އޭއެފްސީން އިއްޔެ މެންދުރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމިއިރު، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އިން ތިބީ އެ ކްލަބްގެ ހޮޓަލް ލޮބީގައި ރާއްޖެ އަންނަން ފުރަން އެއާޕޯޓަށް ދާން ޓީމު ބަަހަށް ކުޅުންތެރިންގެ ދަބަސްތައް އަރުވައިގެންނެވެ. ބަހަށް އެރުމުގެ ކުރިން ޓީމު ފޮޓޯއެއް ނަގަން ތައްޔާރުވަމުން ދަނިކޮށް ބަޝުންދުރާގެ އިސް އޮފިޝަލަކު އައިސް ދިނީ އެ ކްލަބްގެ އެއްވެސް މީހަކު އުއްމީދު ކޮށްގެން ހުރި ހަބަރެއް ނޫނެވެ. އެއީ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އޭއެފްސީން ނިންމި ހަބަރެވެ.
ރާއްޖޭގައި ކުޅެން ކުރިން ޝެޑިއުލް ކޮށްފައި އޮތީ މާދަމާރޭގައި ކުޅެން އޮތް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗާއި މި މަހު 14-20 އަށް ކުރިއަށްގެންދަން ހަމަޖެހިފައި ކުރިން އޮތް ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ބަޝުންދުރާގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ދެން މި ގްރޫޕުން ފުރުސަތު ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
މެޗުތައް ފެށެން ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި މުއްދަތެއް ނެތް ގޮތަށް މި ގްރޫޕްގެ ކުޅުން ފަސްކުރަން އޭއެފްސީން ނިންމަން ޖެހުނީ ހިނގާދިޔަ އެކި ކަންތައްތަކެއްގެ ސަބަބުންނެވެ. މައްސަލަ ހޫނުވީ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސް ތިބި އިންޑިއާގެ ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު އެ ޓީމު ތިބި ހޮޓަލް ޖެން އިން ނުކުމެ މާލޭ މަގުމަތީގައި އުޅުމުންނެވެ. މިއީ އޭއެފްސީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލާ ހިލާފު އަމަލެކެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ކޭމްޕް ކުރާ ޓީމަކަށް ނުކުމެވޭނީ ހަމައެކަނި ޓްރެއިނިންނާއި މެޗު ކުޅެން އެކަންޏެވެ. އެ އުސޫލަށް ރާއްޖޭގެ ކްލަބްތަކުން ދިޔައީ ތަބާވަމުންނެވެ.
ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވުމާ އެކު އާންމުންގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ފުލުފުލުގައި ކުރެއްވި ދެ ޓްވީޓެއްގައި ގޮވާލާފައިވަނީ ބެންގަލޫރަށް މެޗު ނުކުޅެވޭނެ ކަމަށާއި އެ ޓީމު ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން އެފްއޭއެމް މެދުވެރިކޮށް އޭއެފްސީގައި އެދޭނެ ކަމަށް މިނިސްޓަރު އެ ޓްވީޓްތަކުގައި ވިދާޅުވެފައިވެ އެވެ.
އެފްއޭއެމުން ވެސް އޭއެފްސީގައި ބެންގަލޫރާ މެދު ފިޔަވަޅު އަޅަން އެދުނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭއެފްސީން އެދުނީ ޕްރޮޓޮކޯލާ ހިލާފުވި ފަރާތްތައް އެނބުރި ގައުމަށް ފޮނުވާލުމަށް ފަހު މެޗުތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ސަރުކާރުން މުބާރާތް ފަސްކުރަން ބާރު އަޅާފައިވާ މިންވަރު ބޮޑުވުމުން އެފްއޭއެމުން އިއްޔެ އެންމެ ފުރަތަމަ ކްލަބްތަކަށް އެންގީ މި ވަގުތު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެވެން ނެތް ކަމެވެ. އޭގެ ދޮޅު ގަޑިއިރެއްހާއިރު ފަހުން އޭއެފްސީން މުބާރާތް ފަސްކުރަން ނިންމީ މުއްދަތެއް ނެތް ގޮތަށެވެ.
އޭއެފްސީން ނެރުނު ބަޔާނުގައިވަނީ ރާއްޖެ އަންނަން އޮތް ބަޝުންދުރާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ދަތުރުކުރުމުގެ ކަންތައްތައް އެ ހިނދުން ފެށިގެން ކެންސަލްކުރަން އަންގައިފަ އެވެ. އޭއެފްސީ އިން އެކަން އަންގައި ބަޝުންދުރާ އަށް ކުރި އީމެއިލް ބަޝުންދުރާގެ މެނޭޖްމަންޓުން ކުޅުންތެރިންނަށް ހިއްސާކުރިއިރު، އެ ކުޅުންތެރިން ތިބީ ރާއްޖެ އަންނަން ދަބަސް ވެސް އަޅުވައިގެންނެވެ.
"ކުޅުންތެރިން ތިބީ މުބާރާތަށް ވަރަށް ކެތްމަދުވެފައި. އޮފިޝަލުން ތިބީ އެތައް މަސައްކަތެއް ކޮށްގެން މުބާރާތަށް ތައްޔާރުވެގެން. އެ ގޮތަށް މެނޭޖްމަންޓް ވެސް. އެކަމަކު އެ ހުރިހާ މަސައްކަތެއް މިދިޔައީ ފެނަށް. މުބާރާތަށް ތައްޔާރުވި ރޫހެއް ނެތް. ކުޅުންތެރިން މާޔޫސްވެއްޖެ،" ބަންގްލަދޭޝްގެ މީޑިއާތަކަށް ބަޝުންދުރާ ކިންގްސްގެ ރައީސް އިމްރުލް ހަސަން ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރުމާ މެދު މީގެ ކުރިން ވެސް އެފްއޭއެމާއި ޔޫތު މިނިސްޓްރީން ދެ ވަނަ ވިސްނުމަކަށް ދިޔަ އެވެ. އެއީ ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެވެ. އެކަމަކު އޭއެފްސީން އެންގީ މެޗުތައް ފެށެން އެހާ ގާތްވެފައި އޮއްވައި ފަސްކޮށްފިނަަމަ މި ވަގުތު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާން އެތައް ހަރަދެއް ކޮށްފައިވާ ޓީމުތަކަށް ބޮޑު ގެއްލުމެއްވާނެތީ މެޗުތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ފަހުން އެކި ސަބަބުތަކާ ހުރެ ހާލަތު ގޯސްވެ، މި ޖެހުނީ ފަސްކުރާށެވެ. ރަނގަޅަށް އަމަލުކޮށް ބޮޑަށް ތައްޔާރުވަމުން އައި ކްލަބްތަކަަށް ލިބޭނެ ގެއްލުމަކަށް ބެލުމެއް ނެތި އެވެ.
"އަހަރެމެން މީގެ ބަދަލު ހޯދަން އަންނަ ހަފްތާގައި އޭއެފްސީ އަށް ލިޔާނަން،" އިމްރުލް ވިދާޅުވި އެވެ.
ބަޝުންދުރާގެ އޮފިޝަލުންގެ ވެސް ޕްރެޝަރާ އެކު ބަންގްލަދޭޝްގައި އިއުލާނުކުރި ލޮކްޑައުނަށް ފަހު މީގެ 10 ވަރަކަށް ދުވަސް ކުރިން ބަންގްލަދޭޝްގެ ލީގު ފެށި އެވެ. ބަޝުންދުރާ އިން މި ދަނޑިވަޅުގައި މެޗުތަކެއް ކުޅުނީ އޭއެފްސީ ކަޕަށް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުންނެވެ. ބަޝުންދުރާގެ ކޯޗަކަށް ހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ މެޗުތަކަށް ވާނެ ގޮތް ވަރަށް ގާތުން ބަލަމުންދިޔަ ކަމަށާއި މެޗުތައް ފެށެން މިހާ ގާތްވެފައި ވަނިކޮށް މި ފަދަ ނިންމުމެއް އައުމަކީ ހަގީގަތުގައި ކްލަބްތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ރާއްޖޭގައި މި ވަގުތު ތިބި ބެންގަލޫރު ޓީމު މިއަދު ހަވީރު އެނބުރި ގައުމަށް ދާން ފުރާނެ އެވެ. ބެންގަލޫރުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ޕްރޮޓޮކޯލާ ހިލާފުވެވުނީތީ މައާފަށް އެދިފަ އެވެ. ގައިޑްލައިނާ ހިލާފުވި ބެންގަލޫރުގެ އެ ކުޅުންތެރިންނާއި އޮފިޝަލާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބްގެ ސީއީއޯ ޕާތު ޖިންދާލް ވަނީ ވިދާޅުވެފަ އެވެ. އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ބެންގަލޫރުގެ ބައެއް ކުޅުންތެރިންގެ ފަރާތުން މި ފެނުނު ޕްރޮފެޝަނަލް އުސޫލާ ހިލާފު އަމަލަށް ފާޑުކިޔަމުންނެވެ.
އޭއެފްސީން މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަތުން ނުނަގައި ކުރިއަށްދާން ނިންމައިފިނަމަ ދެން ފަސް ކުރެވުނު މެޗުތައް ކުޅުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތަކަށް ފަހު އެވެ. އެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހަމަޖައްސާފައިވަނީ ޗައިނާގަ އެވެ.
އީގަލްސް އާއި މާޒިޔާ އޭއެފްސީ ކަޕްގައި ކުޅެން ކޭމްޕް ވެސް ކުރި އެވެ. ކޮވިޑަށް ޓެސްޓް ކުރުުމަށް ފަހު އީގަލްސް ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު، މާޒިޔާ ކޭމްޕްކުރީ ހުޅުމާލޭ އަކާސިއާ ހޮޓަލްގަ އެވެ. މުބާރާތް ފަސްކުރުމާ އެކު އިއްޔެ އެ ދެ ޓީމު ވަނީ ހޮޓަލުން ނުކުމެފަ އެވެ.













