ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ވާހަކަ ދައްކާއިރު، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން ދިން ހަމަލާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ތަމްސީލްކުރާ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ އިތުރުން އެ ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
އެ ބަހުސްގައި ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން ފަރެސްމާތޮޑަ ދާއިރާގެ އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަލާމަތީ ބާރުތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން އެ މުއައްސަސާތައް ފެއިލްވެފައިވާ ކަން އެނގޭ ކަމަށެވެ.
މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗު ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ އޭރު އެމްޑީޕީގެ އިސް ފަރާތްތައް ސިޔާސީ ކުރި ކުރުން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާ މި ސަރުކާރުން ޑީލް ހަދައިގެން ކޮށްފައިވާ ހުކުމްތައް މުރާޖައާ ކުރަން ނިންމި ނިންމުމަކީ ރައީސް ޔާމީނަށް ވެސް ރައީސް ނަޝީދަށް ވެސް އިންސާފު ނުލިބޭނެކަން ދައްކުވައިދޭ ދަލީލެއް،" ހުސެއިން ވިދާޅުވި އެވެ.
އެ ބަހުސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ލާއިންސާނީ އަމަލު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެކަން ރަނގަޅަށް ތަހުގީގު ކުރެވި، އަޑީގައި ތިބި ބަޔަކު ހޯދަންޖެހޭ ކަމަށް ޝިޔާމް ވެސް ވިދާޅުވި އެވެ.
"މިއީ ސިޔާސީ ކަމެއް ނޫން. މިއީ ގައުމީ ކަމެއް. މިއީ ރައީސް ނަޝީދަށް ދެވުނު ހަމަލާއެއް ނޫން. މިއީ އިންސާނިއްޔަތަށް ދެވުނު ހަމަލާއެއް. މި ގައުމަށް ދެވުނު ހަމަލާއެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ދައްކާއިރު 2015 ވަނަ އަހަރު ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަދި އެ ހާދިސާއާ ގުޅުވައި އޭރު އެމްޑީޕީގެ އިސް ފަރާތްތަކުން ދެއްކި ވާހަކަތަކަށް ޝިޔާމް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ނައިފަރު ޝިޔާމް ގޮއްވާލަންވީމާ އެއީ ކުނި ބިސް ބޮމަކަށް ވެފަ، ރައީސް ނަޝީދު މަރާލަން ގޮއްވާލާ ބޮމަކީ ވަރުގަދަ އައިއީޑީއަކަށްވާ ގޮތަށް ވިސްނުން ގެންގުޅުމަކީ ބަލި ވިސްނުމެއް،" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހާއްސަކޮށް އެމްއެންޑީއެފުން އަމަލުކޮށްފައިވާ ގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދިނުމަށް ޝިޔާމް ގޮވާލެއްވި އެވެ.
އަދި މާރިޔާގެ ބައިވެރިވުމާ އެކު މިއީ އެތެރޭން ރޭވިގެން އައި ކަމެއް ކަމަށް ރައީސް ނަޝީދުގެ ދަރިކަނބަލުން ކުރެއްވި ތުހުމަތަށް އިޝާރާތް ކުރައްވައި، ޝިޔާމް ގޮވާލެއްވީ އެކަންކަން ރަނގަޅަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.
އޭގެ އިތުރުން، ރައީސް ޔާމީން އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބި މީހުން ދޫކޮށްލެވިފައިވާއިރު، ރާއްޖޭން ޓެރަރިޒަމް ނައްތާލުމުގެ ތެދު ނިޔަތް މި ސަރުކާރުގެ އެބައޮތްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވި އެވެ.
ސެމްޓެމްބަރު 2015 ގައި ރައީސް ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސައުދީ އަރަބިއްޔާ އިން އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލް ކޮށްފަ އެވެ.











