އަންނަ އޮގަސްޓް މަހުގެ ތެރޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ދަރިވަރުންގެ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ އެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަކަށް ވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ. މި އަހަރުން ފެށިގެން، ކިޔެވުން މިގޮތަށް ތަރުތީބުކުރަން ވަނީ ނިންމައިފަ އެވެ.
އެކަޑަމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޖޫން، 24 ގައި ފެށޭނެ އެވެ. ދަރިވަރުންގެ ބަންދަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގަ އެވެ.

އަންނަ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް: ދިރާސީ އަހަރު ފެށެންވާ އިރަށް އަތޮޅުތަކަށް ފޮތްތައް ފޮނުވައި ނިމޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދޭ. -- ފޮޓޯ/އެޑިއުކޭޝަން

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރަށް ކުދިން ސްކޫލަށް ވެއްދުމާއި އެހެން ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުމަށް ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ދަރިވަރުން ސްކޫލްތަކަށް ވައްދަން ފޯމުލާފައި ތިބި ބެލެނިވެރިންނަށް އަންނަ މަހުގެ ހައަކުން ފެށިގެން ޖަވާބުދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ކިޔެވުމަށް އަންނަ އަހަރު ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވެސް ކުރިއަށް އެބަދެ އެވެ. ކިޔެވުން ފަށަންވާ އިރަށް ފޮތްތައް ފޮނުވައި ނިމޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ކޮވިޑުގެ ހާލަތާ ހެދި މާލޭގެ ސްކޫލްތަކާއި ކޮވިޑު ފެތުރި މޮނިޓަރިންގައިވާ ރަށްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.
ދިރާސީ އަހަރު އޮގަސްޓަށް ބަދަލުކުރީ، މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގިނަ މަޝްވަރާތަކަކަށް ފަހު އެވެ. އެ ބަދަލުން ދަރިވަރުންނަށް ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓުގައި މި ފަށަނީ، ޑިސެމްބަރުގައި ނިންމަން ޖެހޭ ގްރޭޑްތަކުގައި ދަރިވަރުން އިތުރަށް ހަ މަސް ދުވަހު ކިޔެވުމަށް ފަހު އެވެ.











