ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޮސްވުމާ ގުޅިގެން، އެ ސަރަހައްދުން ޓޫރިސްޓުން ރާއްޖެއަށް އައުން ވެސް ވަގުތީ ގޮތުން މަނާކޮށްފި އެވެ.
އެޗްޕީއޭން ބުނީ އަންނަ ބުރާސްފަތިދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.
މި ސަރަހައްދަށް ފިޔަވަޅު ވަރުގަދަކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަޒީފާ އަދާކުރަން ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުންއައުން އޮތީ މަނާ ކޮށްފަ އެވެ.
އަދި ހަމަ އެ ދުވަހު އޮތީ ދެކުނު އޭޝިއާ އިން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށް ރަށަށް ދިއުން ވެސް މަނާ ކޮށްފަ އެވެ.
ކޮވިޑް ކޭސްތައް ކުއްލިއަކަށް ގިނަވުމާ ގުޅިގެން އެކި އެކި ގައުމުތަކުން ވަނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ.

އެގޮތުން އޭޝިއާގެ ހަތަރު ގައުމަކުން މެލޭޝިއާއަށް ދަތުރުކުރުން ވަނީ މަނާ ކޮށްފަ އެވެ.
މި ސަރަހައްދުގެ އެންމެ ހާލަތު ގޯސް ގައުމަކީ އިންޑިއާ އެވެ. އިންޑިއާ ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ އެވެ.
ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިންތިހާ އަށް ގިނަ ވުމާއި ގުޅިގެން މިއަދު ވަނީ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.
މިގޮތުން މިހާރު ރޭގަނޑު 8:00 އިން ފަތިހު 4:00 އިއުލާނުކޮށްފައިވާ ކާފިއު، މާދަމާ އިން ފެށިގެން ހަވީރު 4:00 އަށް ކާފިއު ގަޑި ވަނީ އަވަސްކޮށްފަ އެވެ.
އަދި މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމުގެ އިތުރުން ކެފޭ އަދި ރެސްޓޯރަންޓުތަކުގައި އިން-ޑައިނިން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ.
އެ ތަންތަނުން ދެވޭނީ ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް އެކަންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ޕޮލިސް ޕާމިޓާއެކު މެންދަަމު 12އާ ހަމަޔަށް ޑެލިވަރީ ހިދުމަތަށް ފުރުސަތު ދޭނެ އެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑުގެ އާ ވެރިއަންޓަކާ އެކު ރާއްޖޭގެ ހާލަތު އޮތީ ވަަރަށް ބޮޑަށް ގޯސްވެފަ އެވެ. އެޗްޕީއޭ އިން ރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 1،204 މީހުން ޕޮޒިޓިވްވެފައިވެ އެވެ. މީގެތެރެއިން މާލެ ސަރަހައްދުން އެކަނި 961 މީހަކަށް ބަލި ޖެހިފައިވެ އެވެ.
މި ބަލީގައި ޒުވާނުން ވެސް ދަނީ ބޮޑުވަރުވަމުން ކަމަށެވެ. ހާއްސަކޮށް ވެކްސިންގެ ދެ ޑޯޒު ނުޖަހާ ތިބި މީހުންގެ ހާލަތު ދަށްވާ ކަން ފާހަގަވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.












