އިޒްރޭލުގެ މެދު ތެރޭގައި އޮންނަ ލޮދް ސިޓީގައި އަރަބި ނަސްލަށް ނިސްބަތްވާ އިޒްރޭލު މީހުންގެ މުޒާހަރާއެއް ހަމަނުޖެހުމަށް ބަދަލުވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުން އުފެދި ކާރުތަކުގައި ހުޅު ޖަހާ، 12 މީހުންނަށް އަނިޔާވި އެވެ. އެ ތަނުގެ މޭޔަރު ހަމަނުޖެހުން ސިފަކުރެއްވީ ދާހިލީ ހަނގުރާމައެއްގެ ގޮތުގަ އެވެ.
ލޮދް ސިޓީގައި ހަމަނުޖެހުން އުފެދި ކުއްލި ހާލަތު އިއުލާނު ކުރިއިރު، އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. އަދި ރައްދުގައި ހަމާސްއިން ދަނީ ރޮކެޓު ހަމަލާތައް ފޮނުވަމުންނެވެ.

ތެލް އަވީވް ކައިރީގައިވާ ލޮދް ސިޓީގައި މުޒާހަރާތައް ފެށީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަރަބި ނަސްލަށް ނިސްބަތްވާ އިޒްރޭލު ރައްޔިތުންގެ އެ މުޒާހަރާގައި ފުލުހުންނަށް ހަމަލާ ދޭން ފެށި އެވެ. ރައްދުގައި ފުލުހުން ސްޓަން ގްރެނޭޑް ބޭނުން ކުރި އެވެ.
އޭގެ ކުރިން ލޮދް ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ފިރިހެނަކު މަރުވި އެވެ. ބެލެވޭ ގޮތުގައި މުޒާހަރާގެ ބައިވެރިން ބޮޑަށް ރުޅިގަދަވީ އޭނާގެ މަރާ ގުޅިގެންނެވެ.

ހަމަނުޖެހުމުގައި މަރުވި މީހާގެ ޖަނާޒާ.-- ފޮޓޯ: ގެޓީ އިމޭޖަޒް
ރުޅިގަދަވެފައި ތިބި މީހުން ވަނީ ޔަހޫދީން އަޅުކަން ކުރާ ސައިނަގޯގްތަކާއި ވިޔަފާރިތަކުގައި ހުޅު ޖަހާފަ އެވެ. އެކަމާ ހިތްހަމަނުޖެހި ޔަހޫދީން ވެސް މަގުތަކަށް ނިކުމެ އަރަބި އިޒްރޭލު މީހުންގެ ކާރުތައް ހަލާކު ކުރި އެވެ.
ދަންވާ ވަރަކަށް ހަމަނުޖެހުން އިތުރު ވާތީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ ލޮދް ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށެވެ.
އެ ތަނަށް ވަޑައިގެންނެވި ނަތަންޔާހޫ ވަނީ ސުލްހަ ގާއިމް ނުވާ ނަމަ ކާފިއު ހިންގަވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ހުޅަނގު އައްސޭރީގައި ތިބި އިޒްރޭލުގެ ބޯޑަރު ފުލުހުން ވަނީ އެ ސިޓީގެ ސުލްހަ ބެލެހެއްޓުމަށް ގެނެސްފަ އެވެ.
ލޮދްގެ އިތުރުން އަރަބިން ގިނައިން ދިރިއުޅޭ އިޒްރޭލުގެ އެހެން ސިޓީތަކުގައި ވެސް އަންނަނީ ދޭތެރަކުން ހަމަނުޖެހުން ހިނގަމުންނެވެ. އޭގެ އިތުރުން އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގަ ވެސް ހަމަނުޖެހުން އެބަ ހިނގަ އެވެ.
ޓައިމްސް އޮފް އިޒްރޭލް ނޫހުން ބުނީ މިއީ 1966 ވަނަ އަހަރަށް ފަހު އިޒްރޭލުގެ ތެރޭގައި ދިރިއުޅޭ އަރަބިން ގިނަ ހިސާބުތަކުގައި ކުއްލި ނުރައްކާ އިއުލާނު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށީ އިރުމަތީ ގުދުސްގައި ހަމަނުޖެހުންތައް ހިނގަމުން ދަނިކޮށެވެ. އެ ތަނުގައި ހަމަނުޖެހުން ބޮޑުވެފައި ވަނީ ފަލަސްތީނު މީހުން ގެތަކުން ނެރުމަށް އިޒްރޭލުން މަސައްކަތް ކުރާތީ އެވެ.










