މިލާން (މެއި 26) - އެގާރަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިންތާ މާ ގިނަ ދުވަހެއްނުވެ އިންޓަގެ ކޯޗުކަމުން ވަކިވުމަށް އެންޓޯނިއޯ ކޮންޓޭ އެ ކްލަބާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އުމުރުން 51 އަހަރުގެ ކޮންޓޭ އިންޓަގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރު އެވެ. ފުރަތަމަ ސީޒަނުގައި އިންޓަ އަށް އިޓާލިއަން ލީގުގެ ދެ ވަނަ ހޯދައިދީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނެވެ. އަދި މި ސީޒަނުގައި އިންޓަ އަށް 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިނެވެ.
ކޮންޓޭ އިންޓަ ދޫކޮށްލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ގްރޫޕް ސަނިން ހޯލްޑިންގްސް ގްރޫޕުން ނިންމި ބައެއް ކަންތައްތަކެއްގެ ސަބަބުންނެވެ. އެ ގްރޫޕުން ނިންމީ އިންޓަގެ ދަރަނިތައް ކުޑަކޮށް ހަރަދުތައް ދެކޮޅު ޖެއްސުމުގެ ގޮތުން ކްލަބަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން މުހިއްމު ކުޅުންތެރިންތަކެއް ދޫކޮށްލާށެވެ.
ރިޕޯޓްތައް ބުނާގޮތުން ކްލަބަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން އިންޓަ އަށް މި ފަހަރު އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިން ޓީމުގެ މުހިއްމު ތަރިންތަކެއް ވިއްކާލަން ސަނިން ގްރޫޕުން އޮތީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރޮމެލޫ ލުކާކޫ، އަޝްރަފް ހަކީމީ، ނިކޯލޯ ބަރޭލާ، ލަޓާރޯ މާޓީނޭޒް އަދި މިލާން ސްކްރިނިއޭ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެޗެއްގެ ތެރެއިން ކޮންޓޭ އިންޓަގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.
ކޮންޓޭ ވަނީ ކްލަބްގައި އޭނާ ބޭނުންވާ އަށް ކުޅުންތެރިއަކު ބަހައްޓައިދޭން އެދިފަ އެވެ. އެކަމަކު ކްލަބްގެ ބޯޑުން އެންގީ ވަކި ކުޅުންތެރިންތަކެއް ބަހައްޓައިގެން ކްލަބަށް ގެންނަން ބޭނުންވާ ބަދަލުތަކެއް ނުގެނެވޭނެ ކަމަށެވެ. އެހެންވެ އެ ވާހަކަތައް ދިގުލައި ގޮސް ހައްލެއް ނުލިބުމުން ކޮންޓޭ އެންމެ ފަހުން ބޭނުންވީ އެއްބަސްވުން އުވާލާށެވެ.
އިންޓަ އާއި ކޮންޓޭއާ ދެމެދު ހަދާފައިވާ އެއްބަސްވުން ކެންސަލްކުރިއިރު، ބާކީ އޮތް މުއްދަތައް ކޮންޓޭ އަށް ހަތް މިލިއަން ޔޫރޯ ދޭން އިންޓަ އިން ވަނީ އެއްބަސްވެފަ އެވެ. ކޮންޓޭ އިންޓައާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮންޓޭގެ ބަދަލުގައި އިންޓަ އިން ގެންނަން މަސައްކަތްކުރަނީ ލާޒިއޯގެ ކޯޗު ސިމޯން އިންޒާގީ ނޫނީ ކުރިން ޔުވެންޓަސް އާއި އޭސީ މިލާނަށް ކޯޗުކޮށްދިން މެސިމޯ އަލެގްރީ އެވެ.
އިޓަލީ ގައުމީ ޓީމުގައި ވެސް ހެޑް ކޯޗުކަން ކުރި ކޮންޓޭ ވަނީ އޭނާ މަސައްކަތްކުރި ކްލަބްތަކުގައި ތަފާތު ދައްކައިފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރިއިރު، ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއެވެ. ޗެލްސީގެ ކޯޗުކަމުން 2018 ވަނަ އަހަރު ވަކިކުރި ނަމަވެސް އޭނާ އެ ސީޒަނުގައި ވަނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ކޮންޓޭ އަކީ މި ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ޓީމު ދޫކޮށްލި ދެ ވަނަ ކޯޗެވެ. ފްރާންސްގެ ޗެމްޕިއަންކަން ލިލް އަށް 10 އަހަރުތެރޭ ފުރަތަމަ ފަަހަރަށް ހޯދައިދިން ކްރިސްޓޮފް ގަލްޓިއޭ ވެސް ވަނީ އެ ޓީމު ދޫކޮށް އާ ޗެލެންޖެއް ނަގަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ގަލްޓިއޭ ލިލް ދޫކޮށްލަން ނިންމީ އެ ޓީމުގެ ޒުވާން ކުޅުންތެރިންތަކެއް ވިއްކާލަން ކްލަބްގެ ބޯޑުން ނިންމި ހިސާބުންނެެވެ.












