ޓިއުރިން (މެއި 15) - އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ މިލާން އަތުން މިރޭ 3-2 އިން މޮޅުވެ ޔުވެންޓަސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އިންޓަ އެއް ވަނައިގައި އޮތީ 37 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 37 މެޗުން 78 ޕޮއިންޓް ހޯދާފައިވާ އެޓަލަންޓާ އެވެ. އެޓަލަންޓާ އިން މިރޭ ވަނީ ޖެނޯއާ ދަނޑުގައި 4-3 އިން މޮޅުވެފަ އެވެ. ތިން ވަަނައިގައި އޮތީ 36 މެޗުން 75 ޕޮއިންޓާ އެކު އޭސީ މިލާން އެވެ. ޔުވެންޓަސް ހަތަރަކަށް އެރީ 37 މެޗުން 75 ޕޮއިންޓް ހަަމަކޮށްގެންނެވެ. މިލާން ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.
ފަސް ވަނައިގައި އޮތީ ނަޕޯލީ އެވެ. އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. މާދަމާރޭ ފިއޮރެންޓީނާ ބަލިކޮށްގެން ނަޕޯލީ އަށް އަލުން ހަތަރަކަށް އެރޭނެ އެވެ. އޭރުން މި ފަހަރު ލީގުގެ ގަދަ ހަތަރެއްގައި ނިންމައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ޔުވެންޓަސް އިން ޖެހޭނީ ފަހު މެޗަށް އިންތިޒާރުކުރާށެވެ. ގަދަ ހަތަރެއްގައި ނިންމަން ޔުވެންޓަސްގެ އަމިއްލަ ބާރެއް ނެތެވެ. ފަހު މެޗުގައި ޔުވެންޓަސް ކުޅޭނީ ބޮލޯނިއާއާ ދެކޮޅަށެވެ.
ޔުވެންޓަސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ލީޑުނަގައިދިނެވެ. މިއީ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީއެއް އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ޖެހި ގޯލެކެވެ. އޭގެ 11 މިނިޓް ފަހުން ޕެނަލްޓީ އަކުން އިންޓަ އަށް އެއްވަރުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮލަމްބިއާގެ ވިންގް ހުއާން ކުއަޑްރާޑޯ ވަނީ ޔުވެންޓަސް އަށް އަލުން ލީޑުނަގައިދީފަ އެވެ. އޭނާ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ޔުވެންޓަސްގެ އުރުގުއޭ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. ޔުވެންޓަސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިންޓަ އިން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގަ އެވެ. މިއީ ޔުވެންޓަސްގެ ޖިއޮޖިއޯ ކިއެލީނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔުވެންޓަސް މޮޅުވި ގޯލަކީ މެޗުގެ 88 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކުއަޑްރާޑޯ ޖެހި ގޯލެކެވެ. މިއީ ކުއަޑްރާޑޯ އަށް އިންޓަގެ އިވާން ޕެރިސިޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އިތުރު ވަގުތުގައި އިންޓަގެ މާސެލޯ ބްރޮޒޮވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އިންޓަ ވެސް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މިރޭގެ މެޗުގެ ވިހި މިނިޓަށް ޔުވެންޓަސް އިން ވަނީ ރޮނާލްޑޯގެ ބަދަލުގައި އަލްވާރޯ މޮރާޓާ ކުޅެން އަރުވައިފަ އެވެ. އެ ނިންމުމާ މެދު ރޮނާލްޑޯ ހިތްހަމަނުޖެހުނުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މެޗެއްގައި ބަދަލުކޮށްގެން ރޮނާލްޑޯ އެންމެ އުފަލުން ހުއްޓައި ފެނުނީ މި މެޗުގައި ކަމަށެވެ. މިއީ ގަދަ ހަތަރެއްގައި އޮވެގެން ލީގު ނިންމަން ބަލާއިރު ވަރަށް މުހިއްމު މޮޅެއް ކަމަށް ޕިރްލޯ ބުންޏެވެ.












