ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.
އައްޑޫގައި ޕައިލެޓްކަން ކިޔަވާ ކުދިން ނިމޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި ނުނިމި އެތައް މަހެއް ދިގުލައިގެން ދާ މައްސަލަ ފެންމަތިވެފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ބޮޑެތި ލޯންތައް ނަގައިގެން ކިޔަވާ އެ ދަރިވަރުންނަށް ފްލައިޓް ދުއްވުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭތީ ކޯސް ނިމެނީ ބުނެފައިވާ މުއްދަތަށް ވުރެން މާ ފަހުންނެވެ.
އޭއޭއޭ އާ ގުޅޭގޮތުން ރައީސް ނިންމެވި ނިންމެވުންތައް ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖާގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް އަަންގަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕައިލެޓްކަން ކިޔެވުމަށް ދަރިވަރުން ބެންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯންތަކަށް އިންޓްރެސްޓް އަރަމުންދާތީ އެ ލޯންތައް ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލު ކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭއޭއޭގެ މައްސަލަ ފެންމަތިވެ ދަރިވަރުންނާއި ބެލެނިވެރިން އެތައް ފަހަރަކު ވަނީ ޝަކުވާ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލައަށް މިހާތަނަށް ހައްލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.













