ހުދު ޓީޝާޓެއް ލައިގެން، ކަޅުކުލައިގެ ޓްރެކްޝޫޓެއްގައި ބޮލުގައި ބެރޭ ތޮތްޕެއް އަޅައިގެން އެ ޒުވާނާ ހުޅުމާލޭ ސަހަރާގެ ގޮނޑިއެއްގައި އިށީދެނލައިގެން ހުރީ ފެންނަ ފެނުމަށް ވަރަށް ހަމަޖެހިލައިފަ އެވެ. ފަހަރުގައި، ޖަމާއަތްތެރިކަމަކީ މިދިޔަ 16 އަހަރު އޭނާ އަދާކުރި ވަޒީފާކަމަށްވެފައި، މީހުން ވަޅުލާން ޖެހުމަކީ އެކަމަށް އޭނާ ހޭނިފައިވާ ކަމަށްވާތީ އެއީ އަހަރެމެންނަށް ހީވި ހީވުމަކަށް ވެދާނެ އެވެ. އެކަމަކު ހަގީގަތަކީ، މިހާރު ރަށްމަތިން ހިއްލާލާފައިވާ ކޮވިޑުގެ ރާޅުގައި ޖެހި ފުރާނަ ގެއްލެމުންދާ މީހުންގެ އަދަދު ކުއްލިއަކަށް މަތިވެ، ޖަމާއަތްތެރިޔާ އަހުމަދު މުނައްވަރު ވެސް އެ ހުރީ ހާސްވެފައިކަމެވެ. އަހަރެމެންނަށް މަރުވާ މީހުންގެ އަދަދު، ތަފާސްހިސާބުން ފެނުނަސް، މުނައްވަރަށް ކޮންމެ ދުވަހަކު އެ އެންމެން ލޯ މައްޗަށް ފެނެ އެވެ. އެ އެންމެންގެ އާއިލާ މެމްބަރުންނާއި ރައްޓެހިން ކުރާ ހިތާމަ އިހުސާސްކުރެވެ އެވެ.
މާލޭ އާ ސަހަރާގައި މަސައްކަތްކުރަމުން އައި މުނައްވަރު، މީގެ ކުރިން ކޮވިޑުގައި މީހަކު މަރުވުމުން ޖަމާއަތްތެރިކަން ކުރަން ހުޅުމާލެ ސަހަރާ އަށް އަންނަނީ އެވެ. އެކަމަކު މަރުވާ މީހުން ގިނަވާން ފެށުމުން ހުޅުމާލެ އަށް ބަދަލުވެ މިވަގުތު ހުރީ ވެސް ސަހަރާގައި ލޮކްޑައުންވެގެންނެވެ. ރާއްޖޭން މިހާތަނަށް ކޮވިޑުގައި 124 މަރުވެފައިވާއިރު މި މަހުގައި އެކަނި 50 މީހުން މަރުވެއްޖެ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު އެވްރެޖްކޮށް ތިން މީހުން މަރުވެ އެވެ. އެހެންވެ މުނައްވަރާއި އޭނާގެ ޓީމުގެ މަސައްކަތް މިހާރު ވަރަށް ބުރަ އެވެ. ކޮންމެ ދެ މަރެއްގެ ދޭތެރޭ ވަޅުކޮންނާނެ ވަގުތު ނުލިބިދާނެ ކަމަށް ބަލައި ކުރިއާލާ ވަޅުތައް ހުރީ ކޮނެފަ އެވެ.
"ހުސް ވަގުތެއް ލިބޭއިރަށް އަޅުގަނޑުމެން ވަޅުތައް ކޮނެލަން،" މުނައްވަރު ބުންޏެވެ.

ހުޅުމާލޭ ސަހަރާގެ މަސައްކަތު މީހުން ވަޅެއް ކޮންނަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހަގީގަތުގައި ގިނަ ދުވަހު ހުސް ވަގުތެއް ނުވެސް ލިބެ އެވެ. ފަތިހު މަސައްކަތް ފަށާ ގޮތަށް އިޝާ ނަމާދު ވަގުތާ ހަމަޔަށް މަސައްކަތްކުރަން ޖެހިފައި އެބަހުއްޓެވެ. ކިރިޔާ ވެސް ހަށިފުރާ ނޭވާއެއް ލެވެނީ ނަމާދަށް މެދުކަނޑާލާ ވަގުތުގަ އެވެ. ކޮވިޑުގައި މަރުވާ މީހުން މާގިނައިރު ބޭއްވެން ނޯންނާތީވެ، މައްޔިތާ ސަހަރާ އަށް ގެނައުމާ އެކު މަސައްކަތް ފަށައި، ވީ އެންމެ އަވަހަކަށް ވަޅުލާން ޖެހެ އެވެ. އެ ހުރިހާ ވަގުތެއްގައި ތިބެނީ ރައްކާތެރިވުމުގެ ގޮތުން ފެންވަރު ރަނގަޅު ވާރޭކޯޓުގައި ލައި، އަތަށް އަންގި ލައްވައި އަނގަމަތީ މާސްކު އަޅައި އަދި އޭގެ މަތިން ފޭސް ޝީލްޑެއް އަޅުވައިގެންނެވެ. މަސައްކަތް ނިމޭއިރު ތިބެނީ ދަލުން ފޯވެފަ އެވެ.
"އެ ބޭލޭނީ ކޮން އިރަކު ކަމެއް، ލައިގެން އުޅެން ޖެހޭނީ ކިހާ އިރަކު ކަމެއް ނޭގޭނެ. ނިމިގެން ބާލާއިރު ދަލުން ދިޔަހެދިފައި އޮންނަނީ. ބާލާފައި ވަގުތުން ބްލީޗް ފެނުން ޑިސްއިންފެކްޓްކުރަން،" ހދ. ކުޅުދުއްފުއްޓަށް އުފަން މުނައްވަރު ބުންޏެވެ.
އެކަމަކު އެ ބުރަ އުފުލަން ޖެހުން އޭނާ އަށް ތަކުލީފަކަށް ނުވެ އެވެ. އޭނާ ކަންބޮޑުވަނީ އަދި ހިތަށް ތަދުކުރަނީ ލޯބިވާ މީހަކު މަރުވުމުން އެތައް ބަޔަކު ކޮންމެ ދުވަހަކު، އޭނާގެ ކުރިމަތީގައި އެ އޮހޮރާ ކަރުނަތަކާ މެދު އެވެ. ކޮވިޑުގައި މިހާތަނަށް ރާއްޖޭން މަރުވި ގިނަ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔަ މީހާގެ ހައިސިއްޔަތުން މި ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކުން ކުރި ހިތާމަ އެންމެ ބޮޑަށް ފެނި، އިވި ތަޖުރިބާކުރި އެކަކީ އޭނާ އެވެ. މުނައްވަރު ބުނި ގޮތުގައި، އާއްމު މަރުތަކާ ހިލާފަށް ކޮވިޑުގައި މަރުވާ ގިނަ މީހުންގެ ފުރާނަ ނެތް މަސްގަނޑު އާއިލާ އަށް ފެންނަނީ، އެ މީހަކާ ބައްދަލުނުވެ އެތައް ދުވަހެއް ވެފައި ކަމަށް ވާތީ ކުރާ ހިތާމަ ބޮޑު ކަމަށެވެ.
"ބައެއް މީހުން ކޮވިޑް ފެސިލިޓީގައި މަހެއް ދެ މަސް ވެފައި، ދެން މި ގެންނަނީ ސަހަރާ އަށް. އާއިލާ މީހުންނަށް އެ މީހަކާ ބައްދަލުނުވެ މަހެއް ދެ މަހެއް ވެފައި ދެން މި ފެންނަނީ ސަހަރާ އިން ފުރާނަ ނެތް މަސްގަނޑު. ވަރަށް ހިތްދަތި މަންޒަރެއް އެއީ. ބައެއް މީހުން އަނބުރައިގަނެގެން ގެންދަން ޖެހިފައި އެބަހުރި،" މުނައްވަރު، 36، ކިޔައިދިނެވެ.

ހުޅުމާލޭ ސަހަރާގައި ސަންދޯއްތައް ބަހައްޓާފައި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ގިނަ މީހުން ސަހަރާ އަށް އަންނައިރު، މައްޔިތާގެ މޫނު ފެންނާނެ ކަމެއް، ކަށުނަމާދުގައި ބައިވެރިވެވޭނެ ކަމެއް ނޭނގެ އެވެ. އެއީ ކޮވިޑް މަރަކަށް ވާތީ މައްޔިތާއާ ގާތް ނުވެވޭނެ ކަމަށް ގަބޫލުކުރެވިފައި އޮންނާތީވެ އެވެ.
"ސަހަރާ އަށް އައުމުން އެނގެނީ މޫނު ފެންނާނެކަން. އެ ހިސާބުން ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބޭ،" އޭނާ ބުންޏެވެ.
ކޮވިޑް މަރުތަކުގެ ޖަނާޒާގެ ތަރުތީބު އާއްމު މަރުތަކާ ވަރަށް ތަފާތެވެ. މައްޔިތާ ސަހަރާ އަށް ގެންނަނީ ބޮޑީބޭގެއްގަ އެވެ. މޫނު ދެއްކުން އޮންނަނީ އާއްމުކޮށް ކައިރި ވެވޭ ވަރަށް ވުރެ ދުރުންނެވެ. މީހުން ގިނަ ނަމަ މޫނު ބަލަން ވައްދަނީ ވަކި އަދަދަކަށް އަދަދު ކަނޑައަޅައިގެން ވަކިވަކިންނެވެ. ކޮވިޑް ޖެހިފައިވާ މީހުންނަށް ވެސް މޫނުބެލުމުގެ ފުރުސަތު ދެ އެވެ. އެކަމަކު އެއީ އެންމެ ފަހުން ވަކިން ވައްދާފަ އެވެ. މޫނުބަލާއިރު އެއްވެސް މީހަކަށް މައްޔިތާގެ ހަށިގަނޑުގައި އަތެއް ނުލެވޭނެ އެވެ. ހިނެވުމުގެ ބަދަލުގައި ކުރަނީ ތަޔައްމަމް އެވެ. މައްޔިތާގެ މޫނާއި ދެއަތްތިލައިގައި ހިރަފުސް ވެލިން ތަޔައްމަމްކުރުމަށް ފަހު ބޮޑީބޭގުގެ ބޭރުން ކަފުނަށް ލުމަށް ފަހު ސަންދޯކަށް ލައި ވަޅުލަނީ އެވެ.

މައްޔިތާ ތަޔައްމަމްކުރަން ބޭނުންކުރާ ހިރަފުސްވެލި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސްކޫލް ނިންމުމަށް ފަހު އުމުރުން 20 އަހަރުގައި އާ ސަހަރާގެ ވަޅުކޮންނަ މީހެއްގެ ވަޒީފާ އަށް ގޮސް، ހަ މަސް ދުވަސް ތެރޭ ޖަމާއަތްތެރިއަކަށްވި މުނައްވަރަށް މިއީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. މިދިޔަ އަހަރު ކޮވިޑުގައި ރާއްޖޭން ފުރަތަމަ ފަހަރަށް މީހަކު މަރުވެގެން ސަހަރާ އަށް ގެނައިރު އެއީ ކޮވިޑް މަރެއް ކަމަށް ޑިކްލެއާއެއް ނުކުރެ އެވެ. އެހެންވެ އޭނާ ހިނަވައި ހެދީ ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި އެވެ. ވަކި ހިސާބަކުން އެއީ ކޮވިޑުު މަރެއްކަން އެންގުމާއެކު ފިޔަވަޅުތައް އެޅި އެވެ. އެފަހަރު އެކަމުގައި އުޅުނު އެންމެން ޓެސްޓު ވެސް ކުރި އެވެ. ނަސީބަކުން އެއްވެސް މީހަކު ޕޮޒިޓިވްއެއް ނުވެ އެވެ.
އޭގެ ފަހުން، އެޗްޕީއޭ އާއި އިސްލާމިކް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް މިހާރު އެ ކުރަނީ ވަކި ތަރުތީބަކުންނެވެ. މީހުން ހިނަވައި ކަފުންކޮށް ވަޅުލުމަކީ އޭނާގެ ދުވަހު ވަޒީފާއަށް ވިޔަސް، މިފަދަ ބޮޑު ބަލިމަޑުކަމެއްގައި ކުރެވޭ އިހުސާސް ތަފާތު ވަނީ އެހެންވެ އެވެ. އަނެއް ކަމަކީ ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު އަންހެނުންނާއި ހަތަރު ކުދިން ރަށަށް ބަދަލުކޮށްފައިވާތީ، އޭނާ މިވަގުތު ދިރިއުޅެން ޖެހިފައިވަނީ އެކަންޏެވެ. ކޮންމެ ދުވަހަކު ލޯ ކުރިމަތިން ފެންނަ މަންޒަރުތަކުން ސިކުނޑި އަށް ލިބޭ ހާސްކަން ފިލުވާލަން، އަނބިދަރީންނާ އެކު ވަގުތު ހޭދަކުރެވޭނެ ފުރުސަތެއް މިވަގުތު ނެތެވެ. މަސައްކަތުގެ ބުރަކަމުން ފޯނުން ވެސް ގިނަ ފަހަރަށް ބައްދަލެއް ނުވެ އެވެ.
"އަންހެނުން ގިނަ ފަހަރަށް ގުޅާގަޑީގައި ފޯނު ވެސް ނުނެގި ދަނީ،" މުނައްވަރު ބުންޏެވެ. "އަންހެނުން ވެސް ވަރަށް ކަންބޮޑުވެފައި ހުންނަނީ. އަބަދުވެސް ބުނާ ރައްކާތެރިވެގެން ހުންނައްޗޭ."

މުނައްވަރު "އަދަދު" ގެ ނޫސްވެރިންނަށް އިންޓަވިއު ދެނީ. --ފޮޓޯ: ހުސެއިން ޝަޔާހު
ހުސް ވަގުތެއް ލިބިއްޖެ ނަމަ، ހިތްހަމަޖައްސާލަން އޭނާ ކުރާ ކަމަކީ ޅެން ހެދުމެވެ. ސްކޫލް ދައުރުއްސުރެ ޅެންވެރިކަމަށް ހުންނަ ޝައުގާ އެކު، ޅެން ލިޔެ ފޭސްބުކުން ރައްޓެހިންނާ ހިއްސާކުރުމަކީ އޭނާގެ އުފަލެވެ. އޭނާ ފޭސްބުކަށް ދޫކުރި ޅެމެއްގައި ބުނާ ފަދައިން، ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން ހިދުމަތްތެރިން އިސްސަފަށް ނުކުމެ ތިއްބަކަސް އެ އެންމެން ތެޅިތެޅި ވަރުބަލިވެއްޖެ އެވެ. އެހެންވެ، އޭނާގެ އެދުމަކީ ސަހަރާ އަކީ ބަލި ފެތުރުމަށް މަަގުފަހިވާ ފަދަ ތަނަކަށް ނުވާނެ ގޮތަކަށް އެންމެންގެ އަމަލުތައް ބެހެއްޓުމެވެ. ޕޮޒިޓިިވް މީހުންނަށް ވެސް މޫނު ދެކިލަން އައުމުގެ ފުރުސަތު އެޗްޕީއޭ އިން ފަހިކޮށްދީފައިވީ ނަމަވެސް އެ އަންނަ އައުމުގައި ދެން ތިބޭ މީހުންނާ މަސްހުނިވުވުމަށް އޭނާ އެދެ އެވެ.

ހުޅުމާލޭ ސަހަރާގައި ސަންދޯއް ވަޅުލަން ގެންދަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
"މީގެ ކުރިން މި ބަލީގައި މަރުވަމުން އައީ އުމުރުންދުވަސްވީ މީހުން. މިހާރު ޒުވާނުން މަރުވާވަރު އެބަ އިތުރުވޭ. ކޮންމެ ދުވަހަކު އުމުރު ދަށްވަމުން އަންނަނީ. މުނައްވަރު ބުންޏެވެ.
އޭނާ އަކީ ޑޮކްޓަރެއް ނޫނެވެ. ސިޔާސަތު ކަނޑައާޅާ މީހެއް ވެސް ނޫނެވެ. އެކަމަކު އޭނާ އަކީ މި ބަލީގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދުތަކަކީ ނަމްބަރެއް ނޫން ކަމާއި އެއީ ކޮންމެވެސް މީހެއްގެ ލޯބިވާ މީހެއްކަމާއި އެ މީހަކު ނެތިދިއުމުން އެ ކުރިމަތިވާ ހިތާމަ އެންމެ ބޮޑަށް ފެންނާނެ އެކެކެވެ. ސަހަރާގެ ގޮނޑީގައި ހަމަޖެހިލައިގެން އިނދެ އޭނާ އަހަރެމެންނާ ވާހަކަދައްކަމުން ދިޔަ ނަމަވެސް އިރުއިރުކޮޅާ އޭނާގެ ނަޒަރު ހުއްޓެނީ މަގާދިމާލަށެވެ. އެމްބިއުލާންސުގައި ސަހަރާ އަށް މައްޔިތަކު އެބަ ގެނޭކަން މާލޭން އަންގާފައި އޮތުމުން އޭނާ ހުރީ ޖަނާޒާގެ ކަންކަމަށް ތައްޔާރުވެގެންނެވެ.
"އަހަރެމެން އެންމެން އެބަޖެހޭ ސީރިއަސްވާން. މިކަމުން ސަލާމަތްވާން އޮތީ އެންމެންގެ މަސައްކަތުން،" ގޮނޑިން ތެދުވަމުން އޭނާ ބުނެލި އެވެ.












