ލަންޑަން (މެއި 15) - އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިރޭ 1-0 އިން ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕް ފައިނަލެއްގައި ކުުޅުނީ 1969 ވަނަ އަހަރު އެވެ. އެހެންކަމުން މިއީ 52 އަަހަރު ތެރޭ އެ ޓީމުން އެފްއޭ ކަޕް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ތަށި އުފުލާލުމާ އެކު އެ ކްލަބްގެ ތާރީހުގައި އާ ސޮފުހާއެއް ލިޔެވުނީ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީ ބަލިވީ އާސެނަލް އަތުން 2-1 އިންނެވެ. މިރޭ ލެސްޓާ އަތުން ފައިނަލުގައި ބަލިވިއިރު، ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ދައްކަމުން އައި މޮޅު ކުޅުން މި މެޗުގައި ނުދެއްކުނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކޮންމެ ޓީމެއްގެ 6000 އެއްހާ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިރޭގެ ފައިނަލުގައި ލެސްޓާ އިން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ އޮފްސައިޑް މަޅިން ސަލާމަތްވެ ލެސްޓާގެ ޖޭމީ ވާޑީ އަށް ލިބުނު ދެ ބޯޅައިގެ ބޭނުން ރަނގަޅަށް ނުހިފުނެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ މޭސަން މައުންޓާއި ޓިމޯ ވާނާ ޖެހި ބޯޅަތައް ދިޔައީ ބޭރުންނެވެ.
ލެސްޓާ އަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން ޓިއެލެމަންސް ޖެހި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތް މަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ޓިއެލެމަންސް އަށް ލިބުމުގެ ކުރިން ލެސްޓާގެ އަޔޯޒީ ޕެރޭޒް އަތުގައި ޖެހުނު ކަމަށް ޗެލްސީން އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ މައިކަލް އޮލިވާ ނިންމީ ގޯލު ބަލައިގަންނާށެވެ.

ލަނޑު ޖެހުމަށް ފަހު ޓިއެލެމަންސް އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް
ބަދަލުތަކެއް ގެނެސްގެން ޗެލްސީން ލެސްޓާ ގޯލަށް ނުރައްކާކުރި އެވެ. އެ ގޮތުން ޗެލްސީގެ ވާތު ބެކް އަދި ކުރިން ލެސްޓާ އަށް ކުޅުނު ބެން ޗިލްވެލް ބޮލުން ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މައުންޓް އޭރިއާތެރެއިން ޖެހި ބޯޅައެއް ވެސް ޝްމައިކަލް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ޗެލްސީން ގޯލެއް ޖެހި އެވެ. މިއީ ލެސްޓާގެ ވެސް މޯގަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީން މި ގޯލަށް ފަހު ވަރަށް ބޮޑަށް އުފާފާޅުކުރި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ. ޗެލްސީގެ ތިއާގޯ ސިލްވާ މަތިން ފޮނުވާލި ބޯޅަ ޗިލްވެލް އަށް ލިބުނުއިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ގޯލު ބަލައިނުގަތެވެ.
މެޗު ނިމުމާ އެކު ލެސްޓާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މިއީ 2019 ވަނަ އަހަރު ކުރީކޮޅު ލެސްޓާއާ ހަވާލުވި ބްރެންޑަން ރޮޖާސް އިނގިރޭސި ފުޓްބޯޅައިގައި ހޯދި ފުރަތަމަ ތަށްޓެވެ. އޭނާ މީގެ ކުރިން ކޯޗިން ކެރިއަރުގައި ތަށި ހޯދީ ސްކޮޓްލެންޑްގެ ސެލްޓިކާ ހަވާލުވެ ހުރިއިރު އެވެ.

ލެސްޓާގެ ކުޅުންތެރިން ރޮޖާސް އުފުލާލައިގެން.-- ފޮޓޯ: އޭއެފްޕީ
ރޮޖާސް ބުނީ މިއީ މި ކުޅުންތެރިން މިދިޔަ ދެ އަހަރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި ލެސްޓާ ކުރިއަށް ދިއުމަށް މި ކޮށުނީ މަގެއް ކަމަށެވެ.
"ވަރަށް އުފަލުން މިހުރީ. އަހަރެން ލެސްޓާ އަށް އައިއިރަކު ނޭނގޭ މި ކްލަބަށް ދުވަހަކު ވެސް އެފްއޭ ކަޕް ނުލިބޭ ކަމެއް. ދެން އެނގުނީ މި މުބާރާތުގެ ފައިނަލުން ހަތަރު ފަހަރު މީގެ ކުރިން ބަލިވެފައި އޮތްކަން. މިއަދު އެކަން ބަދަލުކޮށްދެވުމުން ވަރަށް ހިތްހަމަޖެހިއްޖެ. މިއީ ސަޕޯޓަރުންނާއި ކްލަބްގެ ވެރިންނަށް ދިން ހަދިޔާއެއް،" ކުރިން ލިވަޕޫލާއި ސްވަންސީ ސިޓީ އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ރޮޖާސް ބުންޏެވެ.
ލެސްޓާ އިން މީގެ ކުރިން ހޯދި ބޮޑު ކާމިޔާބީ އަކީ 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގެވެ. އެފްއޭ ކަޕްގެ ކާމިޔާބީއާ އެކު ލެސްޓާ އަށް ޔަގީނުން ވެސް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ. އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާށެވެ.
ލެސްޓާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތްއިރު، ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޗެލްސީއާ ބައްދަލުކުރާނީ އެ ޓީމުގެ ދަނޑުގަ އެވެ. ޗެލްސީ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.












