އިންޓަނެޓް އަގުހެޔޮވުމުގެ ފައިދާ ދަރިވަރުންނާއި މުދައްރިސުންނަށް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޓަނެޓް އަގުހެޔޮކޮށް އެކަން މިއަދު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓުގެ ހިދުމަތަށް ގެނައި ބަދަލާއި ކުރިއެރުމާ މެދު އުފާކުރައްވާ ކަމަށެވެ.
މިި ބަދަލާ އެކު ދަރިވަރުންގެ އޮންލައިން ކްލާސްތަކަށް ބުރޫއެރުން ހުއްޓި، ދަރިވަރުންނާ މުދައްރިސުންނާ ކުރިއަށްވުރެ ރަނގަޅަށް މުއާމަލާތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އިސްނެގުމާއި ގުޅިގެން މުސްތަގުބަލަށް އަންނާނެ ހެޔޮ ބަދަލުތައް އަޅުގަނޑު ބަލަން ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު ކިޔަވައިދިނުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އިންޓަނެޓްގެ އަގު ބޮޑުވުމާއި ސްޕީޑް ދައްވުމުން ކިޔަވަން ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑެވެ.

ރާއްޖޭގައި އާންމުންނަށް ފޯރުކޮށްދޭ އިންޓަނެޓާ ގުޅޭގޮތުން ސަރުކާރުގެ އާ ސިޔާސަތާއި ހެޔޮ އަގުތައް މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށް ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ.
ފިކްސްޑް ބްރޯޑްބޭންޑް
- 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
- 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
- 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ
- އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަނެކްޝަނެއްގެ އެންމެ މިނިމަމް ސްޕީޑަކީ 2 އެމްބީޕީއެސް
- 300ރ. އަށް ވުރެ މަތިން ނަގާ ޕެކޭޖްތަކުގެ މިނިމަމް ސްޕީޑް ދަށްކުރެވޭނީ 5 އެމްބީޕީއެސް
- ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްތަކުން 30 ޕަސެންޓު އަގުހެޔޮ ވާނެ
ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން މޯބައިލް އިންޓަނެޓު ޕްލޭންތަކަށް ވެސް މިއަދު ވަނީ ރަނގަޅު ބަދަލުތަކެއް އިއުލާނުކޮށްފަ އެވެ.
އެގޮތުން، ދިރާގާއި އުރީދޫން ދެމުންދާ މޯބައިލް އިންޓަނެޓުގެ ޕްލޭންތަކަށް ލިބޭ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްދީފަ އެވެ.
އުރީދޫ
- ޕްރީޕެއިޑް - 30– 100 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
- ޕޯސްޓްޕެއިޑް – 20 -30 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
- މޯބައިލް ބްރޯޑްބޭންޑް – 5 – 20 ޕަސަންޓުގެ އިތުރު ޑޭޓާ
ދިރާގު
- ޕްރީޕެއިޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
- ޕޯސްޓްޕެއިޑް – 19 – 28 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
- މޯބައިލް ބްރޯޑްބޭންޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
މޯބައިލް އިންޓަނެޓަށް ގެނެވުނު މި ބަދަލުތައް ލިބެން ފަށާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.













