ރިޕޯޓުއިންޑިއާ ކޮންސިއުލޭޓް މައްސަލައާ އެކު އަނެއްކާ ވެސް ބަހުސެއް

އިންޑިއާ ކޮންސިއުލޭޓް މައްސަލައާ އެކު އަނެއްކާ ވެސް ބަހުސެއް

އެއް ކޮޅުން އެއް ބަޔަކު ކޮންސިއުލޭޓް ގުޅުވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ. އެ މީހުން އެތަން ސިފަކުރަނީ އިންޑިއާގެ އަތްދަށަށް ރާއްޖެ ދީލައިލުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގަ. އޭގެ އަނެއް ކޮޅުގައި ތިބީ އެ ކޮންސިއުލޭޓު އައްޑޫގެ ތަރައްގީއާ ގުޅުވާ ބަޔެއް.

އިންޑިއާ ކޮންސިއުލޭޓް މައްސަލައާ އެކު އަނެއްކާ ވެސް ބަހުސެއް

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފަހަކަށް އައިސް ކުރެވޭ އެންމެ ބޮޑު އެއް ބަހުސަކީ އިންޑިއާ މައްސަލަ އެވެ. ރާއްޖެ އަށް މީގެ ކުރިން ބޮޑެތި ކަންކަމުގައި އަދި ތަރައްގީގެ މަގުގައި އިންޑިއާ އިން އެހީ ފޯރުކޮށްދިން އިރު ނުއުފެދުނު ޝައްކެއް، ފަހަކަށް އައިސް ސިޔާސީ މައިދާނުގެ ތެރެއިން އިންޑިއާއާ މެދު މިވަނީ އުފެދިފަ އެވެ.

އިދިކޮޅު ޕީޕީއެމް ފިކުރާއި ވަކި އަތަކަށް ނުޖެހޭ ބައެއް މީހުންނަށް އިންޑިއާ އަކީ ބޮޑު ބިރެކެވެ. އިސްލާމް ދީނުގެ ބޮޑު އަދުއްވެކެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. އެމީހުން ނަޒަރުގައި އިންޑިއާގެ ބޭނުމަކީ ދިވެހި ފަސްގަނޑަށް އަތްގަދަ ކުރުމެވެ. އިންޑިއާ ކަނޑުގައި ރަނގަޅަށް ވަކި ހިތްޕާލުމެވެ.

ދެން އޮތީ ރޮނގުގެ އަނެއް ފަރާތެވެ. ވެރިކަން ކުރާ އެމްޑީޕީ އާއި ވަކި އަތަކަށް ނުޖެހޭ ބައެއް މީހުންނަށް އިންޑިއާ އަކީ ބޮޑުބޭބެ އެވެ. އެ ބަޔަކަށް އިންޑިއާއަކީ ރާއްޖޭގެ ތަރައްގީ އެވެ. ދިމާވާ ކޮންކަމެއްގައި އެހީވާން އޮތް ރަހުމަތްތެރިޔާކަން ހަނދާންކޮށްދެނީ މާޒީން މިސާލުތައް ނަގައިގެންނެވެ. އިންޑިއާއާ ނުލައި ވާކަށް ނެތެވެ.

ކުރީގެ ސަރުކާރުން ޗައިނާ އަށް ދީލާލައި އިންޑިއާ ބާކީކޮށްލާފައި އޮތުމަށް ފަހު މިސަރުކާރުން ޗައިނާ ދުރަށް ލައި އިންޑިއާއާ ގާތްކޮށްލި ފަހުން، އެ އަރައިރުން އަބަދުވެސް މަޑުގިނީގައި އޮވެފައި، ދޭތެރެއަކުން ހުޅުފަޅައިގެން ދެ އެވެ. އާ އެއްބަސްވުމެއްގައި ސޮއި ކުރުމުންނެވެ. ނޫނީ ކޮންމެވެސް ނަމެއްގައި ދޭ އާ ލޯނަކާ އެކު އެވެ.

އިންޑިއާ ކޮންސިއުލޭޓް: ހުޅުފަޅައިގެން

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާގެ މައި ސަރުކާރުގެ ކެބިނެޓުން ފާސްކުރުމާއެކު، އެ ބަހުސް ވަނީ ކެކިގެން އުތުރި އަރައިފަ އެވެ.

އެކަމާ ދެކޮޅު ފެކްޝަނުން ކޮންސިޔުލޭޓް ގާއިމުކުރުން ސިފަކުރަނީ ރާއްޖޭގެ ދެކުނަށް އިންޑިއާއިން ވެރިވެގަންނަން ކުރާ މަސައްކަތަށް އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގަ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވާ ގޮތުގައި މިކަމުގެ އެންމެ ބޮޑު މައްސަލައަކީ ކޮންސިޔުލޭޓް އެޅުމުގެ ނިންމުން އައި ގޮތެވެ.

ކޮންސިޔުލޭޓު އެޅުމުގެ ހުއްދަ ދިނުމާމެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވާއިރު، ދިވެހި ސަރުކާރާ އެކު މަޝްވަރާ ނުކޮށް އިންޑިއާ ސަރުކާރުން އެފަދަ ނިންމުމެއް ނިންމުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

އަދި މިފަހުން އުތުރުތިލަފަޅުގައި އިންޑިއާ އިން އަޅައިދޭ ކޯސްގާޑުގެ ބަނދަރާއި އައްޑޫގެ ޕޮލިސް އެކޭޑެމީ މިސާލަކަށް ނަންގަވަމުން އެ ނިންމުމަކީ ދިވެހިން ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ދުންޔާ ސިފަ ކުރައްވަ އެވެ.

"އުތުރުތިލަފަޅުގެ އެގްރީމަންޓެއްގެ ޑްރާފްޓެއް މިހާރު ގިނަ ދިވެހިންނަށް ވަނީ ފެނިފައި. އަދި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބިނާކުރުން ނުވަތަ ބޭސްކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމީ މިހާރު ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވާކަމެއް،" ދުންޔާ ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގަ ކޮންސިޔުލޭޓެއް މި ހުޅުވަނީ ކޮން ބޭނުމެއްގައިތޯ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލައި ގުޅުވައި، އޭނާ ސުވާލު އުފެއްދެވި އެވެ.

އެފަދަ ކަންބޮޑުވުންތައް މުޅި ސޯޝަލް މީޑިޔާގައި ވެސް ބަންޑުންވެފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އިއްޔެ ވަނީ މި އަރައިރުމުގެ ތެރެއަށް ގިނަ ތުހުމަތުތަކެއް އޮއްސާލައިފަ އެވެ.

އެ ބަހުސްގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އާއްމުކޮށް އެފަދަ ކަންކަން ހިނގާ ބައިނަލްއަގުވާމީ އަދި ހާރިޖީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އަދި ކޮންސިއުލޭޓެއް ގާއިމުކުރަންޖެހޭ މައިގަނޑު ސަބަބަކީ އެ ސަރަހައްދެއްގައި އެގައުމެއްގެ ރައްޔިތުން އުޅޭ އަދަދު ގިނަވެ، ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވުން ކަމަށްވާއިރު، މިކަމުގައި އެފަދަ ސަބަބެއް ފެންނަން ނެތް ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އޮފީހެއް ގާއިމުކުރަން ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކޮށްދޭން އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އައްޑޫގެ ތަރައްގީ

އެ ފައިސާ ފޮތީގެ އަނެއް ފުށުން އިންޑިއާގެ ދިފާއުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ނުކުންނަވައިފަ އެވެ.

ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިޔުލޭޓެއް ހުރުން މައްސަލައަކަށް ނުވަންޏާ، ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގައި އިންޑިއާއިން ކޮންސިޔުލޭޓެއް ގާއިމުކުރުމަކީ މައްސަލައަކަށް ވާންވީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ.

އެއް އަޑަކުން އެ ކޮންސިޔުލޭޓް ގުޅުވަނީ އައްޑޫގެ ތަރައްގީއާ އެވެ. އެ ކޮންސިޔުލޭޓަކީ މުޅި ދެކުނުގެ މުސްގުބަލު ބައްޓަންކުރާނެ ބިނާއެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ހާއްސަކޮށް ދެކުނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވާ ގޮތުގައި އެ ކޮންސިޔުލޭޓް ގާއިމުކުރެވުމާއެކު އެ ސަރަހައްދުގެ ރައްޔިތުން މާލެއަށް ބަރޯސާވުން ކުޑަވެގެންދާނެ އެވެ.

އިންޑިއާ އާއި އައްޑޫއާ ދެމެދު އެއާލައިންތަކަށް ސީދާ އުދުހުންތައް ފެށޭނެ އެވެ. ދެކުނުގައި ދިރިއުޅޭ ދިވެހިންނަށް އިންޑިއާއަށް ދާން ފަސޭހައިން ވިސާ ލިބޭނެ އެވެ.

ދެކުނުގެ ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިވެ، ދެކުނުގެ މުޅި އިގުތިސޯދަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ އެވެ.

އެ ބޭފުޅުންގެ ނަޒަރުގައި ކޮންސިޔުލޭޓާ ދެކޮޅު ހަދަނީ އައްޑޫއަށް ކަމެއްވާތީ މޭކަރާ މީހުންނެވެ.

މިހާތަނަށް ދެކުނަށް ތަރައްގީ ނުގެނެވި އޮތީ، އިންޑިއާގެ ކޮންސިޔުލޭޓެއް އައްޑޫގައި ނެތިގެންކަމަށް ދޭހަވާ ދަރަޖައަށް އެ ބޭފުޅުން މިކަން ދިފާއު ކުރައްވައިފި އެވެ.

އިންޑިއާގެ ދިފާއު

މިހާރު އުފެދިގެން އުޅޭ ހޫނު ބަހުސްގެ ތެރެއިން އިންޑިއާ ހައިކޮމިޝަނުގެ ޑެޕިޔުޓީ ހައިކޮމިޝަނަރު ރޯހިތު ރަތިޝް "އަދަދު"އަށް ވިދާޅުވި ގޮތުގައި ކޮންސިޔުލޭޓް އެޅުމުގެ ނިންމުމުގައި އިންޑިއާ ސަރުކާރުން ހާރިޖީ އުސޫލުތަކާ ހިލާފުވެފައިނުވާ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ދެއްތޯ ކޮންސިޔުލޭޓެއް އެޅުމާމެދު ގޮތެއް ނިންމަންޖެހޭނީ؟ ބަޖެޓާއި މުވައްޒަފުން ފަދަ ކަންކަން ހަމަޖައްސަން. ދެން އޭގެ ފަހުން ނޫންތޯ ދިވެހި ސަރުކާރުގެ ހުއްދައަށް އަޅުގަނޑުމެންނަށް އެދެވޭނީ،" އިންޑިއާ ސަރުކާރުގެ ނިންމުން ސާފުކޮށް ދެއްވަމުން ރަތިޝް ވިދާޅުވި އެވެ.

ކޮންސިޔުލޭޓެއް ގާއިމުކުރަންޖެހޭ މިންވަރަށް އައްޑޫގައި އިންޑިއާ ރައްޔިތުން ދިރިނޫޅޭ ކަމަށް އިދިކޮޅުން އިސްވެ ބުނި ވާހަކަ ވެސް ރަތިޝް ސާފުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންސިޔުލޭޓަކީ ހަމައެކަނި އެ ގައުމެއްގެ ރައްޔިތުންނަށް ކޮންސިޔުލާ ހިދުމަތް ފޯރުކޮށްދޭން ގާއިމުކުރާ ތަނެއް ނޫން ކަމަށެވެ.

ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޖުތިމާއީ އަދި ސަގާފީ ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތް ވެސް ކޮންސިޔުލޭޓް މެދުވެރިކޮށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި މިވަގުތު 200 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރަތިޝް ވިދާޅުވީ އެފަދަ މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓާ ކުރުމަށް ހާއްސަކޮށް ކޮވިޑުގެ ހާލަތުގައި ހައިކޮމިޝަނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ކޮވިޑުގެ ހާލަތުގައި އަޅުގަނޑުމެންނަށް އައްޑޫއަށްދާން ފަސޭހައެއް ނޫން. އެހެންވީމާ މާލޭގައި ތިބެގެން އެތަނުގައި ކުރިއަށްދާ މަޝްރޫއުތައް މޮނިޓާ ކުރަން ވަރަށް އުނދަގޫ. މޮނިޓާ ނުކުރެވެންޏާ ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ނުހިނގާ،" ރަތިޝް ވިދާޅުވި އެވެ.

ކޮންސިޔުލޭޓެއް ގާއިމުކުރުމުން އައްޑޫގައި ތިބެގެން އެފަދަ މަޝްރޫއުތައް ގާތުން ބެލޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ އެހީގައި އައްޑޫގައި މަގު ހެދުމާއި، ބިން ހިއްކުމާއި ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

މާ
މާ

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނު ކައިރިން މީހަކު ހިނގާފައި ދަނީ: އައްޑޫގައި އިންޑިއާގެ ކޮންސިޔުލޭޓެއް ގާއިމުކުރަން އެގައުމުން ވަނީ ނިންމާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަދި ފުލުހުންގެ ތަމްރީން މަރުކަޒާއި، މަސްވެރިކަމާއި ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ވެސް އިންޑިއާގެ އެހީގައި ކުރިއަށްދެ އެވެ.

އޭގެ އިތުރުން، އިންޑިއާއަށްދާ ދިވެހިންނަށާއި ދަރިވަރުންނަށް ވިސާ ލިބުމުގައި ފަސޭހަވުމުގެ އިތުރުން އައްޑޫއާއި ޓުޓިކޮރިން އާ ދެމެދު މުދާ ފެރީގެ ހިދުމަތް ފެށިފައިވާއިރު، އެކަމުގައި ވެސް ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ހުދާ ކަޅާހާ ސާފެއް ނޫން

ރަތިޝް އެ ވިދާޅުވި ވާހަކަތަކަށް ދުނިޔޭގެ ހާރިޖީ ގުޅުން ބިނާވެފައި އޮންނަ ބައިނަލްއަގުވާމީ މުއާހަދާއިން ބާރުދެ އެވެ.

ކޮންސިޔުލާ ގުޅުމާބެހޭ ގޮތުން ވިއޭނާ ކޮންވެންޝަންގައި ކޮންސިޔުލޭޓެއްގެ ހިދުމަތް، ގާއިމުކުރާ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިމިޓުކޮށްފައެއް ނުވެ އެވެ.

ކޮންސިޔުލޭޓަކުން ދެވޭ ހިދުމަތްތަކާބެހޭ ބާބުގައި ވަރަށް ފުޅާ މެންޑޭޓެއް ލިބިދީފައިވާއިރު، އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިޖުތިމާއީ ފަދަ ގުޅުންތައް ބަދަހިކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ.

އެ މުއާހަދާއަށް އިތުރަށް ބަލާލާއިރު، ކޮންސިޔުލޭޓްގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ހާއްސަ ޑިޕްލޮމެޓިމް އިމްތިޔާޒްތަކެއް ލިބޭކަމަށް އިދިކޮޅުގެ ބަޔާނުގައި ފާޅުކުރި ކަންބޮޑުވުން ވެސް މުޅީން ރަނގަޅެއް ނޫނެވެ.

އޭގައި ބުނާ ގޮތުން، މިސާލަކަށް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި މަސައްކަތް ކުރާ އެގައުމުގެ ރައްޔިތުންނަށް ލިބޭ ފުރިހަމަ ޑިޕްލޮމެޓިކް އިމްތިޔާޒްތަކެއް ކޮންސިޔުލޭޓުގެ މުވައްޒަފުންނަކަށް ނުލިބޭނެ އެވެ.

އެތަނުގެ މުވައްޒަފުންނަށް ލިބޭނީ ކޮންސިޔުލާ އިމްތިޔާޒުތަކެވެ. އެއީ ކޮންސިޔުލާ ހިދުމަތެއް ދިނުމުގެ ތެރެއިން ލިބިދޭ އިމްތިޔާޒެކެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ ގާނޫނުތައް އެމީހުންގެ މައްޗަށް ހިނގާނެ އެވެ.

އިން
އިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާ އެކު. -ފޮޓޯ: ރައީސް އޮފީސް

ގިނަ އަހަރުތަކެއް ހާރިޖީ ދާއިރާގައި ހިދުމަތްކުރައްވައި، ސަފީރުކަން ވެސް ކުރެއްވި ބޭފުޅަކު އެކަން ފާހަގަކުރެއްވި އެވެ.

ނަން ނުޖަހަން އެދިވަޑައިގެން އޭނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ ހައިކޮމިޝަނެކޭ އެއް ފަދައިން އައްޑޫގައި ގައިމުކުރާ ކޮންސިޔުލޭޓް ހުންނަ ބިމަކީ، ހާރިޖީ އުސޫލުތަކުން ބަލާއިރު އިންޑިއާ ފަސްގަނޑުގެ ގޮތުގައި ބެލޭނެ ކަމަށެވެ.

ނަމަވެސް، އެއީ އޭނާގެ ކަންބޮޑުވުމެއް ނޫނެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ ވަރަށް ސްޓްރެޓީޖިކްކޮށް މިކަންކަން ވަމުން އަންނާތީ. މިހާރު އިންޑިއާއަށް މިއޮތީ ޑެޓް ޓްރެޕް އެކަންޏެއް ނޫން. ބޮޑެތި ކޮންޓްރެކްޓުތައް އެހުރީ އިންޑިއާ އަތުގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެހާ ބޮޑެތި އަދަދުތަކުން ޗައިނާއިން ދަރަނި ނެގުމަކީ ވެސް މައްސަލައެއް ކަމަށެވެ.

ނަމަވެސް، މި ސަރުކާރުން މިހާރު އެއަށް ވުރެ ގިނައިން އިންޑިއާއިން ލޯނު ނެގުމުގެ އިތުރުން، އުމްރާނީ ބޮޑެތި މަޝްރޫއުތައް އިންޑިއާއަށް ދޫކޮށްލުމަކީ އެގައުމުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރާއްޖޭން ދޫދޭންޖެހޭނެ ހާލަތަކަށް ރާއްޖޭ ހުށަހެޅުން ކަމަށެވެ.

"ހަމައެކަނި އިގުތިސޯދީ ނޫނީ މާލީ ކަމެއް ނަމަ އެ ދައްކަންޖެހޭ އެއްޗެއް ދައްކާފައި ނިންމާލެވޭނެ. އެކަމަކު ގައުމެއްގެ ތަރައްގީ އެހެން ގައުމަކަށް ބަރޯސާކޮށްފައި އޮތުމަކީ އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް،" ޖީއެމްއާރުގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވަމުން އޭނާ ވިދާޅުވި އެވެ.

އެއީ އޭނާ ހިއްސާ ކުރެއްވި ކަންބޮޑުވުމެވެ. އައްޑޫގައި ކޮންސިޔުލޭޓެއް ގާއިމުކުރުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫނެވެ. އެކަމުން އައްޑޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާގެ ނަޒަރުގައި، ހަމައެކަނި ކޮންސިޔުލޭޓަކަށް ވުރެ މި ގުޅުމުގެ ބަހުސް މާ ފުންވާންޖެހެ އެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox