ހަތްދިހަ ބުރިއަށް ވުރެ އުސްކޮށް ހަދާފައިވާ ޗައިނާގެ ޓަވަރެއް ކުއްލިއަކަށް ގުޑަން ފެށުމުން ބިރުވެރިކަން އުފެދި އިމާރާތުން މީހުން ހުސްކޮށްފި އެވެ.
އެ ހާދިސާ ހިނގީ ދެކުނު ޝެންޒެން ސިޓީގެ ސެގް ޕްލާޒާ ޓަވަރު ގަ އެވެ. ގާތްގަނޑަކަށް 980 ފޫޓުގެ އެ ޓަވަރު ގުޑަން ދިމާވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ.
އެކަން ހިނގި ވަގުތު އެއްވެސް ބިންހެލުމެއް ވެސް ރިކޯޑުކޮށްފައެއް ނުވެ އެވެ. ތަހުގީގީ އިދާރާތަކުން މިހާރު ވަނީ މައްސަލަ ބަލަން ފަށާފަ އެވެ.

މީގެ 20 އަހަރު ކުރިން ހެދި އެ ޓަވަރުގައި ހުންނަނީ އިލެކްޓްރޯނިކްސް ވިއްކާ ފިހާރަތަކާއި ބައެއް އޮފީސްތަކެވެ. ޓަވަރު ހުންނަނީ 12 މިލިއަން މީހުން ދިރިއުޅޭ ޝެންޒެން ސިޓީގެ މެދު ތެރޭ ގަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ޓަވަރުން މީހުން ހުސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ތަނާ ދުރަށް ދެވޭތޯ ގިނަ ބަޔަކު ދުވާ މަންޒަރެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ ޓަވަރު ގުޑިކަމުގެ ރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ލިބުނީ ޗައިނާ ގަޑިން މެންދުރު 12:31 ގައި ޓަވަރުގެ މުވައްޒަފުން އެންގުމުން ކަމަށެވެ.
މެންދުރު 02:00 ޖެހުމުގެ ކުރިން އިމާރާތުން މީހުން ހުސްކުރި އެވެ. މިހާތަނަށް ބެލި ބެލުމުން ޓަވަރުގައި ރެނދެއް ހުރި ކަމަށް ފާހަގަވެފައެއް ނުވެ އެވެ. އެހެންކަމުން އިތުރު ތަހުގީގުތައް ދަނީ ކުރަމުންނެވެ.
ސެގް ޕްލާޒާއަކީ ޗައިނާގެ 104 ވަނަ އަށް އެންމެ އުސް ޓަވަރެވެ. އަދި އެއީ ދުނިޔޭގައި 212 ވަނަ އަށް އެންމެ އުސް ޓަވަރެވެ.










