޗުން ޗައިނާ މޮޅުވީ 7-0 އިންނެވެ.
އެންމެ ފުރަތަމަ ޝެޑިއުލްގައި އޮތްގޮތުން ރާއްޖެ އާއި ޗައިނާ މެޗު އޮތީ އަންނަ ބުރާސްފަތި ދުވަހު ކުޅޭގޮތަށެވެ. އެކަަމަކު ޓެސްޓްތައް ކޮށްގެން ދަތުރު ފަތުކުރަން ޖެހޭތީ އެ މެޗު އެ ތާރީހުގައި ކުޅެވޭނެ ގޮތެއް ނެތެވެ. އެހެންވެ ނިންމީ މި ވަގުތު ދުބާއީގައި ތިބި ރާއްޖެ އާއި ސީރިއާ މެޗު ހުކުރު ދުވަހަށް ޝެޑިއުލްކުރާށެވެ. ކުރިން އެ މެޗު ކުޅެން އޮތީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. މިއީ ހަގީގަތުގައި ރާއްޖޭގެ ހޯމް މެޗެކެވެ.
ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު އަންނަ މަހު 11 ވަނަ ދުވަހު ކުޅޭނީ ޗައިނާ އާއި ރާއްޖޭގެ މެޗެވެ. ރާއްޖެ ކޮލިފައިންގައި ކުޅޭ ފަހު މެޗު އޮންނާނީ އަންނަ މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ.

ކޮލިފައިންގައި ސީރިއާގެ ހޯމް މެޗުތައް ކުޅެނީ މީގެ ކުރިން ވެސް ދުބާއީގަ އެވެ. އެ ގޮތުން ރާއްޖެއާ ދެކޮޅަށް 2019 ވަަަނަ އަހަރު އޮކްޓޫބަރު މަހު ސީރިއާ ކުޅުނު މެޗުން މޮޅުވީ 2-1 އިންނެވެ.
ކޮލިފައިން މެޗުތައް ދުބާއީ އަށް ބަދަލުކުރުމަކީ މި ވަގުތު ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނަ ރާއްޖޭގެ ޓީމަށް ލިބޭނެ ހިތްހަަމަ ޖެހުމެކެވެ. ސީރިއާ ޓީމާ އެކު ރާއްޖޭގެ ގައުމީ ޓީމު އާދިއްތަ ދުވަހު ޗައިނާ އަށް ފުރަން އޮތްއިރު، ފުރަން ހުއްދަ ނުލިބުނީ ޗައިނާ އަށް ދިއުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ނުދިނުމުންނެވެ،
ރާއްޖެ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑަށް ޕޮޒިޓިވްވެ، ވަނީ އައިސޮލޭޝަނަށް ގޮސްފަ އެވެ. ދުބާއީ އަށް މެޗުތައް ބަދަލުކުރުމުން އެ ދެ ކުޅުންތެރިންނަށް ކޮލިފައިންގެ އެންމެ ފަހު ދެ މެޗުގައި ކުޅުމުގެ ހަނި ފުރުސަތެއް އޮންނާނެ އެވެ. އެއީ 10 ދުވަސް ފަހުން ކަރަންޓީނު މުއްދަތު ހަމަވެ، ޓެސްޓް ނެގެޓިވްވެއްޖެނަމަ އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.













