ލަންޑަން (މެއި 28) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މާދަމާރޭ ކުޅޭ މެޗަށް ނުކުންނައިރު، ޗެލްސީ އަށް އެޑްވާންޓޭޖެއް ނޯންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި 1-0 އިންނާއި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ދަނޑުގައި ފަހަތުން އަރައި 2-1 އިން ޗެލްސީ މޮޅުވި މެޗެވެ.
ޗެމްޕިއަންސް ލިގުގެ ފައިނަލުގައި އެންމެ ފަހުން ދެ ފަހަރު ބަލިވީ އަލަށް ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާއިރު، މާދަމާރޭގެ ފައިނަލަކީ ސިޓީ ވެސް މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ފައިނަލްގެ ކުރިން އެޑްވާންޓޭޖެއް އޮތީ ޗެލްސީ އަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަަމަކު ގާޑިއޯލާ އެކަމަށް އެއްބަހެއް ނުވެ އެވެ.
"ކުރިން ހިނގި ކަމެއްގެ އަސަރެއް ފައިނަލަށް ނޯންނާނެ. އެޑްވާންޓޭޖެއް ވަކި ބަޔަކަށް ނެތް. މި ކުރިމަތިލަނީ އާ މެޗަކަށް މި މެޗުން ވާގޮތް ބަލަން ތިބެމާ،" ބީޓީ ސްޕޯޓްސް ޝޯ އަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޗެލްސީ އަތުން ސިޓީ ބަލިވި ދެ މެޗުން ސިޓީ މޮޅުވިނަމަ ވެސް ހަމަ ފައިނަލަކަށް ނުކުންނައިރު ހާލަތު އޮންނާނީ ހަމައެއް ގޮތަށް ކަމަށާއި މީގެ މުހިއްމީ ފައިނަލުގައި ކުރަން ޖެހޭ މަސައްކަތަށް ފޯކަސް ކުރުން ކަމަށެވެ.
"އަހަންނަށް އެނގޭ ޗެމްޕިއަންސް ލީގަކީ ކޮބައިކަން. ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ކޮބައިކަން. މިއީ އެންމެ މެޗެއް. ސީޒަން މިހާރު މި އޮތީ ނިމިފައި. ގިނަ ބަޔަކު ތިބޭނީ ބީޗްގައި އިށީދެގެން އަންނަ ސީޒަނަށް ވިސްނަން. އެކަމަކު އެ މީހުން ވެސް ކޮންމެ ވެސް ވަރަކަށް މި މެޗަށް ވެސް ވިސްނާނެ. މިދިޔަ ނުވަ އަހަރު އަހަރެން ޗެމްޕިއަންސް ލީގު ބެލީ ޓީވީ އިން އެއީ ޗުއްޓީގައި ހުރެފައި. މި ފަހަރު އަހަރެން ތައްޔާރުވާނީ މެޗުން މޮޅުވަން،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ގާޑިއޯލާ ނުކުތް ދެ ފަހަރު 2009 އާއި 2011 ވަނަ އަހަރު ވަނީ މުބާރާތް ކާމިޔާބުކޮށްފައި.
ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2011 ވަނަ އަަހަރު ބާސެލޯނާގައި ހުރެ އެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ވެސް ބާސެލޯނާއާ އެކު އެ ތަށި އުފުލާލައިފަ އެވެ. ބާސެލޯނާ ދޫކޮށްލުމަށް ފަހު ބަޔާން މިއުނިކަށް ކޯޗުކޮށްދިން އިރާއި މިހާތަނަށް ސިޓީއާ އެކު ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގެ ފުރުސަތު ވެސް ނުލިބެ އެވެ. އެހެންވެ ނުވަ އަހަރަށް ފަހު ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުންނައިރު، ގާޑިއޯލާ އަށް ޕްރެޝަރު އެބައޮތެވެ.
ގާޑިއޯލާ ބުނީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ. އަދި ސިޓީގައި ޗެމްޕިއަންސް ލީގު ހޯދުމުގެ ޕްރެޝަރު އަބަދު ވެސް އަންނަނީ ކްލަބްގެ އެތެރެއިން ނޫން ކަމަށާއި ކްލަބްގެ ބޭރުން ކަމަށް ގާޑިއޯލާ ބުންޏެވެ.
"ސިޓީގެ ޗެއާމަނެއް. ސިޓީގެ ސީއީއޯ އެއް އަހަންނަށް ޕްރެޝަރެއް ނުކުރޭ (ޗެމްޕިއަންސް ލީގު ހޯދަން). އަބަދުވެސް އެ ޕްރެޝަރުގެ ވާހަކަތައް އަންނަނީ ބޭރުން (ފުޓްބޯޅަ ސަޕޯޓަރުންނާއި މީޑިއާ އިން). އަހަރެން މަސައްކަތްކުރަނީ ސިޓީ އަކީ ކޮންމެ މުބާރާތެއްގައި ވެސް ވާދަކުރެވޭ ޓީމަކަށް ހަދައި ކާމިޔާބު ހޯދަން،" ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މި ފަހަރު ޝެޑިއުލްކުރީ ތުރުކީގެ އިސްތަންބޫލްގައި ކުޅޭށެވެ. އެކަމަކު ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ އެ މެޗު ޖެހުނީ އެހެން ދަނޑެއްގައި ކުޅޭ ގޮތަށް ހަމަޖައްސާށެވެ. ޕޯޗުގަލްގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅޭ މި ފަހަރުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާރޭ 00:00 ގަ އެވެ.












