ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ދީނީ އިލްމުވެރިންނާ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އަބްދުﷲ ގާތް ގުޅުން ބާއްވަވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.
ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާއެކު އިމްރާން ފަރިއްކުޅުއްވައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ރައީސް ނަޝީދު ލިބިވަޑައިގެންނެވި ބޮޑެތި ޒަހަމްތަކަށް ފަރުވާ ދެމެވެމުންދާއިރު ވެސް އެމަނިކުފާނަށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުންދާ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް އިންތި ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން ވެސް ދީނީ ގޮތުން ހައްދުފަހަނައެޅުމާ ފުލުހުން ގުޅުވާފައިވާއިރު، އެމަނިކުފާނަކީ "ލާދީނީ" ބޭފުޅެއް ކަމަށް ދީނީ އިލްމުވެރިންތަކެއް ވިދާޅުވަމުން ގެންދެވުމަކީ އެހަމަލާ ދިން ސަބަބެއް ކަމަށް ވުން ގާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޕާޓީގެ ތެރެއިން ވިޔަސް އަދި އެހެން ގޮތަކަށް ވިޔަސް ރައީސް ނަޝީދަށް ދެވުނު ލާއިންސާނީ ހަމަލާއަށް ތާއީދުކުރާ އެއްވެސް ފަރާތަކަށް "ސިމްޕަތީ" އެއް ނޯންނާނެ ކަމަށެވެ.

މި ހަމަލާއަކީ އިސްލާމްދީނުގެ އެއްވެސް ހަމައަކުން ގަބޫލުކުރާނެ ކަމެއް ނޫން. މިކަމަށް ތާއީދުކޮށް ހިތްވަރުދޭ ފަރާތަކަށްވާ ނަމަ އެއީ ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭނެ މީހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. -- އިމްރާން ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ އަމަލެއް ކުރާ އެއްވެސް މީހަކު ބަލައިނުގަންނަވާނެ ކަމަށާއި ގުޅުމެއް ވެސް ނުބާއްވަވާނެ ކަމަށް އިމްރާން ތަކުރާރުކޮށް ވިދާޅުވި އެވެ.
އެގޮތަށް އިމްރާން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނިމުނު ރޯދަ މަހުގެ ތެރޭގައި، ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭފުޅުން ތަކަކާ އެކު އިމްރާން ބޭއްވެވި ރޯދަ ވީއްލުމެއްގެ ތެރެއިން ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއަކަށް އިޝާރާތް ކުރައްވައިފަ އެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ތަކުރާރުކޮށް މެދުކެނޑުމެއް ނެތި ރައީސް ނަޝީދަށް ގެންދިޔަ ބަސްތަކުން ރައީސް ނަޝީދަށް ހަމަލާ ދިނުމަކީ ހަމަ ވަރިހަމަ ކަމެއްގެ ގޮތުގައި ސިފަވާ ހިސާބަށް ބަޔަކު މީހުން އެ ވާހަކަ ދައްކަމުން ދިއުން،" އިންތި އެ ސުވާލު ކުރެއްވި ސަބަބު އިތުރަށް ސާފުކޮށް ދެއްވަމުން އީވާ ވިދާޅުވި އެވެ.
ނަމަވެސް، އެކަމަށް ފަހުން އިމްރާން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އޭގެ އިތުރުން، ހޯމް މިނިސްޓްރީގެ ތެރޭގައި ވެސް ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބޭފުޅުން ތިބި ކަމުގެ ތުހުމަތު ވެސް މިއަދުގެ ޖަލްސާގެ ތެރެއިން ކުރެވުނެވެ.
އެ ތުހުމަތު ދޮގުކުރައްވައި އިމްރާން ވިދާޅުވީ އެފަދަ ބަޔަކަށް މިނިސްޓްރީގެ ތެރެއިން ޖާގަ އެއް ވެސް ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.
"އެކަމަށް ހޯމް މިނިސްޓްރީގެ ތެރެއިން ޖާގަ އެއް ނުދޭނަން. ފުރުސަތެއް ވެސް ނުލިބޭނެ،" އިމްރާން ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދުފަހަނައެޅުމާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކުގެ ބޭރުގެ އެކި ފަރާތްތަކާއެކު ވެސް ގިނަ މަސައްކަތްތަކެއް ކަމެއް ހޯމް މިނިސްޓްރީން ކުރަމުންދާކަމަށް އެ ތުހުމަތުތައް ދިފާއު ކުރައްވަމުން އިމްރާން އިތުރަށް ވިދާޅުވި އެވެ.
ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އިތުރުން ތަހުގީގު ޓީމުގައި ހަރަކާތްތެރިވަމުންދާ ގިނަ ފަރާތްތަކެއް ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ އެންމެ ބާރު މިނުގައި ކުރިއަށް ނުގެންދެވޭ ކަމަށް އިމްރާން މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒA ފުއް ޑޮކްޓަރުން ނެގި އެވެ.
އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.













