ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު ދުވާލެއްގެ މައްޗަށް 500 އަށްވުރެ މައްޗަށް ގޮސްފައިވާއިރު އޭގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ގިނަ އަދަދަކަށް ހިމެނެމުންދާތީ އެކަމަށް ސަމާލުވާން އެޗްޕީއޭން އިލްތިމާސްކޮށްފި އެވެ.
ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާގެ ވީޑިއޯ މެސެޖެއް މެދުވެރިކޮށް މިރޭ އިލްތިމާސް ކުރައްވާފައިވަނީ، ޕޮޒިޓިވް ކޭސްތަކުގައި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނެމުންދާތީ ކުދިންގެ ރައްކާތެރިކަމަށްޓަކައި ނަމަވެސް، މިދުވަސްކޮޅު ގެއިން ބޭރަށް ނިކުތުން މަދުކޮށްދިނުމަށެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި، 10 އަހަރާއި އެއް އަހަރާ ދެމެދުގެ ކުދިން ޕޮޒިޓިވް ވާ އަދަދު ދުވާލެއްގެ މައްޗަށް މިހާރު އުޅެނީ 70-80 ދެމެދުގަ އެވެ. އަދި އެއް އަހަރުން ނުފުރޭ 4-5 ކުދިން ދުވާލެއްގެ މައްޗަށް ދަނީ ޕޮޒިޓިވް ވަމުންނެވެ.
ބޮޑެތި މީހުންނާ އަޅާ ބަލާއިރު ކޮވިޑް ޖެހިގެން ކުޑަކުދިންގެ ހާލު ސީރިއަސް ވާ މިންވަރު މުޅި ދުނިޔެއަށް ބަލާއިރު ވެސް މަދެވެ. ނަމަވެސް، އެއީ ނުވާނެ ކަމެއް ކަމަށް ބަލައިގެން ފަރުވާކުޑަކޮށްގެން ތިބެވެން ނެތް ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކޮވިޑްގެ ވެކްސިން ވެސް ނުދެވެ އެވެ.

ކޮވިޑް 19 ގެ ކޭސްތައް މިހާރު ރާއްޖެއިން ފެންނަމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް އެޗްޕީއޭން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް މުޅި ރާއްޖޭން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން 526 ފެނިފައިވަނީ މާލެއިންނެވެ.












