މެޑްރިޑް (މެއި 22) - މި ސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށްލަން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެ އަށް ބާރު ލިބޭ ގޮތަށް އޭނާ ވާހަކަ ދައްކައިފި އެވެ.
ގޯލް.ކޮމް އިން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ރެއާލްގެ ކުޅުންތެރިންނަށް އަންގައިފަ އެވެ. އެ ވާހަކަތައް ދޮގުކޮށް ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ރެއާލް މޮޅުވި މެޗަށް ފަހު ޒިދާން ބުނީ އޭނާ އަކީ ސީޒަނެއްގެ މުހިއްމު ހިސާބަކުން އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ.
އެކަމަކު ލީގުގައި މިރޭ މި ސީޒަނުގެ ފަހު މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވަނީ އަންނަ ސީޒަނުގައި ރެއާލުން ނުފެނިދާނެ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިއަކު ސުވާލުކުރީ ޒިދާނާއި ނުލައި މިހާރު އޮތް ރެއާލް ޓީމު ރަނގަޅަށް ޕާފޯމް ކޮށްފާނެ ކަމަށް ގަބޫލުކުރަންތޯ އެވެ.
"ތިއީ ވެދާނެ ކަމެއް. އަހަރެން ނެތި ވެސް މި ޓީމު ރަނގަޅަށް ޕާފޯމް ކޮށްފާނެ. އަހަރެން އަބަދުވެސް ބޭނުންވަނީ މި ކުޅުންތެރިންނަށް އެންމެ ރަނގަޅުގޮތް މެދުވެރިވުން،" ޒިދާން ބުންޏެވެ.
ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޒިދާން ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެއީ މަގާމު ދޫކޮށްލިތާ އަހަރެއް ވެސް ނުވަނީހެވެ.
ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 37 މެޗުން ވަނީ 81 ޕޮއިންޓް ލިބިފަ އެވެ. ރެއާލް މިރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ބައްދަލުކުރާއިރު، އެތުލެޓިކޯ ރަށުންބޭރުގައި ކުޅޭނީ ރެއާލް ވަލޮޑޮލިޑާ އެވެ. ރެއާލަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ އެތުލެޓިކޯ އަށް މޮޅެއް ނުލިބި، ރެއާލް ކުޅޭ މެޗުން މޮޅުވެގެންނެވެ.
"އަހަރެން ވިސްނަނީ އަމިއްލަ ކޮންޓްރޯލްގައި އޮތް ކަންތައް ނިންމަން. ވިޔަރެއާލަކީ ވަރަށް މޮޅު ޓީމެއް. އަހަރެމެން އެ މެޗު ފަސޭހަކޮށް ވިސްނައިގެން ބޭނުންވާ ކަމެއް ހާސިލެއްނުވާނެ،" ޒިދާން ބުންޏެވެ.
ރެއާލާއި ވިޔަރެއާލް ކުޅޭ މެޗާއި އެތުލެޓިކޯ އާއި ވަލޮޑޮލިޑް ކުޅޭ މެޗުތައް ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.












