ޕެރިސް (މެއި 31) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ޖަޕާނުގެ އަންހެން ޓެނިސް ތަރި ނައޯމީ އޮސާކާ ނިންމާފައިވާއިރު، އެގޮތަށް ކުރިއަށްދާން އޭނާ ނިންމައިފިނަމަ ޓެނިހުގެ ވަރުގަދަ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީފި އެވެ.
ހަތަރު ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އުމުރުން 23 އަހަރުގެ ނައޯމީ މި ފަހަރުގެ ފްރެންޗް އޯޕަންގައި މީޑިއާއާ ވާހަކަ ނުދައްކަން ނިންމީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނާއިރު މި ވަގުތު އެންމެ ރަނގަޅީ މީޑިއާގެ ސުވާލުތަކާ ދުރަށް ޖެހިލުން ކަމަށް ފެންނާތީ އެވެ. އަދި އޭނާ އެ ގޮތަށް ކަންތައް ކޮށްގެން ދައްކަން ޖެހޭ ޖޫރިމަނާ އަދާކުރާނީ ޗެރިޓީއެއްގެ ގޮތުގައި ކަމަށް ނައޯމީ ބުނެފައިވެ އެވެ.
ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުގައި އިއްޔެ ނައޯމީ ވަނީ ރުމޭނިއާގެ ޕެޓްރީޝިއާ މާރިއާ އަތުން 6-4، 7-6 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ނައޯމީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވެ އެވެ. އެހެންވެ ފްރެންޗް އޯޕަން އޮގަނައިޒިން ކޮމިޓީން ނިންމީ ނައޯމީ 15،000 ޑޮލަރުން އޭނާ ޖޫރިމަނާ ކުރާށެވެ. ދެ ވަނަ ބުރުގައި ނައޯމީ ކުޅެން ޖެހިފައިބަނީ ރުމޭނިއާގެ އެނާ ބޮޑްގޭންއާ އެވެ.
ނައޯމީ އިއްޔެގެ މެޗުގެ ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރުޅި އަންނަނީ ރަނގަޅަށް ނުވިސްނޭތީ ކަމަށާއި ބަދަލުތައް ގެނައުމަކީ ބައެއް މީހުންނަށް ބަަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.
މީޑިއާއާ ވާހަކަ ނުދައްކަން ނައޯމީ ނިންމި ނިންމުމާ މެދު އަލުން ވިސްނައި އެކަން ބަދަލުކުރަން ފްރެންޗް އޯޕަންގެ އޮގަނައިޒަރުން އެދުނު ނަމަވެސް ނައޯމީ ނިންމީ އޭނާ އެންމެ ފުރަތަމަ ކަނޑައެޅި ގޮތަށް މި އަހަރުގެ ފްރެންޗް އޯޕަންގައި މީޑިއާ ބޮއިކޮޓް ކުރުން ކުރިއަށް ގެންދާށެވެ.
ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް ނައޯމީގެ މި ނިންމުމާ މެދު ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ އޮގަނައިޒަރުން ވެސް ވަނީ ހިތްހަމަނުޖެހިފަ އެވެ. އެ ހަތަރު މުބާރާތުން ވެސް ނައޯމީ އަށް މިހާރު އަންގާފައިވަނީ އޭނާ އެ ގޮތަށް މީޑިއާ ބޮއިކޮޓް ކުރުން ކުރިއަށްގެންދާނަމަ މުސްތަގުބަލުގައި އެއްވެސް ގްރޭންޑް ސްލޭމް މުބާރާތަކުން ފުރުސަތު ނުލިބި ސަސްޕެންޝަނެއްގައި ހުންނަން ޖެހިދާނެ ކަމަށެވެ.
"ތަކުރާރުކޮށް އެއް ކުށެއް ކުރާނަމަ ދައްކަން ޖެހޭ ޖޫރިމަނާ އިތުރުވެ އެ މައްސަލައިގެ ތަހުގީގު ދާނީ ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވަމުން. އެންމެ ފަހުން މިކަން ކޮޅެއްގައި ޖެހޭނީ ގްރޭންޑް ސްލޭމް ސަސްޕެންޝަނަކާ ހަމައިން. އެހެންވީމަ ވިސްނަން ޖެހޭ ކަންކަން އެބަހުރި،" ގްރޭންޑް ސްލޭމް އޮގަނައިޒަރުންގެ ބަޔާނުގައިވެ އެވެ.
ޓެނިހުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ނައޯމީގެ ފަރާތުން މީޑިއާ ބޮއިކޮޓް ކުރުމުގައި މި ފެނުނު ކަމަކީ ޕްރޮފެޝަނަލް އެތުލީޓުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އެއީ ޕްރޮފެޝަަނަލުންނަކީ ކޮންމެ ކަމަކާ ވެސް ކެރިގެން ކުރިމަތިލާން ޖެހޭނެ ބައެއް ކަމަށާއި ނައޯމީ މި ގޮތަށް މީޑިއާ ބޮއިކޮޓްކުރަން ނިންމުމުން މުސްތަގުބަލުގައި ގިނަ ކުޅުންތެރިންތަކެއް އެ ގޮތަށް އަމަލުކުރަން ފަށައި މުޅި ކުޅިވަރަށް މީގެ ސަބަބުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެނިހުގެ ތަޖުރިބާކާރުން ދެކެ އެވެ.












