ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން، އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް އެންގެވި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ދެކެވަޑައިގެންނެވި ކަަމަށެވެ. އެގޮތަށް އަމަލުކުރަން ވެސް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މިގޮތަށް ބުނެފައިވާ އިރު، ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓާ ކޮމާންޑަރާ އެކު އެސްޕީޖީގެ މުޅި ލީޑަޝިޕް ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި އެސްޕީޖީގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު އަދި ފަސްޓް ސާޖަންޓުގެ މަގާމަށް އާ ބޭފުޅުން ހަމަޖެއްސުން ހިމެނެ އެވެ.
އެސްޕީޖީގެ އާ ކޮމާންޑަރަކަށް ހަމަޖެއްސީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އޭނާ ސިފައިންގެއިން ވަކިކޮށްފައި ވަނިކޮށް އަލުން ވަޒީފާ ދީފައި ވަނީ ކޯޓުން ހުކުމްކޮށްގެނެވެ.
އެސްޕީޖީގެ ކޮމާންޑަރަކަށް ކުރިން ހުރީ ކާނަލް ނަސްރުއްﷲ އިބްރާހިމް މަޖުދީ އެވެ.

އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑަރަކަށް އައްޔަން ކުރީ މޭޖާ މޫސާ އަމީޒެވެ. އަދި އެސްޕީޖީގެ ފަސްޓް ސާޖެންޓްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަސްޓް ސާޖެންޓް އަބްދުﷲ ޖަމީލެވެ.
ކުރީގެ ރައީސުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިސްޓަރުންގެ ސެކިއުރިޓީ ވެސް ބަލަހައްޓަނީ އެސްޕީޖީންނެވެ.
ނަޝީދަށް އަމާޒުކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލާފައި ވަނީ މި މެއި މަހުގެ ހަ ވަނަ ދުވަހެވެ. ހަމަލާއަށްފަހު ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.
އެސްޕީޖީގެ ލީޑަޝިޕަށް ބަދަލު ގެނައިއިރު ބޮމުގެ ހަމަލާއާ ގުޅިގެން މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. މި ހަމަލާއާ ގުޅިގެން ސިފައިން ފުރަތަމަ ބުނީ، މިފަދަ ނުރައްކަލެއްގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައި ނުވާ ކަަމަށެވެ.
އެކަމަކު އަބަދުވެސް ނަޝީދަށް އޮތް ތުރެޓުތަކުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި އެމަނިކުފާނަކީ އެންމެ ހައި ރިސްކު ބޭފުޅާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.
އެކަމަކު ފަހުން، ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ރާވަމުންދާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް އެރުވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފަ އެވެ. މިއާއެކު، ގިނަ ސުވާލުތަކެއް އުފައްދައި ސިފައިންގެ މުއައްސަސާއަށް ބޮޑެތި ފާޑުކިއުން އަމާޒުވެފައިވެ އެވެ.












