ގުދުސްގައި ފަލަސްތީނުގެ އާއްމުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ ފުލުހުން މިދިޔަ ހަފްތާގައި ޝެއިހް ޖައްރާ ހިސާބުގަނޑަށް "ސްކަންކް ވޯޓާ" ޖެހި ޖެހީނުން ދުރު ހިސާބުތަކަށް ވެސް އޭގެ ނުބައި ވަސް ހުއްޓެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ޝެއިހް ޖައްރާ ވެފައި ވަނީ އިރުމަތީ ގުދުސްގެ މައްސަލާގައި އިޒްރޭލާއި ފަލަސްތީނުގެ ކޯޅުމުގެ އެންމެ ބޮޑު ސަބަބަށެވެ. ފަލަސްތީނުގެ ރައްޔިތުންނާއި، އެ މީހުންގެ ހައްގަށް ވަކާލާތު ކުރާ މީހުންނާއި، ފަލަސްތީނުގެ ވެރިންނާއި، އެ ގައުމަށް ތާއީދު ކުރާ ގައުމުތަކުގެ ވެރިން ވެސް ވަނީ މި މައްސަލާގައި ވާހަކަ ދައްކަން ފަށާފަ އެވެ.
އިރުމަތީ ގުދުސްގައި ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއުގެ ތެރެއިން ޝެއިހް ޖައްރާގައި ދިރިއުޅޭ ފަލަސްތީނުގެ ހަ އާއިލާއެއް އެ މީހުންގެ ގެއިން ނެރުމާ ގުޅޭ ގޮތުން އިޒްރޭލުގެ ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމާނެ އެވެ. ގިނަ އަހަރުތަކަށް ދެމިގެން ގޮސްފައިވާ މި މައްސަލައަކީ "ރިއަލް އެސްޓޭޓް" މައްސަލައެއްގެ ގޮތުގައި އިޒްރޭލުން ސިފަކުރެ އެވެ. ނަމަވެސް ހަގީގަތުގައި މިއީ އެތައް ގަރުނުތަކެއް ވަންދެން ފަލަސްތީނުގެ އާއިލާތައް ދިރިއުޅެމުން ދިޔަ ގެތަކުން އެމީހުން ނެރުމަށް އިޒްރޭލުން ހިންގާ އަމަލެކެވެ.
"އެ މީހުން [އިޒްރޭލުން] މި ތަނުގައި ނޫނީ އިރުމަތީ ގުދުސްގެ އެއްވެސް ހިސާބެއްގައި އަރަބިން އުޅޭކަށް ބޭނުމެއް ނުވޭ،" ޝެއިހް ޖައްރާގައި ދިރިއުޅޭ ގެއިން ނުކުންނަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ އާއިލާއެއްގެ އުމުރުން 71 އަހަރުގެ އަބްދުލް ފައްތާހް ސާފީ ނިއު ޔޯކް ޓައިމްސްއަށް ބުންޏެވެ.

އިރުމަތީ ގުދުސްގެ ހަމަނުޖެހުން.--
މި މައްސަލާގައި ފާއިތުވި ހަފްތާގެ ކޮންމެ ރެއަކު ވެސް ޝެއިހް ޖައްރާގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެއްވުންތަކުގައި ފުލުހުންނާއި އިޒްރޭލުގެ ކަނާއަތު ފިޔައިގެ ހަރުކަށި ގްރޫޕުތަކުގެ މެމްބަރުންނާއި ފަލަސްތީނު މީހުންނާ ދެމެދު ހަމަނުޖެހުން ހިނގަ އެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ބޮޑު ކުރިމަތިލުންތަކެއް ހިނގި އެވެ. މި ރޯދަ މަހުގެ ފަހު ހުކުރާ ދިމާކޮށް ރޭގަނޑު ނަމާދަށް ފަހު މިސްކިތުން ފޭބި މީހުން އިޒްރޭލް ފުލުހުންނަށް ހަމަލާ ދިނީ ގަލާއި ހިލައިންނެވެ. އިޒްރޭލު ފުލުހުން ރައްދު ދިނީ ސްޓަން ގްރެނޭޑާއި ރަބަރު ބުލެޓުންނެވެ. މި ހަމަނުޖެހުމުގައި 150 އަށް ވުރެ ގިނަ ފަލަސްތީނު މީހުންނާއި އިޒްރޭލު ފުލުހުންގެ ހަ މީހުން ޒަހަމްވި އެވެ.
ކޮންމެ ރެޔެއްގައި މުޒާހަރާގައި ވެސް އިޒްރޭލް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވުމުން އިޒްރޭލުގެ ޕާލިމެންޓު ބައެއް މެމްބަރުންގެ ފާޑުކިޔުން ވެސް އަމާޒުވެ އެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައިން އަންނަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.
ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ވަނީ ފަލަސްތީނު މީހުން ގެތަކުން ނެރެފި ނަމަ ވަރުގަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމަކު ޔަހޫދީންގެ ކަނާއަތު ފިޔައިގެ މީހުން ބުނަނީ ޝެއިހް ޖައްރާއަކީ ތާރީހީ ގޮތުން ޔަހޫދީންގެ ބިމެއް ކަމަށެވެ. އެމީހުން ބުނާ ގޮތުގައި 1948 އާ ހަމައަށް އެ ތަނުގައި އުޅުނީ ޔަހޫދީންނެވެ.
"އަޅުގަނޑު އަހާލަން ބޭނުން. މީހެއްގެ މުދަލަކަށް އެހެން މީހަކު ވެރިވެ ގަންނަ ނަމަ، އެ މުދާ އޭނާގެ އަތުން އަތުލުމުގެ ހައްގު ނުލިބޭނެ ތަ؟،" އިޒްރޭލުން ވެރިވެ ގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރަން ތާއީދު ކުރާ ގުދުސްގެ ޑެޕިއުޓީ މޭޔަރު އާރްޔޭ ކިންގް ވިދާޅުވި އެވެ.

އިރުމަތީ ގުދުސްގައި ފަލަސްތީނު މީހުން އެކުގައި ރޯދަ ވީއްލަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް
އެކަމަކު ޝެއިހް ޖައްރާގައި އުޅޭ އެތައް ސަތޭކަ ފަލަސްތީނު މީހުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. އެ މީހުން އަންނަނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކޮންމެ ރެޔަކު އެއްވަމުންނެވެ. އެއްވުން ފައްޓަނީ އެންމެން އެކުގައި ބާއްވާ ބޮޑު ރޯދަ ވީއްލުމަކުންނެވެ. އޭގެ ފަހުން ނަމާދުކޮށް ނިންމާ، ހިޔާލު ފާޅުކުރަން ފެށުމުން ފުލުހުންނާ ކުރިމަތިލުން ހިނގަނީ އެވެ.
ހަމަނުޖެހުންތަކުގައި ކާރުތަކުގައި ހުޅު ޖަހާ، ބަޑި ޖަހާ ހަދާއިރު މިހާތަނަށް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ މަހު އެކަމާ ދެކޮޅަށް އަޑު އުފުލި އިޒްރޭލުގެ ޕާލިމެންޓު މެމްބަރަކަށް ވެސް ފުލުހުން އަނިޔާކުރި އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ހޫނުވެފައި ވާތީ އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ގުދުސްގެ ހާލަތު ގޯސްވެފައި ވާތީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖެނީނާ ޕޯޓާ ހުކުރު ދުވަހު ވިދާޅުވި އެވެ.
މިއީ މާ ގޯސް ނޫން ހާލަތެއް ކަމަށް ދެއްކުމަށް އިޒްރޭލު ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއީ 1950 ގެ އަހަރުތަކުގައި ޝެއިހް ޖައްރާއަށް ދިރިއުޅުން ބަދަލު ކުރި ފަލަސްތީނު އާއިލާތަކާއި ޝެއިހް ޖައްރާގެ ހަގީގީ ވެރިން ކަމަށް އިޒްރޭލުގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޔަހޫދީންނާ ދެމެދު އޮތް ޒާތީ މައްސަލައެއް ކަމަށް ސިފަ ކުރެ އެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފަލަސްތީނަށް ތުހުމަތު ކުރީ "އަމިއްލަ ދެ ފަރާތެއްގެ ދެމެދުގައިވާ ރިއަލް އެސްޓޭޓް މައްސަލައެއް ގައުމީ މައްސަލައެއް ކަމަށް ހަދައިގެން ގުދުސްގައި ހަމަނުޖެހުން އުފައްދަން އުޅޭ" ކަމަށެވެ.

ފަލަސްތީނު އާއިލާއެއްގެ އަތުން ޔަހޫދީން އަތުލި ޝެއިހް ޖައްރާގެ ގެޔެއްގެ ބޭރުގައި އިޒްރޭލު ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ.-- ފޮޓޯ: އޭޕީ
މި މައްސަލާގައި މީގެ ކުރިން ވެސް ޝެއިހް ޖައްރާގައި ކުދި އެއްވުންތައް ބާއްވަ އެވެ. އެކަމަކު މިދިޔަ ހަފްތާގައި އެއްވުންތައް އިތުރުވެ، ހަމަނުޖެހުން ބޮޑުވީ މާދަމާ އިޒްރޭލުގެ ސުޕްރީމް ކޯޓުން މި މައްސަލާގައި ގޮތެއް ކަނޑައަޅަން ތާވަލުކޮށްފައި ވާތީ އެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އިޒްރޭލުގައި ފާހަގަކުރާ "ޖެރުސަލަމް ޑޭ" އާ ދިމާކޮށެވެ. މި ދުވަހަކީ އިޒްރޭލުން 1967 ގައި ގުދުސްގެ އިރުމަތީ ސަރަހައްދުތައް ކާމިޔާބު ކަމާ އެކު ހިފުން ފާހަގަކުރާ ދުވަހެވެ. އާއްމުކޮށް އިޒްރޭލުގެ ކަނާއަތު ފިޔައިގެ ހަރުކަށި ގްރޫޕުތަކުން މި ދުވަސް ފާހަގަކުރަނީ ގުދުސްގައި ފަލަސްތީނު މީހުން ގިނަ ހިސާބުތަކުގެ މަގުތަކުގައި ޕެރޭޑު ބާއްވައިގެންނެވެ.
ޝެއިހް ޖައްރާ މައްސަލައިގެ ތާރީހް
ޝެއިހް ޖައްރާގެ މައްސަލަ އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭރު ފަލަސްތީނުގެ ވެރިންނަކީ އޮޓޮމަން ރަސްކަމުގެ ވެރިންނެވެ. ދެ ޔަހޫދީ ޓްރަސްޓަކުން ޝެއިހް ޖައްރާގެ ހިސާބުގަނޑެއް ގަތީ 1876 ގައި ކަމަށް ވެއެވެ.
އޭގެ ފަހުން 1948 ގެ އަރަބި އިޒްރޭލް ހަނގުރާމައިގައި އުރުދުންއިން ވަނީ އިރުމަތީ ގުދުސް ހިފާފަ އެވެ. އެއާއެކު ޝެއިހް ޖައްރާގައި ގިނަ ގެތަކެއް އެޅި އެވެ. އެ ގެތައް ހާއްސަ ކުރީ އިޒްރޭލުން ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުން ރެފިއުޖީންނަށް ވި އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށެވެ.
އަހަރުތަކެއް ފަހުން 1967 ގައި އިޒްރޭލުން އަނެއްކާ ވެސް އިރުމަތީ ގުދުސްއަށް ވެރިވެ ގަތެވެ. އަދި ޝެއިހް ޖައްރާގެ ގެތަކަކީ ޔަހޫދީންގެ މުދާ ކަމުގައި ކަނޑައެޅި އެވެ. މިހާރު އިޒްރޭލުން ރަސްމީކޮށް ދެކޭ ގޮތުގައި އެ ގެތަކުގެ ވެރިންނަކީ ކަނާއަތުގެ ފިޔައިގެ ގްރޫޕުތަކެވެ. ގެތަކުގައި އުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އުޅެނީ އެ ގްރޫޕުތަކުން ކޯޓަށް ގޮސްގެންނެވެ.
އޭގެ ފަހުން 1982 ގައި ފަލަސްތީނުގެ މީހުން ވަނީ އެއީ ޔަހޫދީންގެ މުދާ ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުންނަށް އެ ތަނުގައި އުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ފަލަސްތީނު މީހުން މިހާރު ބުނަނީ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށެވެ.
ފަލަސްތީނު މީހުން ދެކޭ ގޮތުގައި ގެތަކަކީ ޔަހޫދީންގެ މުދަލެއް ނޫނެވެ. އަދި އޮޓޮމަން ވެރިކަމުގައި އެ ގެތަކުގެ ވެރިންގެ ގޮތުގައި އެންމެ ކުރިން އުޅުނީ ފަލަސްތީން މީހުންކަން ބަޔާން ކުރާ ލިޔުންތައް ވެސް އެމީހުން ހޯދާފައި ވެއެވެ.
އެކަމަކު ޔަހޫދީން ބުނަނީ އޭގެ ފަހުން އެ ބިންތައް ގަތީ އެ މީހުންނަށް ވުމުން އެއީ އެ މީހުންގެ މުދާ ކަމަށެވެ.

މުޒާހަރާއިން ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ.--
މިހާރު ވެސް ޝެއިހް ޖައްރާގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ވަނީ ބޭރުކޮށްފަ އެވެ. އެއް ގޭގައި 2009 ވަނަ އަހަރުން ފެށިގެން ފަލަސްތީނު މީހުން ދިރިއުޅެން ޖެހެނީ ޔަހޫދީ އާއިލާއަކާ އެކު އެވެ.
ޕީސް ނައު ގްރޫޕުން އަންދާޒާ ކުރާ ގޮތުގައި 3000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ 200 އެއްހާ ގެއިން މީހުން ނުކުންނަ ޖެހުމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ފަލަސްތީނު މީހުން ދިރިއުޅޭ 20،000 ގެ ސުންނާފަތިކޮށްލުމުގެ ބިރު ވެސް އެބަ އޮތެވެ.
ފަލަސްތީނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ގެތަކުން މީހުން ނެރުމުގެ ހަގީގީ މަގްސަދަކީ މުޅި ގުދުސްގައި އިޒްރޭލުގެ ބާރު ހިންގުމެވެ. ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށަށް ހެދުމަށެވެ. އެކަމަކު އިޒްރޭލުން ދެކެނީ މުޅި ގުދުސް އަކީ އެ މީހުންގެ ވެރިރަށް ކަމަށެވެ.
އެހެންވެ އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.
މާދަމާ އިޒްރޭލު ސުޕްރީމް ކޯޓުން ފަލަސްތީނު މީހުން ގެތަކުން ނެރެން ކަނޑައަޅައިފި ނަމަ އަންނަ ހަފްތާގައި އެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެ އެވެ. އިޒްރޭލުގެ ގާނޫނުގައިވާ ގޮތުން 1948 ގައި ޔަހޫދީންނަށް ގެއްލުނު މުދާ އަލުން މިލްކު ކުރުމަށް ހުއްދަ ކުރެ އެވެ. އެކަމަކު ހަމަ އެ ހަނގުރާމައިގައި ފަލަސްތީނު މީހުންނަށް ގެއްލުނު މުދާ އަނބުރާ ނުލިބޭނެ އެވެ.
ޝެއިހް ޖައްރާގެ ގެއިން ނިކުންނަން ޖެހުމުގެ ބިރު އޮތް އަބްދުލް ފައްތާހް ސާފީ ބުނީ އޭނާގެ އާއިލާއިން އެ ތަނުގައި ދިރިއުޅުނީ 1948 ގެ ކުރިން ފެށިގެން ކަމަށެވެ. އެކަމަކު ގެއިން ނެރެފި ނަމަ އަނބުރާ ލިބޭނެ ގާނޫނީ މަގެއް ނެތެވެ.
"މިއީ ފުޅާކޮށް ހިންގާ ރޭސިޒަމް. ޔަހޫދީންނަށް އެ މީހުންގެ މުދާ އަނބުރާ ލިބޭ. އެކަމަކު އަރަބިންނަކަށް ނުލިބޭނެ،" މި މައްސަލާގައި މުޒާހަރާގެ ތެރެއިން އިޒްރޭލު ފުލުހުން ފަލަސްތީނު މީހުން ފައްސާލުމަށް "ސްކަންކް ވޯޓާ" ޖަހަމުން ދިޔަ ވަގުތު އޭނާ ނިއު ޔޯކް ޓައިމްސްއަށް ބުންޏެވެ.










