ރާއްޖޭގައި ހޯސްޓްކުރަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން އޭއެފްސީން ނިންމައިފި އެވެ.
އޭއެފްސީން މިކަން އިއުލާނުކުރީ ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގަ އެވެ. އޭއެފްސީން މި ގޮތަށް ނިންމީ މި ވަގުތު އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ހޯސްޓް ނުކުރެވޭނެކަން އެފްއޭއެމުން ކްލަބްތަކަށް އެންގި ފަހުންނެވެ.
ބަޔާނުގައިވާ ގޮތުން އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ކުޅެން މި ވަގުތު ރާއްޖެ އައިސްފައިވާ ބެންގަލޫރުން އަމިއްލަ އަށް އެނބުރި ގައުމަށް ދިއުމުގެ ދަތުރު ފަތުރުތައް ހަމަޖައްސާއިރު، ރާއްޖޭގައި ކަނޑައަޅާފައިވާ ކޮވިޑް ޕްރޮޓޯކޯލާ އެއްގޮތަށް އަމަލުކުރަން ވަނީ އަންގައިފަ އެވެ. އަދި އޭއެފްސީ ކަޕާ ގުޅިގެން ރާއްޖެ އަންނަން ދަތުރު ފަތުރު ހަމަޖައްސާފައިވާ ފަރާތްތަކުން މި ހިނދުން ފެށިގެން އެ ދަތުރުތަކުގެ ކަންތައް ކެންސަލްކުރަން އޭއެފްސީން އަންގާފައިވެ އެވެ.
އޭއެފްސީ ކަޕްގައި ކުޅެން ރާއްޖެ އަންނަން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮތް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ވެސް ދިޔައީ ތައްޔާރުވަމުންނެވެ. ހުކުރު ދުވަހު އޭޓީކޭ މޯހަން ބަގާން ޓީމު ކުރި ޓެސްޓްތަކުން ތިން ކުޅުންތެރިއަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އޭއެފްސީން މިއަދު ނެރުނު ބަޔާނާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ބަޝުންދުރާ އާއި މޯހަން ބަގާން ދަތުރުތައް ކެންސަލްކުރާނެ އެވެ.
"އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައި. ދެން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު އުސޫލުގެ ތެރެއިން ފަހުން އަންގާނަން،" އޭއެފްސީގެ ބަޔާނުގައިވެ އެވެ.
އޭއެފްސީން މުބާރާތުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަތުން ނުނަގައި ކުރިއަށްދާން ނިންމައިފިނަމަ ދެން ފަސް ކުރެވުނު މެޗުތައް ކުޅުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތަކަށް ފަހު އެވެ. އެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހަމަޖައްސާފައިވަނީ ޗައިނާގަ އެވެ.
މައްސަލަ ދިމާވީ ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވުމުން
ކޮވިޑްގެ ނުރައްކާ ރާއްޖެ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަތަމަ ވަނީ ހާއްސަ ހުއްދައެއް ދީފަ އެވެ. އެގޮތަށް ނިންމާފައި ވަނިކޮށް މައްސަލަ ހޫނުވީ ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރުން އޭއެފްސީ އާއި އެޗްޕީއޭގެ ޕްރޮޓޮކޯލާ ހިލާފުވުމުންނެވެ.
ހަމައެކަނި ޓްރެއިނިންނާއި މެޗަށް ނުކުމެވޭގޮތަށް އުސޫލު އެކުލަވާލާފައިވަނިކޮށް އިއްޔެ ހަވީރު ބެންގަލޫރުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮޓަލުން ނުކުމެ މަގުމަތީގައި އުޅެފަ އެވެ.
ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވި މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭއެފްސީ އާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ހޮޓަލުން ނުކުމެގެން ބެންގަލޫރު މާލެ ތެރޭގައި އުޅެފައިވާތީ އެ ޓީމު މި ހިނދުން ފެށިގެން ރާއްޖެ ދޫކޮށް ދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބެންގަލޫރަށް ދެން ރާއްޖޭގައި މެޗު ނުކުޅެވޭނެ ކަމަށާއި އެފްއޭއެމާ ވާހަކަ ދައްކައިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން ހުށަހަޅާނެ ކަމަށް ރޭ މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ ނޫހަކަށް ރޭ ބެންގަލޫރު އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ވަނީ ޕްރޮޓޮކޯލާ ހިލާފުވެވުނުކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އެކަމަކު މިއަދު ބެންގަލޫރުން ވަނީ ޕްރޮޓޮކޯލާ ހިލާފުވެވުނީތީ މައާފަށް އެދިފަ އެވެ. އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވިދާޅުވީ ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭއެފްސީ ކަޕްގައި ވާދަކުރަން ވެގެން ޕްރޮޓޮކޯލާ އެއްގޮތަށް މާޒިޔާ އާއި އީގަލްސް އިން ތިބީ މި ވަގުތު ކޭމްޕް ކޮށްގެންނެވެ. އީގަލްސް ހޮޓަލް ޖެންގައި ތިބިއިރު، މާޒިޔާ ކޭމްޕްކޮށްފައިވަނީ ހުޅުމާލޭ އަކާސިއާ ގެސްޓް ހައުސްގަ އެވެ. މި ދެ ޓީމުން މީގެ އެއް ދުވަސް ކުރިން ކޭމްޕްކުރީ ކޮވިޑަށް ޓެސްޓް ހެދުމަށް ފަހު އެވެ. ޕްރޮޓޮކޯލާ އެއްގޮތަށް މިދިޔަ ދެ ދުވަހު މާޒިޔާ އާއި އީގަލްސް އިން ވަނީ ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފަ އެވެ. މުބާރާތް ފަސްކުރަން ނިންމުމުން މިއަދު ދެ ޓީމު ވެސް ހޮޓަލުން ނުކުންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އީގަލްސް އަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ކުޅުމުގެ ފުރުސަތު ލިބުނީ ކޮލިފައިން ފުރަތަމަ މެޗުގައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީ އަތުން ބަލިވިއިރު، ކޮލިފައިން ދެ ވަނަ މެޗު އޮޓަމެޓިކުން ލިބުމުންނެވެ. އެއީ އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް މެޗު ކުޅެވޭނެ ގޮތެއް ނުހޯދި އެންމެ ފަހުން އޭއެފްސީން އެ ޓީމު މުބާރާތުން ވަކިކުރުމުންނެވެ.
ޕްލޭއޮފްގައި ބެންގަލޫރު ބަލިކޮށްފިނަމަ އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ރާއްޖޭގެ ޗެމްޕިއަންގެ ހައިސިއްޔަތުން މާޒިޔާ މި ވަގުތު ވެސް އޮތީ ގްރޫޕް ސްޓޭޖުގަ އެވެ.













