ގާޒާގައި ބައިނަލްއަގްވާމީ މީޑިއާތަކުން ގާއިމްވެ ތިބޭ އިމާރާތަކަށް އިޒްރޭލުން މިސައިލް ހަމަލާ ދީ ބިމާ ހަމަކޮށްލައިފި އެވެ.
މި ހަމަލާގައި މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ. އަލް ޖަޒީރާގެ އިތުރުން އެސޯސިއޭޓެޑް ޕްރެސް އާއި އިތުރު އެހެން ބައެއް އޮފީސްތައް ވެސް ހިންގަނީ އެ އިމާރާތު ގަ އެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ބައެއް އެޕާޓްމަންޓުތައް ވެސް އެ އިމާރާތުގައި ހުރެ އެވެ.
އެގާރަ ބުރީގެ އަލް ޖަލާ އިމާރާތަށް މިސައިލް ހަމަލާ ދިނުމުގެ އެއް ގަޑިއިރު ކުރިން އިޒްރޭލު އަސްކަރިއްޔާއިން ވަނީ އެތަނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަލް ޖަޒީރާ އާއި އޭޕީގެ ސާމާނު އިމާރާތުން ނެރުމަށް އިތުރު އެއްވެސް ވަގުތެއް ދީފައެއް ނުވެ އެވެ. ނަމަވެސް ބައެއް ނޫސްވެރިން ވަނީ ލިބުނު ވަގުތުކޮޅުގައި ވީހާވެސް ގިނަ ސާމާނެއް އިމާރާތުން ބޭރަށް ނެރި، ރައްކާތެރި ކުރެވޭތޯ މަސައްކަތް ކޮށްފަ އެވެ.
އިޒްރޭލުން އެ އިމާރާތަށް ހަމަލާ ދިނީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. މިގޮތަށް ގިނަ އަދަދެއްގެ އިމާރާތްތަކަށް ދަނީ ހަމަލާދެމުންނެވެ.
މިއަދު އިޒްރޭލުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ޝާތީ ރެފިއުޖީ ކޭމްޕުގައި އާއިލާއަކުން ދިރިއުޅޭ ތިން ބުރީގެ ގެޔެއް ހިމެނެ އެވެ. އެ ހަމަލާގައި އެ އާއިލާގެ އަށް ކުދިންނާއި ދެ އަންހެނުން މަރުވި އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ދާތީ މިހާތަނަށް 140 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 22 އަންހެނުންނާއި 40 ކުދިން ހިމެނެ އެވެ.
ރައްދުގައި ހަމާސްއިން އިޒްރޭލަށް ފޮނުވަމުންދާ ރޮކެޓު ހަމަލާތަކުގައި ނުވަ މީހުން ވަނީ މަރުވެފަ އެވެ.










