ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދައަރައި ގެއްލުން ލިބިގެން ރިޕޯޓް ކުރަމުންދާ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓޯ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އުދައަރަމުން ދާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ ހިމެނެ އެވެ.
އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، އުމަރު ފިކްރީ، "އަދަދު"އަށް ވިދާޅުވީ އެ ރަށްރަށަށް ވަރަށް ބޮޑަށް އުދައަރަމުން ދާތީ ގޭގެއަށް ކުރާ އަސަރު ކުޑަކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ސިފައިންނާއި ފުލުހުން ވެލި ބަސްތާތައް ޖަހަމުން އަންނަ ކަމަށެވެ. ބައެއް ގޭގެއަށް ގެއްލުން ވެގެން ރިޕޯޓް ކުރި ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އުދައެރުމުގެ އިތުރުން ވައިގަދަ ވުމުގެ ސަބަބުން ގަސްތައް ވެއްޓުމާއި ގޭގޭ ފުރާޅުތަކަށް ވެސް ދަނީ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅުއެއްލާލުމުން އެކަން ސިފައިންނާއި ފުލުހުންނާ ގުޅިގެން ހައްލު ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ 176 ގެއަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އަދި އެ ދުވަހު ކުރި ވިއްސާރައިގައި ފުވައްމުލަކުގެ 270 ގެއަކަށް ވަނީ ފެންވަދެ ގެއްލުންތައް ވެފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާ ދުވަސްވަރެކެވެ. މިދުވަސްވަރު ބާރުގަދަ ވަޔާއެކު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު ރާއްޖޭގެ އުތުރުގައި ބާރުގަދަ ކޮޅިގަނޑެއް ވަނީ އުފެދިފަ އެވެ.
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މިއަދު 5:15އާ ހަމައަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މާދަމާގެ ހެނދުނު 10 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
މެޓުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުނެ އެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށް މެޓުން ބުނާއިރުގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި އަށް ފޫޓުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ބުނެ އެވެ.













