މިއުނިކް (މެއި 31) - ބަޔާން މިއުނިކްގައި ހުރީ އުފަލުން ކަމަށާއި އެކަމަކު މުސްތަގުބަލާ މެދު ވެސް ވިސްނާ ކަމަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން ދޫކޮށްލަން އުޅޭ ކަމަށް ޖަރުމަނު އަދި އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ލެވަންޑޯސްކީގެ ސޮއި ހޯދަން މަސައްކަތްކުރާ ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި ޗެލްސީ އަދި ޔުވެންޓަސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕޮލެންޑް ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ލެވަންޑޯސްކީ ބުނީ ބަޔާންގައި އުފަލުން ހުރީ މިއުނިކަކީ ވަރަށް ހިތްގައިމު ސިޓީ އަކަށްް ވެފައި ހާއްސަ ގުޅުމެއް އެ ޓީމާ ދެމެދު އޮތުމުން ކަމަށެވެ. އަދި މުސްތަގުބަލާ މެދު ވެސް ވަރަށް ގިނަ ގޮތްގޮތަށް ވިސްނާ ކަމަށް ލެވަންޑޯސްކީ ބުންޏެވެ.
"އާ ކަންތައްތައް ދަސްކުރަން އަހަރެން ވަރަށް ޝައުގުވެރިވޭ. އާ ބަސްމަގާއި ސަގާފަތާއި ފުޓްބޯޅައިގެ ކަންކަން. އަހަރެން މި ދަނީ މުސްތަގުބަލާ މެދު ވެސް ވިސްނަމުން،" ލެވަންޑޯސްކީ ބުންޏެވެ.
"ހުށަހެޅުންތައް ފުޓްބޯޅައިގައި އަންނާނެ. އެކަމަކު ކޮންމެ ޕްރޮޕޯސަލަކަށް އެއްބަސްވުމަށް ވުރެ ރަނގަޅު ހުށަހެޅުމެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް،"
ބަޔާނުން ވަނީ ލެވަންޑޯސްކީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ފުރިހަމަކުރާނެ ކަމަށް ބުނެފަ އެވެ. ލެވަންޑޯސްކީ ބަޔާނާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓް ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ.
ލެވަންޑޯސްކީގެ ފުޓްބޯޅަ ކެރިއަރަށް ކަޅިއެއް
ޕޮލެންޑްގެ ތިން ވަނަ ޑިވިޝަންގެ ޒިނިޗް އިން 2006 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފަށައި ލެވަންޑޯސްކީ 2008 ވަނަ އަހަރު އެ ގައުމުގެ ލެޗް ޕޮޒްނަން ބަދަލުވި އެވެ. އެ ފަހަރު ޕޮޒްނަން އަށް ދިއުމުގެ ކުރިން ލެވަންޑޯސްކީގެ އޭޖެންްޓް ވަނީ އޭނާ ސްޕެއިނުގެ ސްޕޯޓިން ގިޔޯން އަށް ގެންދަން މަަޝްވަރާކޮށްފަ އެވެ. މަތީ ފަންތީގެ ފުޓްބޯޅައިގައި ތަޖުރިބާ މަދު ކަމަށް ބުނެ ގިޔޯން އިން ލެވަންޑޯސްކީ ބޭނުމެއް ނުވި އެވެ.

ލެޗް ޕޮޒްނަން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.
ޕޮޒްނަން އަށް ލެވަންޑޯސްކީ ކުޅެމުން ދަނިކޮށް 2010 ވަނަ އަހަރު އޭނާ ބްލެކްބާން ރޯވާސް ބަދަލުވުމާ ގާތަށް ޖެހިލި އެވެ. އެކަމަކު އެ ފަހަރު ދިމާވި ގުދުރަތީ ހާދިސާތަކެއްގެ ސަބަބުން އިންގްލެންޑަށް ވައިގެ މަގުން ދަތުރުފަތުރުތައް ހުއްޓާލުމާއި ބްލެކްބާންގެ މާލީ ހާލަތު ކުއްލިއަކަށް ގޯސްވުމުން ބްލެކްބާނާ އެކު ލެވަންޑޯސްކީގެ ޓްރާންސް ނުހިނގި އެވެ. އެ ފަހަރު ލެވަންޑޯސްކީ ބަދަލުވީ ކޯޗު ޔާގަން ކްލޮޕްގެ އެދުމަކަށް ބޮރޫޝިއާ ޑޯޓްމަންޑަށެެވެ.
ލެވަންޑޯސްކީގެ ވިދުން ގަދަވީ ޑޯޓްމަންޑްގަ އެވެ. ލެވަންޑޯސްކީ ވަނީ ޑޯޓްމަންޑާ އެކު ދެ ފަހަރު ޖަރުމަނު ލީގާއި ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު ޑޯޓްމަންޑުން ޗެމްޕިއަންސް ފައިނަލަށް ދަތުރުކުރިއިރު ލެވަންޑޯސްކީ އިސް ދައުރެއް އަދާކުރި އެވެ. އެ ފަހަރު ސެމީގައި ލެވަންޑޯސްކީ ވަނީ ރެއާލް މެޑްރިޑް ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ.
ލެވަންޑޯސްކީ ބަޔާނަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި 2014 ވަނަ އަހަރު އެވެ. އެ ޓީމަށް މިހާތަނަށް 329 މެޗުން ވަނީ 294 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެ ޓީމާ އެކު 17 ތަށި ހޯދާފައިވެ އެވެ.
ބަޔާންގައި ހުރެ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލި ލެވަންޑޯސްކީ ވަނީ މިދިޔަ އަަހަރު ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި އޭނާ މި ސީޒަނުގައި ޖަރުމަނު ލީގުގައި 41 ގޯލު ޖަހައި ޔޫރަޕްގެ ރަން ބޫޓު ހޯދި އެވެ.
މި ސީޒަނުގައި ޖަރުމަނު ލީގުގައި 41 ގޯލު ޖަހައި ލެވަންޑޯސްކީ ވަނީ 49 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން އެންމެ ފުރަތަމަ ރެކޯޑް ހެދީ ކުރީގެ އެއް ވަނަ ފޯވާޑް ގާޑް މުލާ އެވެ. އެއީ 40 ގޯލު ޖަހައިގެންނެވެ.












