މި މަހު 30 އިން އަންނަ މަހު 15 އަށް ސެންޓްރަަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ނުކުތުމުގެ ކުރިން ކުރު ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމުގެ ގޮތުން ގައުމީ ޓީމު މާދަމާ ދުބާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތު ރާއްޖޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ގައުމީ ޓީމަށް ނެތެވެ. އެހެންވެ ގައުމީ ޓީމުގެ ޓްރެއިނިންތައް ކުރިއަށްދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ.
ދުބާއީ ކޭމްޕަށް ގައުމީ ޓީމު ފުރާނީ މާދަމާ ހެދުނު ފްލައިޓުންނެެވެ. އެއީ ތޭވިސް ކުޅުންތެރިންނާ އެކު އެވެ. ސްކޮޑުގެ ދެ ކުޅުންތެރިއަކަށް ވިސާ ލިބުމުގެ ކަންތައްތައް އެއްކޮށް ފުރިހަމަވެފައި ނުވާތީ އެ ކުޅުންތެރިން ޓީމާ އެކު ނުފުރާނެ އެވެ. އެ ކުޅުންތެރިން ޓީމާ ގުޅޭނީ ފަހުންނެވެ.
ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން މީގެ ކުރިން "އަދަދު" އަށް ބުނީ ކޮލިފައިންގެ ކުރިން ދަނޑުމަތީގައި ޕްރެކްޓިސް ކުރަން އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށާއި ހޮޓަލުގެ ބޯލް ރޫމުގައި ފިިޒިކަލް ޓްރެއިނިންނާއި ބޯޅައިގެ ބައެއް ޓްރެއިނިންތައް ކުރިއަށް ގެންގޮސްގެން އެހާ ރަނގަޅު ހާލަތަކަށް ފިޓްނަސް ނުގެންދެވޭނެ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ހާލަތުގައި ކުރިއަށް ދިއުން ނޫން ގޮތެއް ނެތީ. މިއީ ވަރަށް އުނދަގޫ ތައްޔާރީތަކެއް،" ކޫޕްމަން ބުންޏެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ކޭމްޕުކުރިތާ މިހާރު ހަފްތާއެއް ވެފައިވާއިރު، ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އެކި ފަހަރު މަތިން ޕީސީއާރް ޓެސްޓްތަކެއް ކޮށްފަ އެވެ. އެންމެ ފަހުން ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިން ވަނީ އިއްޔެ އިތުރު ޕީސީއާރް ޓެސްޓްތަކެއް ކޮށްފަ އެވެ.
ދުބާއީ އަށް ދިއުމަށް ފަހު ވެސް ޕްރޮޓޮކޯލްގެ ތެރެއިން އިތުރު ޓެސްޓްތަކެއް ހަދާގޮތަށް ހަމަޖެހިފައިވާއިރު، އެންޓިބޮޑީ ޓެސްޓެއް ވެސް ހަދާނެ އެވެ.
ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް އަމިއްލަ ސަބަބުތަކާއި ކޮވިޑް އަށް ޕޮޒިޓިވްވެގެން ވެސް ބައެއް ކުޅުންތެރިން ވަނީ ޓީމާ ވަކިވެފަ އެވެ. ކޮވިޑް އިން ރަނގަޅުވެ ގައުމީ ޓީމާ ގުޅުނު ދެ ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ. ޕޮޒިޓިވްވެގެން ޓީމުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މުހިއްމު ކުޅުންތެރިންތަކެއް ހިމެނެ އެވެ.
މީގެ ކުރިން ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗުތަކަށް ދިއުމުގެ ކުރިން ގައުމުން ބޭރުގައި ކޭމްޕްކޮށްފައި ހުރީ އެންމެ ކުރުކޮށް ވެސް ދެ ހަފްތާއެއްހާ ދުވަހު އެވެ. އެކަމަކު މި ފަަހަރު ދިމާވި ހާލަތުގެ ސަބަބުން އެހާ ދުވަހު ވެސް ކޭމްޕްގައި ހޭދަކުރަން ފުރުސަތު ނުލިބޭނެ އެވެ.
ދުބާއީގައި ގައުމީ ޓީމަށް ޓްރެއިނިން ފުރިހަމަކުރަން ލިބޭނީ އެންމެ ގިނަވެގެން ހައެއް ނޫނީ ފަސް ވަރަކަށް ދުވަހެވެ. ލަސްވެގެން މި މަހު 29 ނޫނީ 30 ވަނަ ދުވަހު ދުބާއީ މަގުން ގައުމީ ޓީމު ޗައިނާ އަށް ދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ކޮލިފައިން މެޗުތަކަށް ސީރިއާ އާއި ފިލިޕީންސް އަދި ރާއްޖެ އިން ޗައިނާ އަށް އެކުގައި ދުބާއީ މަގުން ދިއުމަށެވެ.
ކުރިން ގައުމީ ޓީމުތަކުން ދުބާއީގައި ޓްރެއިނިން ކޭމްޕް ހަމަޖައްސާފައިވަނީ ޔޫއޭއީ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިލޭ އެހީގަ އެވެ. އެކަމަކު މި ފަހަރު ޓްރެއިނިން ކޭމްޕްގެ ހުރިހާ ހަރަދެއް ކުރާނީ އެފްއޭއެމުންނެވެ. ދުބާއީގައި މި ވަގުތު އެކި ގައުމުތަކުގެ ޓީމުތަކުން ޓްރެއިނިން ކޭމްޕްތައް ފުރިހަމަކުރަމުންދާތީ ރާއްޖެ އަށް ފުރުސަތު ލިބުނީ ގިނަ ގޮތްގޮތުން މަސައްކަތް ކުރާތާ ހަފްތާ އަކަށް ވުރެން ގިނަ ދުވަސްވީ ފަހުންނެވެ .
ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ކޭމްޕާއި ކޮލިފައިން އަށް ނެގި ކުޅުންތެރިންގެ ސްކޮޑު
ކީޕަރުން: މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު - ޗެކް (ވެލެންސިއާ)، އަލީ ނާޖިހު - ނާޖީ (ޔުނައިޓެޑް ވިކްޓްރީ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)
ޑިފެންޑަރުން: ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، އަކުރަމް އަބްދުލް ގަނީ - އަކޫ (ވެލެންސިއާ)، އަހުމަދު ނޫމާން - ހެލްމެޓް (އީގަލްސް)، ހުސެއިން ސިފާއު - ކުރޯ (އީގަލްސް)، ހައިޝަމް ހަސަން (އީގަލްސް)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، އަލީ ޝަމާލް އަބްދުﷲ - ޝައްމު (ޔުނައިޓެޑް ވިކްޓްރީ)، އަލީ ޝާމިސް - ތޮއްޕޭ (ޓީސީ ސްޕޯޓްސް ކްލަބް)
މިޑްފީލްޑަރުން: އިމްރާން ނަޝީދު - އިންމަ (އީގަލްސް)، މުހައްމަދު އިރުފާން - އިރޭ (މާޒިޔާ)، އިބްރާހިމް އައިޝަމް (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ހުސެއިން ނިހާން - ނިހާޓް (މާޒިޔާ)، ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ)، އަލީ ފާސިރު - ސެންޓޭ (ވެލެންސިއާ)، މުހައްމަދު ނާއިމް (އީގަލްސް)
ފޯވާޑުން: އަލީ އަޝްފާގު - ދަގަނޑޭ (ވެލެންސިއާ)، އަސަދުﷲ އަބްދުﷲ - އަަސަކޮ (މާޒިޔާ)، އިބްރާހިމް މަހުދީ - ފޭދޫ އިއްބެ (މާޒިޔާ)، އަލީ ހައިޝަމް - ޗުމްޕު (ޔުނައިޓެޑް ވިކްޓްރީ)، ހަސަން ނަޒީމް - ޗޯޓު (ގްރީން ސްޓްރީޓްސް)













