ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އޭޑީކޭއަށް ވަޑައިގަތުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ މައްސަލަ ހޫނުވެއްޖެ އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން ރޭ ނޫސްވެރިން ގާތު އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފަޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.
ނަމަވެސް، ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.
އަދި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ހަމަކިރިޔާކަން އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ހާމަކުރި މައުލޫމާތަކުން ސާފުވެ އެވެ.

ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ރައީސް ނަޝީދުގެ ހާލުކޮޅާބެހޭ މައުލޫމާތު ސާފު ނުކުރައްވައި އެ މައުލޫމާތު ދެއްވީ ކީއްވެގެންތޯ އިމްރާންއާ ސުވާލު ކުރައްވައިފަ އެވެ.
އޭގެ ޖަވާބުގައި އިމްރާން ވިދާޅުވީ އެ ރޭ އެ މައުލޫމާތު ހާމަކުރެއްވީ އޭޑީކޭގެ ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
އިމްރާން އެހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވަރަށް ހިތްހަމަނުޖެހިވަޑައިގެން އިމްރާންގެ ދިފާއު ދޮގު ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ހީނުވޭ، ޑޮކްޓަރަކު ވެސް އަދި އާއިލާގެ ބޭފުޅަކު ވެސް އެވީ 20 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައި އޮންނާނެ ކަމަކަށް،" އީވާ ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ނަޝީދުގެ އާއިލާ އާއި ޑޮކްޓަރުންނާ އިމްރާން ހަވާލާ ދެއްވުމުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ އެހެން ވިދާޅުވުމުން، އިމްރާން ވަނީ އަނެއްކާވެސް ދިފާއުގައި ކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
އެގޮތުން، އެ ރޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް އިމްރާން ތަކުރާރުކުރެއްވި އެވެ.
ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އިތުރުން ތަހުގީގު ޓީމުގައި ހަރަކާތްތެރިވަމުންދާ ގިނަ ފަރާތްތަކެއް ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ އެންމެ ބާރު މިނުގައި ކުރިއަށް ނުގެންދެވޭ ކަމަށް އިމްރާން މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.












