ދެމަފިރިންނާއި 11 އަހަރުގެ ދަރިފުޅު ތިބީ ކެކިއަރަމުން އައި އަލިފާނުގެ ތެރޭގައި ތާށިވެފަ އެވެ. ހުޅުން ސަލާމަތްވާން އަތުގައި ޖެހުނީ އެލްމިނިއަމް ހަރުގަނޑެކެވެ. ތިބި އިމާރާތުން ޖެހިގެން ހުރި އިމާރާތަށް ދެވޭ ގޮތަށް ފާލަމެއްހެން ހަރުގަނޑު ބޭއްވީ އެވެ. ހަރުގަނޑު މަތިން ފުރަތަމަ ކޮއްޕާލީ ދަރިފުޅެވެ. އޭގެ ފަހުން ދެމަފިރިންނަށް އެތަނުން ސަލާމަތްވެވުނީ ހަމަ ކިރިޔާ އެވެ!
އަލިފާނުގެ އެ ހާދިސާގައި ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި ކުޑަކުޑަ އެ އާއިލާގެ ދިރިއުޅުން "އަނދައި އަޅިއަށް" ވެއްޖެ އެވެ.
މާލޭގައި މިއަދު ހެނދުނު ރޯވި މއ. މޯނިން ވިއުގޭގެ ހަތަރުވަނަ ފަންގިފިލާއަކީ މުހައްމަދު އިމާދާއި އޭނާގެ އަންހެނުން އަޒީމާ ސޯލިހާއި ފިރިހެން ދަރިފުޅު ދިރިއުޅެމުންދިޔަ ބައެވެ. އެތަނުގައި ނިދާ ކޮޓަރިއަކާއި ޓެރަސްއެއް ހަދާފައި ހުރީ ޑެކު އަޅައިގެންނެވެ.
އަލިފާނުގައި ހުރިހާ އެއްޗެއް އަނދައިގެން ދިއުމުން އެ މީހުން މިހާ ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފަ އެވެ.
އެ ހާދިސާ ހިނގައިދިޔަ ގޮތް "އަދަދު"އަށް ސިފަކޮށްދެމުން ދެމަފިރުން ކިޔައިދިން ގޮތުގައި ނިދާފައި ތިއްބައި ކުއްލިއަކަށް ހޭލެވުނީ ކަރަންޓް ކެނޑި ހޫނުވެގެންނެވެ. އެއީ ގާތްގަނޑަކަށް ފަތިހު 4:30 ހާ އިރެވެ.
ކަރަންޓު ދިޔަ ސަބަބު ބަލަން ކޮޓަރީގެ ދޮރު ހުޅުވާލައި އިމާދު ތިރިއަށް ބަލާލިއިރު، ބޮޑު އަލިފާންގަނޑެއް ކެކި އަރަނީ އެވެ.
"ތިރީގައި އޮތީ އެއްކޮށް އަލިފާން، އަވަހަށް ދޮރު ލައްޕާފައި އަންހެނުން ކައިރީގައި ބުނީ ރޯވެފައިއޭ އޮތީ، އަލިފާނޭ، ނުފޭބޭނެއޭ،" އެ ބިރުވެރި ވަގުތުކޮޅުގެ ވާހަކަ އިމާދު ކިޔައިދެމުންދިޔަ އެވެ.

އަލިފާން ރޯވި އިމާރާތް: އިމާދުގެ މުޅި ހަޔާތް ވަނީ ބަދަލުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ސަލާމަތްވުމަށް އެންމެ ފުރަތަމަ އެ މީހުން ބެލީ ގަސް އިންދަން ހަދާފައިވާ ކުޑަ ބެލްކަންޏަށް ނުކުމެވޭތޯ އެވެ. އެކަމަކު އެ ހާސްކަމުގެ ވަގުތުގައި އެ ދޮރު ހުޅުވޭ ގޮތެއް ނުވި އެވެ. ހަދާނެ ގޮތް ނޭނގި، ބިރުވެރިކަމުގައި އިމާދު ހުއްޓައި، އޭނާގެ އަންހެނުން ލަފާ ދިނީ ބިއްލޫރި ކުޑަ ދޮރެއްގެ އެހީގައި ޓެރަސްއަށް ނުކުތުމަށެވެ.
"ގާތްގަނޑަކަށް ދޮޅު ފޫޓެއްވަރުގެ ދޮރެއް އެއީ، އެ ދޮރު ހަލާކުކޮށްލައިގެން ޓެރެސްއަށް އަވަހަށް ނުކުތީ،"
އެ ދޮރު ތަޅާލަން އުޅުމުގެ ތެރޭގައި ލިބުނު ޒަހަމްތައް އިމާދުގެ އަތާއި ފައިގައި ފެންނަން ހުއްޓެވެ.
އެ ވަގުތު ލިބެމުންދިޔަ ޒަހަމްތަކުގެ ފަރުވާލެއް އިމާދަކަށް ނެތެވެ. އޭނާއަށް ހަމައެކަނި ފެނުނީ އަނބިމީހާ އާއި ދަރިފުޅެވެ. އޭނާގެ އެންމެ ފިޔަވަޅެއް ފަހަތަށް ޖެހުނަސް، އެ ދެމައިންގެ ފުރާނަ ސަލާމަތް ނުކުރެވިދާނެ ކަމުގެ ބިރާއެކު، އިމާދުގެ އެވަގުތު ހުރީ އަދާޔާ ހިލާފު ރޫހެއްގަ އެވެ.
"އަހަރެން ގޮވީ ކުޑަމީހާއަށް އަންނާށޭ، އޭނާ ބުނަނީ ހާސްވަނީއޭ، އަހަރެން ބުނީ އަންނާށޭ!،"
ޓެރެސްއަށް އަންހެނުންނާއި ދަރިފުޅު ކުޑަދޮރުން ނެރެފައި، އިމާދު ދެން މަސައްކަތް ފެށީ ޖެހިގެން ހުރި އިމާރާތަށް އެ ދެ މީހުން ފޮނުވުމަށެވެ. ތިބި ތަނުން ފުންމާލެވޭވަރަށް ވުރެން ދުރެވެ.
އިމާދުގެ އަތު ޖެހުނީ އެލްމިނިއަމް އާދައިގެ ހަރުގަނޑެކެވެ. ހަތަރު ފޫޓެއް ވަރުގެ އާދައިގެ ހަރުގަނޑެކެވެ.
އޭރު، ސަލާމަތްވުމަށް އެ މީހުން އުޅޭތާ 15 ވަރަކަށް މިނެޓުވީ އެވެ.

އާއިލާ ސަލާމަތްވާން ބޭނުންކުރި ހަރުގަނޑު - ފޮޓޯ: އަހުމަދު އާފާގު / އަދަދު
ޖެހިގެން ހުރި، ހަމަ އެ އާއިލާގެ ބަޔަކު ދިރިއުޅޭ އިމާރާތާ ދެމެދު ހަތަރު ފޫޓެއްހާ ފުޅާ ގޯޅިގަނޑެއް ހުރެ އެވެ. އިމާދުގެ ޓެރެސްއިން ޖެހިގެން ހުރި އިމާރާތުގެ ޓެރެސްއަށް ފާލަމެއްގެ ގޮތަށް ހަރުގަނޑާ އަޅާލައި، ދަރިފުޅު އެ ހަރުގަނޑު މައްޗަށް އެރުވި އެވެ. އޭރު ހަރުގަނޑުގެ އަނެއް ކޮޅުގައި އެ އިމާރާތުގައި ހުރި ކޮއްކޮ އަކު ހިފަހައްޓައިގެން ހުއްޓެވެ.
"ދަރިފުޅު ބުނި ނުދެވެއޭ، އަޅުގަނޑު ބުނީ ދާށޭ، ދަރި ހަމަ ފޮނުވާލީ،" އެއާޕޯޓްގެ ކާގޯ ޑިޕާޓްމެންޓްގެ ސުޕަވައިޒަރަކަށް އުޅޭ އިމާދު ކިޔައިދިނެވެ.
"ދަރިފުޅު ބިރުގެންފައި އިނދެގެން ވެސް ހަރުގަނޑު މަތީ އިށީނދެގެން އަނެއް އިމާރާތާ ހަމައަށް ދިޔަ، ދެން އަހަރެން ފޮނުވީ އަންހެނުން."
އެ މީހުން ތިބީ ހަރުގަނޑަށް އަރާ ތަނުން ތިރިއަށް ބަލާލައިފި ނަމަ އަބުރައިގަނެގެން ވެސް ވެއްޓާހާ އުސްތަނެއްގަ އެވެ. އާދައިގެ ހަރުގަނޑެއްގެ މަތިން އަނެއް އިމާރާތަށް ދާން ޖެހުމުން އަންހެނުން އަޒީމާ ވެސް ވަރަށް ބިރުގަތެވެ.
އެކަމަކު ޖެހިލުންވެ ހުރެ ވެސް އެ ފާލަން ހުރަސްކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ހަރުގަނޑުން އަނެއް އިމާރާތަށް ފައިބަން އުޅުމުގެ ތެރޭގައި އޭނާގެ ފައި ޒަހަމްވި އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި، އޭނާ ފައިގައި ވަނީ ރެނދެއް ލައިފަ އެވެ.
އަޒީމާގެ ފަޔަށް ފަރުވާދީފައިވާއިރު، އޭނާއަށް ރަނގަޅަކަށް ނުހިނގެ އެވެ.

އިމާދު، މިއަދު ހާދިސާއާ ގުޅޭ ގޮތުން "އަދަދު"އާ ވާހަކަ ދައްކަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ހަރުގަނޑުން އެންމެ ފަހުން އަނެއް އިމާރާތަށް ބަދަލުވީ އިމާދެވެ. އޭރު، އޭނާގެ މުޅި ދިރިއުޅުން ލޯކުރިމަތީގައި އަނދައިގެން ދަނީ އެވެ.
އެ ހިތްދަތިކަމާ އެކު، އެހީ އަށް އެދި ސިފައިންނަށް ތަކުރާރުކޮށް ގުޅަމުންދިޔަ އެވެ. ގަޑިން އޭރު 5:00 ޖަހަނީ އެވެ. ތިރީ ފަންގިފިލާތަކުގެ މީހުންނާއި ޖެހިގެން ހުރި އިމާރާތްތަކުން މީހުން ފައިބައިފި އެވެ. އޭނާ ވެސް ތިރިއަށް ފޭބީ އެވެ.
"ތިރިއަށް ފައިބައި އަހަރެން ވެސް ދެން ހުރީ، ދެން އިތުރަށް ހަދާނެ ގޮތެއް ނެތް، ހަލާކުވި އެއްޗެއް ހަލާކުވީ، އެއްޗެހި ލިބިދާނެ، އެންމެން ނުކުމެވުނީމަ ހިތްހަމަޖެހުނީ،" އިމާދު، 39 ބުންޏެވެ.
"ހަރުގަނޑުގައި އަނެއް އިމާރާތަށް ބަދަލުނުވި ނަމަ، އެއްވެސް މީހަކު ސަލާމަތް ނުވީސް،"
ނޫސް ބެހުމުގައި ވެސް އުޅޭ އިމާދުގެ މުޅި ހަޔާތުގެ މަސައްކަތް އަނދައިގެން ގޮސްފައިވާއިރު، ދަރިފުޅު ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވެސް ގެއްލި ދިޔައީ އެވެ. އަންހައުނަކަށް ވެސް، ފަރުނީޗަރަކަށް ވެސް އެ ތަނުގައި ދެން ބޭނުން ކުރެވޭނެ ހަމަ އެކައްޗެއް ވެސް ނެތެވެ.
"ފަރުނީޗަރަށް އެކަނި ބެއްޔަސް ދެ ލައްކަ ރުފިޔާގެ ތަކެތި އެ ދިޔައީ، އެއަށް ވުރެ ވެސް ގިނަ ވާނީ، ދަރިފުޅު ކިޔަވާ ލެޕްޓޮޕް ވެސް ދިޔައީ، ފަސް ލެޕްޓޮޕް ގެންގުޅޭނެ، އެ ހުރިހާ އެއްޗެއް އެ ދިޔައީ،" އިމާދު ބުންޏެވެ.

އިމާދުގެ ފަޔަށް ލިބިފައި ހުރި ޒަހަމް
އަލިފާނުގެ މި ހާދިސާގައި އިމާދުގެ އާއިލާގެ ގެދޮރު ގެއްލިފައިވާއިރު، ސަރުކާރުން މިހާރު ވަނީ އެ އާއިލާ ވަގުތީ ހިޔާވެހިކަމަކަށް ގެންގޮސްފަ އެވެ. އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ވެސް ނޫޅޭވަރަށް އަލިފާނުގެ އަސަރުކޮށްފައިވާއިރު، އެތަނުގައި ކުއްޔަށް އުޅޭ އާއިލާ ވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފަ އެވެ. ހާދިސާއާ ގުޅިގެން ޖުމްލަ 32 މީހަކު، ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ސާފެއް ނުވެ އެވެ. ނަމަވެސް، ބެލެވޭ ގޮތުގައި އެކަން ހިނގީ ކަރަންޓު ޝޯޓަކުންނެވެ.
މި ހާދިސާއަށް އެޓެންޑްވުމުގައި ސިފައިން ލަސްވި ކަމުގެ ޝަކުވާ އާއިލާއިން ކުރެ އެވެ.
އެގޮތުން އިމާދު ވެސް ބުނެފައިވަނީ ސިފައިން އައީ އޭނާ ތަކުރާރުކޮށް ގުޅި ފަހުންނެވެ. އަދި، އެންމެ ފުރަތަމަ އައީ ވެސް ކުޑަ ލޮރީއެއް ކަމާއި އޭގެން އަލިފާންގަނޑު ކޮންޓްރޯލްނުވިއިރު ބޮޑު ލޮރީއެއް އައީ ވަރަށް ފަހުން ކަމަށެވެ.

އާޒިމާގެ ފައި ވަނީ ފްރެކްޗާވެފައި
އެކަމުގެ ކަންބޮޑުވުން މާލޭ ސިޓީގެ މާޔަރު މުހައްމަދު މުއިއްޒު ވެސް ފާޅު ކުރައްވާފައިވަނިކޮށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއީ އެ ވާހަކަ ދައްކައި، ސިޔާސީވާންވީ ވަގުތު ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވާނެ ކަމަށާއި މިއީ އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެވެ.
މި ހާދިސާ އިން ކުޑަކުޑަ އާއިލާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެލްމިނިއަމް ހަރުގަނޑު ނެތް ނަމަ ހުޅުން ސަލާމަތްވާން ދެން ހަދާނެ ހަމަ އެއްގޮތެއް ވެސް ނެތީ އެވެ.












