ކޮވިޑަށް ޕޮޒިޓިވް: މުލަކޭ، ޔާން، އީސަ އަދި ހަންނަގެ ނަސީބު ދެރަ!

ކޮވިޑަށް ޕޮޒިޓިވްވެގެން ގައުމީ ޓީމުން ފުރުސަތު ގެއްލުނު ކުޅުންތެރިން: (ކ.ވ) މުލަކޭ، ހަންނަ، ޔާން އަދި އީސަ.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ކޮވިޑަށް ޕޮޒިޓިވްވެގެން ގައުމީ ޓީމުން ފުރުސަތު ގެއްލުނު ކުޅުންތެރިން: (ކ.ވ) މުލަކޭ، ހަންނަ، ޔާން އަދި އީސަ.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

މި މަހު 30 އިން އަންނަ މަހުގެ 15 އަށް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން އަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ 33 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބުނު ބައެއް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އޭގެ ތެރޭގައި މި ވަގުތު ލީގުގައި ރަނގަޅަށް ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިން ވެސް ހިމެނޭތީ އެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ސްކޮޑުގައި ހިމެނުމަށް ފަހު ޕޮޒިޓިވްވެގެން ޓީމުގައި ބައިވެރިނުވެވުނު ކުޅުންތެރިންނަކީ ޔުނައިޓެޑް ވިކްޓްރީގެ އިސްމާއިލް އީސަ (މެސީ)، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޔަޝްފާދު ހަބީބު (މުލަކޭ)، ކްލަބް އީގަލްސްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އެވެ.

މީގެ ތެރެއިން އީސަ ޕޮޒިޓިވްވީ އަމިއްލަ ރަށް ކަމަށްވާ ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުއްޓަ އެވެ. މުލަކޭ އާއި ޔާން ޕޮޒިޓިވްވީ މި މަހު 13 ވަނަ ދުވަހު ގައުމީ ޓީމު ހޮޓެލް ޖެން އަށް ކޭމްޕްކުރަން ވަނުމުގެ ކުރިން ކުރި ޓެސްޓްތަކުގަ އެވެ. އަދި ހަންނަ ޕޮޒިޓިވްވީ ޓީމާ އެކު ކޭމްޕްކުރި ފަހުން ކުރި ޓެސްޓްތަކެއްގަ އެވެ. އެ ފަހުން ގިނަ ކުޅުންތެރިންތަކެއް އެކި ފަހަރު މަތިން ޕީސީއާރް ޓެސްޓްތަކެއް ކުރި ނަމަވެސް އިތުރު ޕޮޒިޓިވް ކޭހެއް ނުފެނެ އެވެ.

އީސަ، މުލަކޭ، ހަންނަ އަދި ޔާން އަކީ ލީގުގައި ފަަހަކަށް އައިސް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިންތަކެކެވެ. ގިނަ މެޗުތަކެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ވަނީ ހޯދައިފަ އެވެ. އަދި ޓީމު މޮޅުކޮށްދޭން ތަފާތު ދެއްކި އެވެ.

އީސަ (32 އަހަރު) - 13 މެޗުން ހަތް ގޯލާއި އަށް އެސިސްޓް

ޔާން (20 އަހަރު) - 13 މެޗުން ތިން ގޯލާއި އެއް އެސިސްޓް

ހަންނަ (23 އަހަރު) - 14 މެޗުން ހަތަރު ގޯލާއި ތިން އެސިސްޓް

މުލަކޭ (28 އަހަރު) - 14 މެޗުން ހަތަރު ގޯލާއި ތިން އެސިސްޓް

މި ހަތަރު ކުޅުންތެރިން ނެތުމުން ކޯޗު ކޫޕްމަންގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަން ވެސް އެނގިފައިވެ އެވެ. ކޫޕްމަން ވެސް ވަނީ ހާލަތުގެ ސަބަބުން ފުރުސަތު ގެއްލޭ ކުޅުންތެރިން ނެތްތަން ފޫބައްދަން އިތުރު ކުޅުންތެރިން ޓީމުގައި ހިމަނަން ބުރަވ މަސައްކަތްތަކެއް ޓީމުގެ އޮފިޝަލުން ކުރަން ޖެހުނު ކަމަށް ބުނެފަ އެވެ.

ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވެގެން ގައުމީ ޓީމާ ގުޅުނު ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ. އެ ކުޅުންތެރިންނާ ކޮވިޑް ޖެހުނީ މި މަހުގެ ކުރީކޮޅުގަ އެވެ. ވަގުތު އޮއްވައި އެ ދެ ކުޅުންތެރިން ރަނގަޅުވުމަކީ ކޯޗަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ގައުމީ ސްކޮޑުގައި ހިމެނުމަށް ފަހު އަމިއްލަ ސަބަބުތަކާ ހުރެ ވެސް ބައެއް ކުޅުންތެރިންނަށް ޓީމާ ވަކިވާން ޖެހުނެވެ. އެއީ އާއިލީ ޒިންމާ އަދާކުރުމުގެ ގޮތުން އެހެން ނޫނީ އަމިއްލަ ސަބަބުތަކެއް ހުރުމުންނެވެ.

މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒު ހަސަން (ދާދު) ގައުމީ ޓީމުން ވަކިވީ ލީގުގައި ރަނގަޅަށް ނުކުޅެވޭތީ އެވެ. އަދި ރަނގަޅަށް ނުކުޅެ ގައުމީ ޓީމަށް އެރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި މީގެ އެންމެ މުހިއްމު ކަމަކީ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށް އެ ދެ ކުޅުންތެރިން ގަބޫލުކުރެ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އާއި ޓީސީގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އަށް ގައުމީ ޓީމާ އެކު ނުދެވުނީ އާއިލީ ޒިންމާ އަދާކުރުމުގެ ގޮތުންނެވެ. ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް މި ވަގުތު ހުރުމުން ދިގު މުއްދަތަކަށް ޓީމާ އެކު ދެވެން ނެތުމުން އެ ދެ ކުޅުންތެރިން ވަނީ ކޯޗަށް ވެސް އެކަން އަންގައިފަ އެވެ.

ދުބާއީ އަށް ފުރަން ދިއުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުން މިއަދު ހެނދުނު ދުބާއީ އަށް ޓްރެއިނިން ކޭމްޕަކަށް ފުރީ 23 ކުޅުންތެރިންނާ އެކު އެވެ. ސްކޮޑުގައި ހިމެނުނު ދެ ކުޅުންތެރިއެއްގެ ބައެއް ކަންތައްތައް ހަމަނުޖެހޭތީ ޓީމާ ގުޅޭނީ ފަހުންނެވެ. ޗައިނާ އަށް ދާނީ އަންނަ ހަފްތާގަ އެވެ.

ކޮލިފައިން އަށް ނެގި ފައިނަލް ސްކޮޑު:

ގޯލްކީޕަރުން: މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު - ޗެކް (ވެލެންސިއާ)، އަލީ ނާޖިހު - ނާޖީ (ޔުނައިޓެޑް ވިކްޓްރީ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)

ޑިފެންޑަރުން: ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، އަކުރަމް އަބްދުލް ގަނީ - އަކޫ (ވެލެންސިއާ)، އަހުމަދު ނޫމާން - ހެލްމެޓް (އީގަލްސް)، ހުސެއިން ސިފާއު - ކުރޯ (އީގަލްސް)، ހައިޝަމް ހަސަން (އީގަލްސް)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، އަލީ ޝަމާލް އަބްދުﷲ - ޝައްމު (ޔުނައިޓެޑް ވިކްޓްރީ)، އަލީ ޝާމިސް - ތޮއްޕޭ (ޓީސީ ސްޕޯޓްސް ކްލަބް)

މިޑްފީލްޑަރުން: އިމްރާން ނަޝީދު - އިންމަ (އީގަލްސް)، މުހައްމަދު އިރުފާން - އިރޭ (މާޒިޔާ)، އިބްރާހިމް އައިޝަމް (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ހުސެއިން ނިހާން - ނިހާޓް (މާޒިޔާ)، ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ)، އަލީ ފާސިރު - ސެންޓޭ (ވެލެންސިއާ)، މުހައްމަދު ނާއިމް (އީގަލްސް)

ފޯވާޑުން: އަލީ އަޝްފާގު - ދަގަނޑޭ (ވެލެންސިއާ)، އަސަދުﷲ އަބްދުﷲ - އަަސަކޮ (މާޒިޔާ)، އިބްރާހިމް މަހުދީ - ފޭދޫ އިއްބެ (މާޒިޔާ)، އަލީ ހައިޝަމް - ޗުމްޕު (ޔުނައިޓެޑް ވިކްޓްރީ)، ހަސަން ނަޒީމް - ޗޯޓު (ގްރީން ސްޓްރީޓްސް)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox