ކްލަބްތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ދިން ވަރަކަށް އެ ކުޅުންތެރިން ފެންވަރު ސާބިތުކޮށްދޭނެ ކަމަށާއި މި ސީޒަނަކީ އެކަމުގެ ހެކިތަކެއް ފެނިގެންދިޔަ ފަހަރެއް ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއްރަހީމް ބުނެފި އެވެ.
ގައުމީ ޓީމުގައި މި ފަހަރު ހިމެނުނު ހަތަރު ކީޕަރުން ކަމަށްވާ ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލް އާއި މުހައްމަދު ޝަފީއު (ޗެކް)، މާޒިޔާގެ ހުސެއިން ޝަރީފް (ހުސެން) އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަލީ ނާޖިހު (ނާޖީ) ވަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ވެލެންސިއާގެ ޕްރީ ސީޒަނާ ފައިސަލް ގުޅުނީ ފަހުން ކަމަށްވާތީ ލީގުގެ ފުރަތަމަ މެޗުތަކުގައި ގޯލު ބެލެހެއްޓީ ޗެކް އެވެ. ފައިސަލް ވަނީ ފަހުން މެޗުތަކުގައި ކުޅެފަ އެވެ. ޔުނައިޓެޑްގެ ވިކްޓްރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް ބެންޗުގައި ބަހައްޓާފައި ފަހުން އެ ޓީމު ގޯލު ބެލެހެއްޓީ ނާޖީ އެވެ. އަދި މާޒިޔާ އިން އެ ޓީމަށް ކުޅެމުން އައި ސާބިއާ ކީޕަރު ނިކޯލާ ވުޔަނަކް ދޫކޮށްލަން ޖެހި ލީގުގެ ދެ ވަނަ ބުރުގެ ބޮޑުބައި ކުޅުނީ ކީޕަރު ހުސެން ގޯލަށް ލައިގެންނެވެ. މިއިން ކޮންމެ ކީޕަރެއްގެ ފަރާތުން ވެސް ޓީމަށް ފައިދާހުރި މޮޅު ކުޅުމެއް ފެނުނެވެ.

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިވެހި ގައުމީ ޓީމުގެ ހަތަރު ކީޕަރުން: (ކ.ވ) ހުސެން، ނާޖީ، ފައިސަލް އަދި ޗެކް.
ދުބާއީގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން އަސްލަމް ބުނީ މި ފަހަރު ގައުމީ ޓީމަށް ގޯލްކީޕަރުން ނަގަން ހަގީގަތުގައި ވެސް ގޯލްކީޕިން ޑިޕާޓްމަންޓަށް ވަރަށް ފަސޭހަވެގެން ދިޔަ ކަމަށެވެ. އެއީ ދިވެހި ގޯލްކީޕަރުން މި ފަހަކަށް އައިސް އެންމެ ގިނައިން ކުޅުނީ މި ސީޒަންގައި ކަމަށް ވެފައި އެ ކީޕަރުން ވަރަށް ރަނގަޅު ކުޅުމެއް ވެސް ދެއްކުމުން ކަން އަސްލަމް ފާހަގަކުރި އެވެ.
"މީގެއިން އެ މީހުން ސާބިތުކޮށްދިނީ ދިވެހި ގޯލްކީޕަރުންގެ ގައިގައި ވެސް އެ ޕޮޓެންޝިއަލް (ފެންވަރު) އެބަހުރިކަން. ބޭރުގެ ގޯލްކީިޕަރުންނަށް ޑިޕެންޑްވާން (ބަރޯސާވާން) ނުޖެހޭކަން. ކްލަބްތަކުން ވެސް އެ މީހުންނަށް އެ ފުރުސަތު ދިނީމަ އެ މީހުން އެ ޕްރޫވްކޮށްދޭ (ސާބިތުކޮށްދޭ) މިހާރު. ދިވެހި ގޯލްކީޕަރުންނަށް މިކަން ވާނެކަން،" އަސްލަމް ބުންޏެވެ.
އަސްލަމް ބުނީ ހަގީގަތުގައި ޒުވާން ވަރަށް ބައިވަރު ރަނގަޅު ގޯލްކީޕަރުން އެބަތިބި ކަމަށެވެ. ފުރުސަތު ނުލިބޭތީވެ އެ މީހުންނަށް ފެންވަރު ސާބިތު ނުކޮށްދެވެނީ ކަމަށާއި މިހާރު ފުރުސަތު ލިބޭ ކީޕަރުން އެކަން ކުރަމުން އަންނަ ކަމަށެވެ.
"ޕްރޫވްކޮށްދީފައި (ސާބިތުކޮށްދީފައި) އެ އޮތީ ތިމަންނަ މެން އަދި ޔަންގް (ޒުވާން) ކީޕަރުން ކަމަށް ވިޔަސް ޕާފޯމްކުރާކަން (ރަނގަޅަށް ކުޅޭކަން). އަދިވެސް ކްލަބްތަކަށް ދަންނަވާނީ ދިވެހި ކީޕަރުންނަށް ވީހާ ވެސް ދެވެން އޮތް ވަރަކަށް އިސްކަންދޭށޭ. ފުރުސަތު ދިން ވަރަކަށް ޕްރޫވް ކޮށްދޭނެއޭ (ފެންވަރު ސާބިތުކޮށްދޭނެއޭ)،" އަސްލަމް ބުންޏެވެ.
ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ މަހު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ބާކީ ކުޅެން އޮތް ތިން މެޗަށެވެ. މެޗުތައް ކުޅެން ޖެހެނީ ސެންޓްރަލައިޒްކޮށް ޗައިނާގަ އެވެ. ފުރަތަމަ އަންނަ މަހު ތިން ވަނަ ދުވަހު ޗައިނާއާ ކުޅޭނެ އެވެ. ދެން ކުޅޭނީ ހަތް ވަނަ ދުވަހު ސީރިއާއާ އެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ފިލިޕީންސާ ބައްދަލުކުރާނީ އަންނަ މަހުގެ 15 ގަ އެވެ.
ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ވެލެންސިއާ ބަލިވި މެޗުގައި ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ފައިސަލް ފަލަމަސްގަނޑަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. އަސްލަމް ބުނީ ފައިސަލް މިހާރު މަޑުމަޑުން ރިކަވާވަމުން އަންނަ ކަމަށާއި ޓާގެޓް ކުރަނީ ޗައިނާ މެޗަށް ދާއިރު 100 ޕަސެންޓް ފައިސަލް ފިޓްވާނެ ކަމަށެވެ.

ދުބާއީ ކޭމްޕްގެ ތެރެއިން ދިވެހި ކީޕަރުން ކޯޗުންނާ އެކު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ކޯޗިން ސްޓާފެއްގެ ގޮތުގައި ގައުމީ ޓީމަށް އެހީތެރިވުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އަސްލަމް ގަބޫލުކުރެ އެވެ.
"އެހާ މޮޅަށް ކުޅެފައި ހުރި ކުޅުންތެރިއަކު އަޅުގަނޑާ އެކީގައި މަސައްކަތް ކުރަން ލިބުނީމަ އިރުޝާދު ދޭއިރު ވެސް އިންމަގެ އޮޕީނިއަން (ހިޔާލު) ހޯދާލައި ވަރަށް ޕޮޒިޓިވް ހަމަ. ނެޝަނަލް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަސްލަމް ބުންޏެވެ.
"ކޮންމެ ކޮންމެ މީހަކު ބުނެގެން ގަބޫލު ނުކުރެވުނަސް އިންމަ އޭނަގެ އެކްސްޕީރިއަންސާ (ތަޖުރިބާއާ) އެކީ ބުނީމަ ގަބޫލުކުރަން ވެސް ފަސޭހަވާނެ،"
ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން މި ސީޒަން ފެއްޓުމުގެ ކުރިން ހަގީގަތުގައި އޮތީ އެފްއޭއެމުން އެކުލަވާލި ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރާ ގޮތަށެވެ. އެކަމަކު ވަގުތީ ހުއްދައެއްގެ ދަށުން މި ސީޒަނުގައި ބިދޭސީ ކީޕަރުން ގެނެވޭ ގޮތް ހެދީ ރަނގަޅު ގިނަ ދިވެހި ކީޕަރުންތަކެއް ޑިވެލޮޕްކުރުމަށް ފަހު ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރާށެވެ.
އެފްއޭއެމުން އަންނަނީ ޒުވާން ގިނަ ގޯލްކީޕަރުންތަކެއް އުފެއްދުމަށް ގޯލްކީޕާސް އެކެޑަމީއެއް ފަށައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.













