ގައުމީ ޓީމު ފަރިތަކުރަނީ ހޮޓަލުގެ ހޯލުގައި! ދަނޑެއް ނުދިން!

ހޮޓެލް ޖެންގެ ބޯލް ރޫމުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށްދަނީ.

ހޮޓެލް ޖެންގެ ބޯލް ރޫމުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށްދަނީ.

އަންނަ މަހުގެ 13 ދުވަހުގެ ތެރޭ ގައުމީ ފުޓްބޯޅަ ޓީމުން އޭޝިއާގެ ވަރުގަދަ ތިން ޓީމަކާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗު އެ އޮތީ ޝެޑިއުލްކޮށްފަ އެވެ. އާންމު އުސޫލުން ނަމަ ގައުމީ ޓީމުން މިހާރު ކެނޑިނޭޅި އަންނާނީ ދަނޑުގައި އެ މެެޗުތަކަށް ޕްރެކްޓިސް ކުރަމުންނެވެ. ރާއްޖެ އަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ ގައުމީ ޓީމުގެ ތައްޔާރީތަކަށް ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ހުންނާނެ އެވެ.

އެކަމަކު އޭގެ މާނަ އަކީ ވަކިން ކޭމްޕް ކޮށްގެން އޮތް ޓީމަކަށް ދަނޑުމަތީގައި ޕްރެކްޓިހެއް ކޮށްލެވޭނެ ފުރުސަތެއް ނުދީ ތިބި ހޮޓަލުގެ ޖަލްސާ ކުރާ މާލަމެއްގައި ޕްރެކްޓިސްކުރަން ދޫކޮށްލުން ހެއްޔެވެ؟ ބޭނުންނުވި ކަމުގައި ވިޔަސް މިއީ މި ވަގުތު ގައުމީ ފުޓްބޯޅަ ކުޅުންތެރިން އަމިއްލަ އާއިލާއާ ދުރުގައި އަމިއްްލަ ގައުމުގައި ގައުމު ތަމްސީލްކުރަން މެޗުތަކަކަށް ދިއުމުގެ ކުރިން ތައްޔާރުވާން ޖެހިފައި އޮތް ހާލެވެ. ޔަގީނުން ވެސް މީގައި ކޮންމެވެސް އެއް ބައެއްގެ އިހުމާލެއް އެބައޮތެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މީގެ ހަފްތާއެއް ކުރިން ހޮޓަލް ޖެންގައި ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ގައުމީ ޓީމުން ކޭމްޕްކުރި ފަހުން މާލޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ހަދައިދޭން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދުނެވެ. އެކަމަކު އެ ހުއްދަ ނުދޭން ދައްކާ އުޒުރަކީ މި މަހު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތް މައްސަލަ އެވެ.

އެއީ ރާއްޖޭގެ ޓީމަކުން ކުރި ކަމެއް ނޫންކަން އެ އޮތީ ސާފުކޮށް ފެންނާށެވެ. ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތްއިރު، ރާއްޖޭގެ ދެ ކްލަބް ކަމަށްވާ އީގަލްސް އާއި މާޒިޔާ ހޮޓަލުގައި ތިބީ ކޭމްޕްކޮށްގެން ނުނިކުމެ އެވެ. އެއީ ވެސް ދިިވެހި ކުޅުންތެރިން އުސޫލަށް ތަބާވުމުގެ ހެއްކެކެވެ. އެކަމަކު އޭގެ ފައިދާއެއް ގައުމީ ޓީމަކަށް ނުކުރި އެވެ. ގައުމީ ޓީމާ މެދު ވެސް އާދައިގެ ގޮތަކަށް ދެކި އެންމެ ފަހުން ކޮލިފައިން އަށް ފުރަން ކުޑަތަންވީއިރު މި ޖެހުނީ ހަމައެކަނި ހޮޓަލުގައި ޓްރެއިން ކޮށްލައިގެން ފުއްދާލާށެވެ.

ގައުމީ ޓީމު އާންމުކޮށް ޕްރެކްޓިސް ކުރަމުން އަންނަ ގަލޮޅު ދަނޑު އޮންނަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޕްރެކްޓިސް ކުރަން ހުއްދަނުދޭހާ ހިނދަކު އެ ދަނޑެއް ލިބޭކަން ނެތެވެ. ހާލަތު މިހެން އޮތުމުން ހޮޓަލް ބޯލް ރޫމެއްގައި އޮތް ކާޕެޓެއް މަތީގައި ބޯޅަ ހިފައިގެން ޕްރެކްޓިސް ކުރުން ނޫން ގޮތެއް ގައުމީ ޓީމަށް ނެތެވެ.

ގައުމީ ޓީމުގެ ކޯޗު ނެދަލެންސްގެ މާޓިން ކޫޕްމަން ވެސް ވަނީ ތައްޔާރީތައް ކުރިއަށްގެންދަން މި ޖެހޭ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ދެކޭގޮތުގައި "އެހެން ޓީމުތައް ދަނޑުމަތީގައި ފަރިތަކުރާއިރު ރާއްޖެ ހޮޓަލެއްގެ ތެރޭގައި ބަންދުވެފައި ހުރެ ގޮސް ކުޅެން ޖެހުން" އެއީ އިންސާފުވެރި ގޮތެއް ނޫނެވެ. އެކަމަކު އެ ނޫން ގޮތެއް ވެސް ނެތެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ގައުމީ ޓީމުން ހޮޓަލް ޖެންގެ ބޯލް ރޫމުގައި ބާއްވާ ފަރިތަކުރުންތަކުގެ ވީޑިއޯތަކެއް ރޭ ހިއްސާކުރެެއްވި އެވެ.

ބައްސާމް ވިދާޅުވީ ރާއްޖެ އަކީ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާ ހުރިހާ ގައުމުތަކުގެ ތެރެއިން ބޯލް ރޫމެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހިފައިވާ ހަމައެކަނި ޓީމެވެ.

"ކޮންމެ ކުޅުންތެރިއެއް އަދި ކޯޗިން ސްޓާފެއް ވެސް މަސައްކަތް އެ ކުރަނީ ކޮންމެ އުނދަގޫ ހާލަތެއް ކުރިމަތިވި ކަމުގައި ވިޔަސް ގައުމު ފަހުރުވެރިވާނެ ރީތި ނަން ހޯދައިދޭން،" ބައްސާމް ލިޔުއްވާފައިވެ އެވެ.

ހާލަތުގެ ގޮތުން ދިމާވި ކަންތައްތަކަށް ބަލާފައި ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ނުކުޅެ އެވެ. އެންމެ ފަހުން އެފްއޭއެމުން ވެސް މި ހާލަތުގެ ގޮތުން އެކަން ނުކުރުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރި އެވެ. ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި އެކަންކުރަން އެފްއޭއެމުން ބޭނުން ނުވިޔަސް އެކަން ކުރަން ޖެހިފައި ކުރިން އޮތީ ދުރާލާ ރޭވިގެން މުބާރާތް ކުރިއަށް ގެންދަން އެކި އެކި ގޮތްގޮތުން ބޮޑެތި ހަރަދުތަކެއް ކޮށްފައި އޮތުމުންނެވެ.

ގައުމީ ޓީމުން ހޮޓެލް ޖެންގައި ކޭމްޕް ކުރިތާ މިވީ ހަފްތާއެއްހާ ދުވަސް ތެރޭގައި އެކި ފަަހަރު މަތިން ކުޅުންތެރިންގެ ޕީސީއާރް ޓެސްޓްތަކެއް ހަދައި ކުޅުންތެރިންގެ ރައްކާތެރިކަން އަންނަނީ ކަށަވަރުކުރަމުންނެވެ. އެކަަމަކު އެ ވަރުން ވެސް ދަނޑެއްގައި ޕްރެކްޓިސް ކޮށްލަން ވެސް ހުއްދައެއް ލިބޭ ވަރެއްނުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާއިލާ އާއި އަނބިދަރިން ދޫކޮށްފައި ގައުމީ ކަމެއްގައި ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަމުން އަންނަ ގުރުބާނީ އަށް ތައުރީފު ހައްގު ކަމަށާއި އަމިއްލަ ހައިސިއްޔަތުން ވެސް އެކަން ފާހަގަކުރާ ކަމަށެވެ.

"ބިދޭސީ ޓީމަކުން ގަވާއިދުތަކާއި އުސޫލުތަކަށް ބޯނުލެނބުމުން ގައުމީ ޓީމު މި އުނދަގޫ ތެރޭގައި ކަންތައްތައް ތަހައްމަލުކުރުން އެއީ ރަނގަޅު ގޮތެއް ނޫން. މި ޓީމު މި އޮތީ ދެ ހަފްތާއެއްހާ ދުވަސް ތެރޭ އޭޝިއާގެ ބޮޑެތި ޓީމުތަކާ ކުޅެން ޖެހިފައި،" ޖަވާ ވިދާޅުވި އެވެ.

"މި ވާހަކަ މި ދައްކަނީ ހާލަތުގެ ސީރިއަސްކަން ކުޑަކަން ދެއްކުމުގެ ވިސްނުމުގައެއް ނޫން. އެކަމަކު އަވައްޓެރި ގައުމުތަކުން ކޮވިޑް-19ގެ ނުރައްކާތެރި ރާޅުތަކުގެ ތެރޭގައި ވެސް ޓީމުތަކުން ގައުމީ ވާޖިބު އަދާކުރަން ޖެހޭ ކަންކަމުގައި ގޮތްތަކެއް ހޯދައިދީފި. ރާއްޖޭގައި އެކަން ނުކުރެވި އޮތުމަކީ ލަދުވެތި ކަމެއް،"

ރާއްޖެ މި ހިމެނޭ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު ނޭޕާލާއި ބަންގްލަދޭޝް އަދި އިންޑިއާގެ ގައުމީ ޓީމުތައް އަންނަނީ ގަވާއިދުން ޕްރެކްޓިސް ކުރަމުންނެވެ. ސިއްހީ ރައްކާތެރި ގައިޑްލައިންތަކެއްގެ ދަށުންނެވެ. އެއީ ގައުމީ ޒިންމާ އަދާކުރަން އެ ކުުޅުންތެރިން ކުރަން ޖެހޭ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެއީ ފުޓްބޯޅަ އަށް ކަމާބެހޭ އިދާރާތަކުން ދެކޭ ގޮތް ސީރިއަސްވުމެވެ.

އެ ގައުމުތަކުގައި ވެސް ކޮވިޑްގެ ހާލަތު ރަނގަޅެއް ނޫނެވެ. ޕޮޒިޓިވްވާ އަދަދު ވެސް ގިނަ އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ވެސް މުހިއްމުވާތީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާލަތަށް ވިސްނައި ޕްރެކްޓިސް ކުރުމަށް ގޮތްތަކެއް ހޯދައިދިނީ އެވެ. ދިވެހި ގައުމީ ޓީމަށް އެ ގޮތެއް ވެސް ނެތެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ގައުމީ ޓީމުން ސިނަމާލެ ބްރިޖުން އައީ ސަރަހައްދުގެ ރަން ތަށި ހިފައިގެންނެވެ. އޭރު އެތައް ސަތޭކަ ބައެއް އެ ކުޅުންތެރިންނަށް މަރުހަބާ ކިޔަން ރާޅުގަނޑު ސަރަހައްދުގައި ބްރިޖްގެ ކައިރީގައި އެއްވެ އޮތެވެ. ދިހަ އަހަރު ފަހުން ރާއްޖެ އަށް 2018 ވަަނަ އަހަރު ސާފް އިން ޗެމްޕިއަންކަން ހޯދައިދިން އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ވެސް ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެ އެވެ.

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހަމަ އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ސިނަމާލެ ބްރިޖު ހުރަސްކޮށް ގައުމު ދޫކޮށްފައި ފުރައިގެންދާނީ އެންމެ ކުޑަ މިނުން އަމިއްލަ ފަސްގަނޑުގައި ރަނގަޅު ޕްރެކްޓިސްތަކެއް ވެސް ނުކުރެވި އެވެ.

އޭޝިއާގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް އެ ކުޅުންތެރިން ނެރޭ ނަތީޖާ ރަނގަޅުނަމަ އުފާކުރާނެ މީހުން ވެސް ތިބީ މި ރާއްޖޭގަ އެެވެ. އަދި އެ ކުޅުންތެރިން އަވަދިނެތި ދަނޑުމަތީގައި މަސައްކަތް ކުރިޔަސް ހާލަތުގެ ގޮތުން ގޯސް ނަތީޖާއެއް ނުކުމެއްޖެނަމަ އާންމުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކާ ކުރިމަތިލާނީ ވެސް ހަމަ އެ ކުޅުންތެރިންނެވެ. އެކަމަކު އެ ކުޅުންތެރިންނާ މެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ނޫންކަން އަދި އިހުމާލުވެވިފައި އޮތްކަން ފެންނަން ހުރި މަންޒަރުންތަކުން ހަމަ ސާފެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox