ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

އިޤުބާލުގެ އެ ޖުމުލައާއެކު، ނަޖާހުގެ މޫނުމަތި ސުވާލުމާކުތަކުން ފުރުނެވެ. އެއާއެކު އިޤުބާލުގެ މޫނުމަތީގައި އޭނާގެ ނަޒަރު ތަތްވިއެވެ. އެ ނަޒަރު އޭނާއަށް ދައްކައިދިނީ، ކުރީގެ އިޤުބާލެއް ނޫނެވެ. މުޅިން ތަފާތު ސިފައެއްގައި ހުރި، އެހެން އިޤުބާލެކެވެ. ނަޖާހަށް އިނދެވުނީ، ހުއްޓުން އަރާފައެވެ. ބަސްހުއްޓިފައެވެ. ހަރަކާތް މަޑުޖެހިފައެވެ.

"ތި ގޮނޑިން ތެދުވެބަލަ!" ކުރީން ވެސް ބުނި ގޮތަށް، ހަމަ އެ ރާގުގައި އިޤުބާލުގެ ޖުމުލަ ތަކުރާރުކުރިއެވެ.

Advertisement

"ކިހިނެއްވީ ބައްޕާ!" ނަޖާހު މަޑުމަޑުން ތެދުވިއެވެ.

"ފެނޭތަ ތިހިރަ ދޮރު؟" ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު، ބޭރު ދޮރަށް އިޝާރާތްކުރަމުން، ހަރުކަށި، ރުޅިވެރި ގޮތަކަށް އިޤުބާލު ސުވާލުކުރިއެވެ.

ނަޖާހަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ކިހިނެއްވީހޭ އަހައިލާ ކަހަލަ ގޮތަކަށެވެ.

"ހަމަ މިހާރު މި ސިކުންތު ތެރޭ، މި ގޭ ހަތަރު ފާރުން ބޭރުވޭ!"

ނަޖާހަށް ހުރެވުނީ، އޭނާގެ ކަންފަތަށް ވަދެގެން ދިޔަ ވިހަ ގަދަ، ތޫނު ޖުމުލައާމެދު ޔަޤީންކަން ކުޑަވެފައެވެ. ކުރިމަތީގައި މި ހުރީ ހަމަ އިޤުބާލު ހެއްޔެވެ؟ އެ އިވުނީ ހަމަ އިޤުބާލުގެ އަނގައިން ބޭރުވި ޖުމުލައެއް ހެއްޔެވެ؟ މިއީ އޭނާއަށް ފެންނަ ބިރުވެރި ހުވަފެނެއް ބާވައެވެ؟ ނޫނީ ޝައިޠާނާ، އޭނާއާ ސަމާސާ ކުރަނީ ބާވައެވެ؟ ނަޖާހުގެ ސިކުނޑީގައި، އެތައް ހާސް ސުވާލެއް އައިސް ބޮނޑިޖެހުނެވެ. އޭނާއަށް ހުރެވުނީ، ދެ ލޯ ބޮޑުވެ، އަނގަ ހުޅުވިފައެވެ. ކަޅި ޖަހާނުލައި ބަލާން ހުރެވުނީ އިޤުބާލުގެ މޫނަށެވެ.

"ހަމަ މިހާރު މި ގޭން ނިކުމެގެން ދާން އުޅޭށޭ! ކީއްވެތަ ބުނާ އެއްޗެހި އަޑު ނީވެނީ؟" އިޤުބާލުގެ އަޑު ބާރުވިއެވެ.

"ކިހިނެއްވީ ބައްޕާ! ކީއްވެ ތިހާ ރުޅިއެއް ތިއައީ؟" ނަޖާހުގެ އަޑު ތުރުތުރުއަޅާން ފެށިއެވެ.

"ވީ ގޮތެއް ބަލާނެކަމެއް ނެތް! ނިކުނާނާށޭ ބުނީމަ، އެ ވީ ނިކުންނަން!" އިޤުބާލުގެ އަޑު މި ފަހަރު ވެސް މަޑެއް ނޫނެވެ.

"ބައްޕާ! އަހަރެން މި ގޭން ނުނެރޭ!" ނަޖާހުގެ އަޑުގައި އާދޭހުގެ ނިކަމެތިކަން އެކުލެވުނެވެ. ދެ ލޯ ފެންކަޅިވިއެވެ.

"މި ގޭން ނުނެރޭށޭ؟ އެހެންތަ؟" އިޤުބާލު އެއްލި އަތުން، ނަޖާހުގެ އަތުގައި ހިފިއެވެ.

ނަޖާހަށް ރޮވުނެވެ. އިޤުބާލުގެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. ނަޖާހުގެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް، ދޮރާށިން ބޭރުކޮށްލައިފިއެވެ. ނަޖާހު އާދޭސްކޮށްކޮށް ހުއްޓާ، ދޮރާށި ލައްޕާ ތަންޑު ވެސް އަޅުވައިފިއެވެ. މި މަންޒަރު ބަލަން ކޮޓަރީ ދޮރުމަތީގައި ހުރި ބަދޫރާއަށް ހުރެވުނީ، ބުނާނޭ އެއްޗެއް ނޭނގިފައެވެ. ހިތަށް އަރަމުން ދިޔައެވެ. މަގޭ ފިރިމީހާ މިހިރަ އުޅޭ ގޮތެކެވެ.

"ބޮޑު ގޯހެއް ނުހިނގަނީސް، މި ކަން އެނގުނީތީ ޙަމްދުކުރަން!" ބަދޫރާއާ ދިމާއަށް ބަލައިލަމުން މިހެން ބުނިއިރު، އިޤުބާލު ހުރީ މަތިނޭވާ ލެވިފައެވެ.

"މަށަށް ވެސް ޙަޤީޤަތް މި އެނގުނީ ދެންމެ. ޝިމާނާއަށް އުޅެވޭ ގޮތުން ވާހައި ކަންކަން މި ހުންނަނީ." ބަދޫރާގެ ނުރުހުން، ޝިމާނާއާ ދިމާއަށް މިސްރާބުޖެހިއެވެ.

ޝިމާނާ އޮތީ ކޮޓަރީގައެވެ. ގޭތެރޭގައި ހިނގައި ދިޔަ ބިރުވެރި ކަންތައްގަނޑުގެ ސަބަބުން، ދޮރުހުޅުވާލަން ވެސް ނުކެރިފައެވެ. އެހެން އޮއްވާ، އޭނާގެ ފޯނަށް އައީ ނަޖާހުގެ ކޯލެކެވެ. ހަދާނޭ ގޮތެއް ނޭނގި އޮވެފައި، އޭނާ ފޯނު ނެގިއެވެ. އެއާއެކު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ރުއިމެއްގެ އަޑެވެ. ނަޖާހު ރޮނީއެވެ.

"ޝިމާ! އަޅެ ކިހިނެއްތަ މި ވީ؟ ބައްޕަ ކީއްވެ އަހަރެންދެކެ އެހައި ރުޅިއެއް އެ އައީ؟" ރޮމުންރޮމުން ނަޖާހު ސުވާލު ކުރިއެވެ.

ޝިމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކަންފަތުގައި ފޯނު ޖެއްސިގޮތަށް އޮވެވުނީއެވެ.

"ޝިމާ! އަޅެ ވާހަކަ ދައްކަބަލަ! އަހަރެން ދެރަ ނުކޮށްބަލަ! އާދޭސްކޮށްފައި މި ބުނީ!"

"ނަޖާހު!" ވަރަށް ހިތްވަރުކޮށްފައި ނަޖާހުގެ ނަމުން ޝިމާނާ ގޮވައިލިއެވެ. "ދެން ރަނގަޅު ވާނީ މި ކަން ހުއްޓާލިއްޔާ! ބައްޕަ..."

"ނޫން ޝިމާ! ތިހެން ނުބުނޭ! އަހަންނަކަށް ޝިމާއާ ވަތްކަކުން ނޫޅެވޭނެ! ޝިމާ! ޕްލީޒް!"

"އެކަމަކު ބައްޕަ ނުރުހޭ ކަމެއް ކިހިނެއް..."

"ނޫން! ނޫން ޝިމާ! ބައްޕަ ބުންޏަސް މަށާ ރުޅި ނުވައްޗޭ ޝިމާ! އަހަރެން ޝިމާ ދެކެ ހާދަ ލޯބިވޭ" ނަޖާހު އާދޭސްކުރަމުން ގެންދިޔައެވެ.

"އަހަންނަށް އެނގޭ ނަޖާހު ތިހެން ތިއުޅެނީ، އަހަރެންދެކެ ލޯބިވާތީކަން. އެކަމަކު ބައްޕައާ ދެކޮޅަށް އަހަންނަށް އެއްވެސް ކަމެއް ނުވާނެ!"

"އެކަމަކު...." ރޮވޭވަރުން ނަޖާހަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. "އަހަރެން ކިހިނެއް..... ޝިމާއާ ވަކިން އުޅޭނީ؟"

"ތިހެން ނުބުނޭ! އިރާދަކުރެއްވިއްޔާ އުޅެވޭނެ!" ޝިމާނާގެ ހިތް ވަނީ ނަޖާހާމެދު ހަމްދަރުދީން ފުރިފައެވެ.

"ޝިމާ ދެކެ އަހަރެން ލޯބިވާ މިންވަރު ވަޒަންކުރެވޭ ނަމަ، ޝިމާ ތިހެނެއް ނުބުނާނެ!"

"އަހަރެން ދެކެ ތިހާ ލޯބި ވަންޏާ، އަހަރެން ބުނާ ކަމެއް ކޮށްދީފާނަންތަ؟" އިރުކޮޅަކު ވިސްނާލަން އޮވެފައި، ޝިމާނާ މަޑުމަޑުން އަހައިލިއެވެ.

"އާނ! ޝިމާ ބުނެފިއްޔާ، ކޮންމެ ކަމެެއް ވެސް އަހަރެން ކުރާނަން!" އަވަސްއަވަހަށް ނަޖާހު ބުންޏެވެ.

"ނަޖާހުދެކެ ލޯބިވާ، ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފެށޭތޯ ބަަލަންވީނު!"

"ކީކޭ؟ ކީކޭ ތި ބުނީ؟ ތި ބުނީ ޝިމާ އަހަރެންދެކެ ލޯތްބެއް ނުވެއޭތަ؟" ނަޖާހުގެ އަޑު ވަކިން ބޮޑަށް ތުރުތުރުއަޅައިގަތެވެ.

ބުނެވުނު އެއްޗަކާމެދު ޝިމާނާއަށް ވިސްނައިލެވުނީ ދެނެވެ. އެހެންނަމަވެސް އެހައިތަނުން ޝިމާނާ ބޭނުންވީ، ޙަޤީޤަތާ ކުރިމަތިލާށެވެ. ނަޖާހުގެ ލޯ މަތީގައި އޭނާ ބަނދެލި ފޮތިގަނޑު، އިތުރަށް ބާރުކުރުމުގެ ބަދަލުގައި މޮހައިލާށެވެ. އަމިއްލަ ކުށް ޤަބޫލުކުރަމުން ޙަޤީޤަތް ހާމަކުރާށެވެ.

"ނަޖާހު! އަހަރެން ނަޖާހުގެ ކިބައިން މަޢާފަށް އެދެން! މިއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއްކަން ޤަބޫލުކުރަން. ޙަޤީޤަތަކީ އަހަރެން ނަޖާހު ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ! އަހަރެން އުޅެނީ އެހެން މީހަކާ ރައްޓެހި ވެސް ވެގެން. އޭނާ ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވޭ! ނަޖާހަށް އޮޅުވާލައިގެން، މިހައި ހިސާބަށް މި ކަން ގެންދެވުނީތީ، ނިހާޔަތަށް މަޢާފަށް އެދެން!"

ޝިމާނާއަށް މިހައި ހިސާބަށް ވާހަކަ ގެންދެވުނެވެ. އެއާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ނަޖާހު ރޮއިގަތް އަޑެވެ. އެއާއެކު ފޯނު ކެނޑިއްޖެއެވެ. ނަޖާހަށް ވެފައި ހުރި ވަރު އިޙުސާސްކުރެވި ޝިމާނާއަށް ވެސް ރޮވުނެވެ.

ޖެހިގެން އައި ދުވަހެވެ. ކުރީ ރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހެނދުނު ހޭލިއިރު، ޝިމާނާގެ ބޮލަށް ވަނީ ބަރުވެފައެވެ. އެހެންކަމުން އެ ދުވަހު އޮފީހަށް ނުދާން ނިންމައި، ނިދޭތޯ އެނދުގައި އޭނާ ކުރުގެޅެލައި، ލޯ މަރައިލިއެވެ. އިއްތިފާޤުން އެ ދުވަހަކީ، އިޤުބާލު ވެސް ގޭގައި މަޑުކުރާ ދުވަހެކެވެ. ޑިއުޓީ ނެތް ދުވަހެއްކަމުން އޭނާ ވެސް ފަތިސް ނަމާދުކޮށްގެން އައިސް ޖައްސައިލީ، ކުޑައިރުކޮޅަކު ނިދައިލާށެވެ. ރޭ ދިމާވި ކަންތައްގަނޑު، އޭނާގެ ނިންޖަށް ވަރަށް ބޮޑަށް ހުރަސް އެޅިއެވެ.

އިޤުބާލު ތެދުވީ ނުވައެއް ވެސް ޖެހިފަހުންނެވެ. ޝިމާނާ ކޮޓަރިން ނިކުތްއިރު، އިޤުބާލު އިނީ ސައިބޯށެވެ. ބަދޫރާ އުޅުނީ، މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. ޝިމާނާ ނިކުތުމާއެކު، އިޤުބާލު އިސްއުފުލައި، ޝިމާނާގެ މޫނަށް ބަލައިލިއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox