ސެންޓަނަލީސް ގަބީލާ: ދުނިދަނޑިތަކުން ހިމާޔަތްލިބި، ދުނިޔެއާ އެކަހެރި ދިރިއުޅުން

May 29, 2021, 5:03 AM
ނޯތު ސެންޓިނަލް އައިލެންޑް.

ނޯތު ސެންޓިނަލް އައިލެންޑް.

އަމިއްލައަށް ވަކިވެގަނެގެން (އައިސޮލޭޝަންގައި) ދިރިއުޅޭ 100 އެއްހައި ގަބީލާ އޮތްކަމަށް 2013 ވަނަ އަހަރު ސަވައިވަލް އިންޓަނޭޝަނަލް އިން ކުރި ދިރާސާއަކުން ދައްކަ އެވެ. މީގެ ތެރެއިން 50 އިންސައްތަ އަށް ވުރެ ގިނަ ގަބީލާތައް ދިރިއުޅެނީ އެމޭޒަން ޖަންގަލިތަކުގަ އެވެ. ބާކީ 50 އިންސައްތައިގެ ތެރެއިން އޭޝިއާ ބައްރުގައި 15 އިންސައްތަ ގަބީލާ ދިރިއުޅޭކަމަށް ލަފާކުރެވިފައި ވެ އެވެ.

އިންޑިއާ ކަނޑުގައި 572 ރަށުގެ މައްޗަށް ބެހިފައި އޮތް އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްއަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެކެވެ. އަމިއްލައަށް ވަކިވެގެން އުޅޭ ގަބީލާތައް މި ސަރަހައްދުގައި ގިނަ އެވެ.

ސެންޓަނަލީޒް ގަބީލާ ދިރިއުޅެނީ އަންޑަމަންގެ ނޯތު ސެންޓިނަލްއޭ ކިޔުނު ރަށުގަ އެވެ. ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 56 ކިލޯމީޓަރެވެ. އެ ރަށުގައި އެންޓަނަލީސް ގަބީލާއަށް ނިސްބަތްވާ 40 އަށް ވުރެ ގިނަ މީހުން ދިރިއުޅޭކަން 2018 ގައި ހޯދިފައި ވެ އެވެ. ދިރާސާ ކުރާ މީހުން ލަފާކުރާ ގޮތުގައި އެރަށުގައި ދިރިއުޅޭ އަސްލު އަދަދު 400 އަށްވުރެ މަތިވާނެ އެވެ. އެހެން ނަމަވެސް އެ ރަށުގެ ރަށްވެހިންގެ އާބާދީއާ ރަށްވެހިކަން އޮންނަ ގޮތުގެ މައްޗަށް އިތުބާރު ހިފޭ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއެއްގައި ނެތެވެ.

Advertisement

ނޯތު ސެންޓިނަލް އައިލެންޑަކީ ޓްރައިބަލް ރިޒާވްއެއް ކަމަށް ކަނޑައަޅައި އިންޑިއާ ސަރުކާރުން އެ ސަރަހައްދު ހިމާޔަތްކުރުމުގެ ނިންމުން ނިންމީ 1956 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ރަށުގެ ވަށައިގެން ތިން ނޯޓިކަލް މޭލަށް ވުރެ އެތެރެއަށް ވަނުން އޮންނަނީ މަނާކުރެވިފަ އެވެ. މި ނިންމުން ނިންމަންޖެހުނީ އެ ގަބީލާއަށް ހިމާޔަތް ދިނުމުގެ އިތުރުން އެ ގަބީލާގެ ނުރައްކާތެރިކަން ވެސް އިންތިހާއަށް ދިއުމުންނެވެ. މިހާރުވެސް، އެ ސަރަހައްދުން ދަތުރުކުރާ ބައެއް ކަނޑު އުޅަނދުތައް ފޭރިގަތުމާއި، ގެއްލުވާލުމުގެ ހާދިސާތައް އެ ސަރަހައްދުގައި ހިނގަ އެވެ. މި ކަންކަމަކީ ސެންޓަނަލީސް ގަބީލާއިން ކުރާ ކަމެއް ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރެ އެވެ. މިކަން އެހެން އޮތް ނަމަވެސް، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ފަތުރުވެރިން އެ ސަރަހައްދަށް ދިއުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދިނުމަށް 2014 ވަނަ އަހަރު ފަހުކޮޅު ނިންމި އެވެ.

ސަރުކާރުން ދޭ ހުއްދަ ނެތި، އަދި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ވެސް ނެތި އެ ސަރަހައްދަށް ދިޔަ އެއް ފަތުރުވެރިޔަކީ، އެމެރިކާގެ އެޑްވެންޗާ ބްލޮގަރެއް ކަމަށްވާ ޖޯން ޝައު އެވެ. އޭނާ އެ ސަރަހައްދު ބަލާލަން ބޭނުންވުމުން އެ ސަރަހައްދަށް ގެންގޮސްދިނީ އަންޑަމަންގެ މަސްވެރިން ތަކެކެވެ. އެއީ 2018 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. އެ ދަތުރު ވެގެން ދިޔައީ ޖޯން ޝައު ހަޔާތުގެ ވެސް އެންމެ ފަހު ދަތުރަށެވެ. އިންޑިއާގެ އިދާރާތަކުގައި މައްސަލަ ރަޖިސްޓްރީކޮށްފައިވާ ގޮތަށް ބަލާއިރު ސެންޓަނަލީސް ގަބީލާއިން ވަނީ ދުރުގައި ތިބެ ދުނިދަނޑިތަކުން ހަމަލާދީ ޖޯން ޝައު މަރާލައި އޭގެ ފަހުން އޭނާގެ ހަށިގަނޑު ވެސް ވަގަށް ނަގާފަ އެވެ. މި މައްސަލައާ ގުޅިގެން އިންޑިއާގެ އިދާރާތަކުން ބުނެފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ރެކޯޑުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ސެންޓަނަލީސް ގަބީލާ ދިރިއުޅޭ ސަރަހައްދަށް އެއްވެސް ބަޔަކު ގޮސް ނޫޅޭތީ، މި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިދާނެ ކަމަކަށް ނުބެލެވެ އެވެ.

ހަމަލާ ދިން މީހާ ކަމަށް ބުނެ އާއްމުކޮށްފައިވާ ފޮޓޯއެއް.
ހަމަލާ ދިން މީހާ ކަމަށް ބުނެ އާއްމުކޮށްފައިވާ ފޮޓޯއެއް.

ހަމަލާ ދިން މީހާ ކަމަށް ބުނެ އާއްމުކޮށްފައިވާ ފޮޓޯއެއް.

ސެންޓަނަލީސް ގަބީލާގެ މީހުންނާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ގަބީލާގެ މީހުންގެ އާންމު އިސްކޮޅަކީ ފަސް ފޫޓު ތިން އިންޗި އެވެ. ހަމުގެ ކުލަ ކަޅެވެ. ހަށިގަނޑުގެ ރޫފަ ރަނގަޅެވެ. އެ ގަބީލާގެ މީހުންގެ ދިރިއުޅުމަށް ކުރާ ވަކި މަސައްކަތެއް ނެތެވެ. ކައިބޮއި އުޅެނީ ޝިކާރަކޮށްގެންނެވެ. ކެއުމުގައި ކަނޑުމަހުގެ ބާވަތްތަކާއި އެއްގަމު މަސް ވަރަށް ގިނައިން ބޭނުންކޮށް އުޅޭކަމަށް ވެ އެވެ.

ސެންޓަނަލީސް ގަބީލާއަކީ އެއްކޮށް ވަކިވެފައި އޮންނަ، އަދި މީހުން އެ ސަރަހައްދަށް ދިއުން މަނާވުމުގެ އިތުރުން، ބިރުވެރި ސަރަހައްދެއް ކަމަށް ގަބޫލުކުރެވިފައި އޮންނާތީ އެ ގަބީލާއާ ގުޅެ މާ ގިނަ މައުލޫމާތުތަކެއް ލިބޭކަށް ނުހުރެ އެވެ. އެންމެ ކުޑަމިނުން އެ ގަބީލާގެ މީހުން ވާހަކަ ދައްކައި އުޅެނީ ކޮން ބަހަކުން ކަމެއް، އަންޑަމަންގެ އެހެން ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ދެނެގަނެވިފައެއް ނުވެއެވެ.

އިންޑިއާގެ ސަރުކާރު އިދާރާއެއް ކަމަށްވާ "އެންތުރޮޕޮލިޖިކަލް ސާވޭ އޮފް އިންޑިއާ" އިން 20 މީހުންގެ މައްޗަށް ހިމެނޭ ސާވޭ ޓީމެއް 1967 ވަނަ އަހަރު ނޯތު ސެންޓިނަލް އައިލެންޑަށް ޒިޔާރަތްކުރި އެވެ. މިއީ މިފަދަ އިދާރާއަކުން މިރަށަށް ކުރި ފުރަތަމަ ދަތުރެވެ. މި ޒިޔާރަތުގެ ބޭނުމަކަށްވީ އެ ރަށުގައި ދިރިއުޅޭ ގަބީލާގެ ހަގީގަތް ހޯދައި، އެއީ އިންޑިއާގެ މުޖުތަމައުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ޓީމުން ނޯތު ސެންޓިނަލް އައިލެންޑުގެ ބޭރުގައި ތިބެ ދުރުމީއިން ބެލިއިރު ރަށުގެ ގޮޑުދޮށުގައި މީހުން ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. ރަށާ ކައިރި ކުރިއިރު އެ ރަށުގެ އަހުލުވެރިން ވަނީ ޖަންގަލި ތެރެއަށް ވަދެ، މި ޓީމަށް ފިލާފަ އެވެ. ފިޔަވަޅުތަކުގެ ނިޝާންތަކަށް ބަލައިގެން މި ޓީމުން ރަށު ތެރެއަށް އަރައި ބެލިއިރު، ހުއި ބޭނުންކޮށްގެން ހަދާފައިހުރި 18 ޖިފުޓިއެއް ރަށު ތެރެއިން ފެނިފައިވެ އެވެ. މާމުޔާއި މޭވާއާއި ޖަނަވާރުންގެ ކަށިތަކާއި، ތީރާއި، މަސް ހިފުމަށް ތައޔާރުކޮށްފައި ހުރި ދަލާއި، ބާލިދީ ފަދަ، ރަށްވެހިކަމުގެ ހެކިތައް ލިބޭ އެކިއެކި ސާމާނު މި ޓީމަށް އެ ޖިފުޓިތަކުގެ ކައިރިން ފެނިފައި ވެ އެވެ. އެހެންނަމަވެސް އެ ރަށުގެ އަހުލުވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ބައްދަލުކުރެވި ވާހަކަ ދެއްކޭނޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އެ އިދާރާއިން 1970 އަދި 1980 ގެ ތެރޭގައި ނޯތު ސެންޓިނަލް އައިލެންޑަށް އެތައް ދަތުރެއް ކުރި އެވެ. އެއްވެސް ދަތުރެއްގައި އެރަށުގެ އަހުލުވެރިންނާ ގުޅޭ މައުލޫމާތެއް ލިބޭނޭ ގޮތެއް ވެފައެއް ނެތެވެ. އޭގެ ބަދަލުގައި އެ ރަށަށް ދާ ޓީމުތަކަށް ހަމަލާ ދިނުންފަދަ ކަންކަން ތަކުރާރުކޮށް ހިނގާފައި ވެ އެވެ.

ނަވާރަ ސަތޭކަ ހަތް ދިހަ ހަތަރެއްގައި ނޭޝަނަލް ޖިއޮގްރަފިކްގެ ޓީމެއް އެރަށަށް މިސްރާބު ޖެހީ އެ ސްޓޭޝަނުން ތައްޔާރުކުރަމުން ދިޔަ ޑޮކިއުމެންޓްރީއެއްގެ މަސައްކަތަށެވެ. "މެން އިން ސާޗް އޮފް މެން" ކިޔާ މި ޑޮކިއުމަންޓްރީ ނެގުމަށް އެރަށަށް ދިޔައީ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއްވެސް ގޮވައިގެންނެވެ. އެހެންނަމަވެސް އެ ޓީމު ދަތުރުކުރި އުޅަނދު އެރަށާ ކައިރި ކުރިވަގުތު ސެންޓަނަލީސް ގަބީލާއިން ވަނީ އެމީހުން ދުނިދަނޑިތަކުން އެ ޓީމަށް ހަމަލާދީ ޒަހަމުކޮށްލާފަ އެވެ. އެ ޓީމަށްވެސް އެރަށަށް އެރުމުގައި ކާމިޔާބު ލިބޭ ގޮތެއް ނުވި އެވެ.

ސެންޓަނަލީސް ގަބީލާގެ އަހުލުވެރިންނާ އެންމެ ކައިރިން ބައްދަލުކުރީ މަދުމަލާ ކިޔާ އިންޑިއާގެ އެންތުރޮޕޮލޮޖިންސްޓެކެވެ. އެންތުރޮޕޮލޮޖިސްޓުންގެ ޓީމަކުން ކުރި އެ ދަތުރުގައި ސެންޓަނަލީސް ގަބީލާގެ 60 ވަރަކަށް މީހުން ވަނީ މަދުމަލާ އާ ބައްދަލުކޮށް، އޭނާ ހަދިޔާގެ ގޮތުގައި ގެންދިޔަ ކާށިތަކަކާ ހަވާލުވެފަ އެވެ. ބައްދަލުކުރި މީހުން އޭނާއާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ސެންޓަނަލީސް ގަބީލާގެ އަހުލުވެރިންނާއި، އެމީހުންގެ ދިރިއުޅުން ހުންނަ ގޮތާ ބެހޭ ގޮތުން "ތަޖުރިބާކާރުން" ދައްކާ ވާހަކަތައް ވެސް ބިނާކޮށްފައި ހުންނަނީ އަންޑަމަންގެ އެހެން ރަށްތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިގެންނެވެ. އެއީ ސެންޓަނަލީސް ގަބީލާގެ އަހުލުވެރިންގެ ދިރިއުޅުންކަމަށް ކުރެވެނީ ހަމައެކަނި އަންދާޒާއެކެވެ.

އެރަށުގެ ހަގީގަތް ދެނެގަތުމަށްޓަކައި ބާރުގެ ބޭނުންކޮށް އެރަށަށް އަރައި ބެލުމަކީ އިންޑިއާގެ އިދާރާތަކަށް ކުރެވިދާނޭ ކަމެކެވެ. އެހެން ނަމަވެސް އެ ގޮތަށް އެ ރަށަށް އަރަން ދިމާކޮށްފިނަމަ ސެންޓަނަލީސް ގަބީލާއިން އެކަން ހުއްޓުވުމަށްޓަކައި ހަނގުރާމަ ކުރާނެ އެވެ. ދުނިދަނޑިތަކުން އެކުރާ ހަނގުރާމައިގެ ނަތީޖާއަކަށް ވާނީ އެ ގަބީލާގެ ގިނަ ބަޔަކު ނުވަތަ މުޅި ގަބީލާ އެކީ މަރުވެ ދިއުމެވެ. އެކަން ވެގެން ދާނީ ނަސްލެއް ނައްތާލުމުގެ އަމަލަކަށެވެ. އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން އިސްކޮށްފައި އޮތީ އެއަށް ވުރެ ރަނގަޅު ގޮތެވެ. އެއީ ދިރިއުޅުމާއި ދިރިއުޅުނަ ދިނުމެވެ. ސެންޓަނަލީސް ގަބީލާގެ މީހުން ނޯތު ސެންޓިނަލް އައިލެންޑުގައި އެބަ ދިރިއުޅެވެ. އެމީހުން އުޅޭ ގޮތެއް، އުޅޭ އަދަދެއް ނުވަތަ ކުރާ ކަމެއް ބަލަން ކުރާ މަސައްކަތުގެ ނަތީޖާއަކީ ނަސްލެއް ނެތިގެން ދިއުން ކަމަށް ވެދާނޭތީ އެކަމާ އަޅާނުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމީ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox