ޗައިނާގެ ދައުލަތުގެ ކުންފުންޏަކުން ކޮވިޑާ ދެކޮޅަށް އުފެއްދި ސިނޮފާމް ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.
ޗައިނާ އާއި ގިނަ އެހެން ގައުމުތަކުގައި ވެސް އެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް މިހާތަނަށް ދީފައި ވެއެވެ. ރާއްޖޭގައި ވެސް އަންނަނީ ސިނޮފާމް ވެކްސިން ދެމުންނެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯއިން ހުއްދަ ދިީފައި ވަނީ ފައިޒާ، އެސްޓްރަޒެނެކާ، ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާ ވެކްސިނަށެވެ.
ޑަބްލުއިއެޗްއޯއިން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ބުނީ ސިނޮފާމް ވެކްސިންގެ "ރައްކާތެރިކަމާއި، ކޮލިޓީ އަދި ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރު" ޔަގީންކުރެވިފައިވާ ކަމަށެވެ.
ސިނޮފާމް ވެކްސިންގެ ދެ ޑޯޒް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ލަފާ ދެއެވެ.
ޗައިނާއިން އުފެއްދި ދެ ވަނަ ވެކްސިން، ސިނޮވެކް އާއި ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިނަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ވެސް ޑަބްލުއިއެޗްއޯއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.










