ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން ވެސް ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.

ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެ ތަހުގީގު އެންމެ ހިތްހަމަޖެހޭ ގޮތަށް ކުރިއަށްދާ ކަމަށް ދެންނެވެން ނެތް ކަމަށެވެ.
މިގޮތުން، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު މިހާރު އިންތިހާއަށް ގޯސްވެފައިވާއިރު، އެކަމުގެ ނޭދެވޭ އަސަރުތައް ތަހުގީގަށް ވެސް ކުރަމުންދާއިރު، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އިމްރާން ހާމަކުރެއްވި އެވެ.
އަދި ތަހުގީގު ޓީމުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތައް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. އެހެންކަމުން ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ އެންމެ ބާރުމިނުގައި ގެންދެވޭ ދެންނެވޭކަށް ނެތް، -- އިމްރާން
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރި ފަރާތްތަކާއި ފަހަތުގައި ތިބި ބަޔަކު ހޯދުމާ ގުޅޭގޮތުން ވެސް ގިނަ މެމްބަރުންގެ ސުވާލުތައް މިއަދު އަމާޒުކުރެއްވި އެވެ.
އެކަމަށް ސީދާ ޖަވާބެއް ނުދެއްވައި އިމްރާން ވިދާޅުވީ އެހަމަލާއާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށާއި އެކަމުގެ ހުރިހާ މައުލޫމާތުތައް މަޖިލީހާ ވެސް ހިއްސާ ކުރެވެމުންދާ ކަމަށެވެ.
"ތަހުގީގު ކުރެވެމުން އެދަނީ. ސީދާ ނިމޭނެ ދުވަހެއް ދެންނެވުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
މިހާރު ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
މި ހަތަރު މީހުންނާ ގުޅޭ ހެކި ވެސް ފުލުހުންނަށް ލިބިފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ.
ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ 15 ދުވަހުގެ ޖަލު ބަންދެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީން އައިއެސްއަށް ތާއިދުކުރާ ނުވަ މީހަކު ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ.
ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒާ ފުއް ޑޮކްޓަރުން ނެގި އެވެ.
އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.












