އަންހެނުން ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ދިޔަ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ހެދި ޕީސީއާރް ޓެސްޓް ނެގެޓިވްވުމުން މާދަމާ އޭނާ ހޮޓެލް ޖެންގައި ތިބި ގައުމީ ޓީމުގެ ކޭމްޕާ ގުޅޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ މެޗުތަކަށް އެ ގައުމަށް ފުރުމުގެ ކުރިން ގައުމީ ޓީމު މީގެ ފަސް ދުވަސް ކުރިން ހޮޓެލް ޖެންގައި ކޭމްޕްކުރި އެވެ. އޭރު ޓީމާ އެކު ކޭމްޕްކުރި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ، 35، ވެސް ހިމެނެ އެވެ. އެކަމަކު ދަގަނޑޭ އަންހެނުން ޕޮޒިޓިވްކަން އެނގުމުން އައިސޮލޭޝަނަށް ގޮސް ޓެސްޓެއް ކުރަން ޖެހުނީ އެވެ.
ކްލަބް ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން މި ސީޒަނުގައި ކުޅެމުން އަންނަ ދަގަނޑޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ފަސް ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ދަގަނޑޭ ފިޓްނަސް ހިފަހައްޓަން މި ފަހުން އަމިއްލަ އަށް އިސްނަގައިގެން ކުރި މަސައްކަތަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ތައުރީފުކޮށްފަ އެވެ.
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކޮލިފައިންގައި ކުޅޭނެ ކުޅުންތެރިންގެ ލިސްޓެއް ފައިނަލްކުރެވޭނީ މުޅި ސްކޮޑު އެއްކޮށް ކުރެވޭ ފައިނަލް ކޮވިޑް ޓެސްޓްތަކަށް ފަހު އެވެ.
މާލޭގައި ކޭމްޕްކުރަން އެފްއޭއެމުން ނިންމި އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިންގެ ސިއްހީ ސަލާމަތީ ކަންތައްތަކަށް ބަލައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް މި ކޮޅުގައި ނެތް ކަމުގައި ވިޔަސް ކޮލިފައިން އަށް ދާންވާއިރަށް ކޮންމެވެސް ގޮތަކުން ތައްޔާރުވުމަށެވެ. އެގޮތުން ގައުމީ ޓީމަށް ހަމަޖެއްސި އާ ފިޓްނަސް ކޯޗު ނެދަލެންޑްސްގެ ގާހާޑް ވާމިންކްގެ ބެލުމުގެ ދަށުން ހޮޓެލް ޖެންގައި ކުޅުންތެރިންގެ ފިޒިކަލް ގިނަ ސެޝަންތަކެއް އަންނަނީ ނަގަމުންނެވެ.
އެފްއޭއެމުން އަންނަނީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑަކާ އެކު ދުބާއީ އަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާތީ މާލޭގައި ގައުމީ ޓީމަށް ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން އެފްއޭއެމްގެ ވިސްނުމަކީ ޗައިނާ އަށް ދިއުމުގެ ކުރިން 10 ދުވަސް ދުބާއީގައި ކޭމްޕް ކުރުމެވެ.
ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ ކޮލިފައިން އަށް ތައްޔާރުވާން ޖެހިފައި މިވަނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށް ބުނެފަ އެވެ.
ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.













