ޓިއުރިން (މެއި 12) - އިޓާލިއަން ލީގުގައި މިރޭ 3-1 އިން ސަސުއޯލޯ އަތުން މޮޅުވި މެޗުގައި ޖެހި ގޯލާ އެކު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް 100 ގޯލު ހަމަަކޮށްދިންއިރު، ރަނގަޅު ފޯމެއްގައި އޮތް އޭސީ މިލާނުން 7-0 އިން ޓޮރީނޯ ބަލިކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްގެން އޮތް އިންޓަ މިލާނުން ވަނީ މިރޭ 3-1 އިން ރޯމާ ބަލިކޮށްފަ އެވެ. އިންޓަ އަށް 36 މެޗުން ލިބިފައިވަނީ 88 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ މިރޭ ބެނެވެންޓޯ އަތުން 2-0 އިން މޮޅުވި އެޓަލަންޓާ އަށެވެ. އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް މިލާނަށް 36 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.
ހަތަރެއްގައި އޮތީ ރޭ އުދިނޭޒީ އަތުން 5-1 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އަށް ވަނީ 36 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ.
މެޗުގެ 16 ވަނަ މިނިޓްގައި ސަސުއޯލޯގެ ޑޮމެނިކޯ ބެރާޑީ ފޮނުވާލި ޕެނަލްޓީ ޔުވެންޓަސްގެ އަބަދަށްފެހި ކީޕަރު ޖިއަންލުއީޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ފެޑެރީީކޯ ޗިއޭސާ ދިން ބޯޅައަކުން އޭޑްރިއަން ރަބިއޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ޔުވެންޓަސް އަށް ލީޑުފުޅާކޮށްދިނެވެ.
މި ގޯލާ އެކު ރޮނާލްޑޯ ވެފައިވަނީ ގައުމީ ޓީމަށާއި ތަފާތު ތިން ކްލަބަށް 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ ވަނީ ރެއާލަށް 450 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ އެންމެ ފުރަތަމަ ވިދާލި ޔުނައިޓެޑަށް 118 ގޯލު ކާމިޔާބުކޮށްދިނެވެ. ރޮނާލްޑޯ އަކީ ޔުވެންޓަސް ތާރީހުގައި އެ ޓީމަށް އެންމެ އަވަހަށް 100 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ. އޭނާ އެ އަދަދަށް ގޯލު ޖެހީ 131 މެޗުންނެވެ.
ދެ ވަނަ ހާފުގައި ސަސުއޯލޯގެ ޖިއަކޯމޯ ރަސްޕަޑޯރީ އެ ޓީމަށް ގޯލެއް ޖަހައިދިނެވެ. އެކަމަކު ޕައޮލޯ ޑިބާލާ ވަނީ ޔުވެންޓަސް އަށް ތިން ވަނަ ގޯލެއް ޖަހައިދީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

މިލާންގެ ރެބިޗް މިރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ: އޭނާ ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި.
ޓޮރީނޯ ދަނޑުގައި މިލާނުން ޖެހި ހަތް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ކްރޮއޭޝިއާގެ ފޯވާޑް އަންޓޭ ރެބިޗް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިލާނުގެ އަނެއް ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ ފުލްބެކް ތިއޯ ހެނާންޑޭޒް އެވެ. ދެން ގޯލުތައް ޖެހީ ޕެނަލްޓީ އަކުން ފްރޭންކް ކެސިއޭ އާއި ބްރާހިމް ޑިއާޒް އެވެ.
ޗެމްޕިއަންކަން ލިބުމުން ހާއްސަ ޖޯޒީއެއްގައި ކުޅުނު އިންޓަ އިން ވަނީ މިރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ މާސެލޯ ބްރޮޒޮވިޗާއި މަޓިއަން ވެސީނޯ އެވެ. ހެންރިކް މިކިތާރްޔަން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އަށް ލަނޑެއް ޖަހައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން މިލާންގެ ފަހު ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ.
މި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިންޓަގެ އަލެކްސިސް ސަންޗޭޒް ވަނީ ބަދަލުކޮށްފަ އެވެ.












